ޝަހުސިއްޔަތު: އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާ

0

އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލް މަޖީދު

” ކަމަނާ ގޭގައި އިންނަވާށެވެ. ﷲ ތަޢާލާ ކަމަނާއަށް ޝަހީދުވުމުގެ ރަޙްމަތް ލައްވާނެއެވެ. “

Advertisements

ލޮބުވެތި މާތް ނަބިއްޔާއެވެ! ކަލޭގެފާނު ވިދާޅުވީ ހަމަ ތެދު ބަސްފުޅެކެވެ. ކަލޭގެފާނަކީ އެންމެ ތެދުވެރި އެންމެ އަމާނާތްތެރި އިންސާނާއެވެ. އަލްއަމީނުގެ ލަޤަބުން، ޖާހިލިއްޔަ ޒަމަނުގައާއި ފަހުގެ ޖީލުތަކުގައި ކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ މި ސަބަބާއި ހުރެއެވެ. ކަލޭގެފާނުގެ ޚުލުޤުފުޅުގެ މަތިވެރި ކަމާއެވެ! ކަލޭގެފާނު ކިހާޤަދަރުވެރި ހެއްޔެވެ! މިމާތް ޞަޙާބިއްޔާ، އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާ އެކަމަނާ ދުނިޔޭގައި ހުންނަވަނިކޮށް ޝަހީދެއްގެގޮތުގައި އަވަހާރަވެވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރުދެއްވުން އެއީ ހަމަކަށަވަރުންވެސް ކަލޭގެފާނުގެ ނަބީކަމުގެ ދަޢުވާގެ ތެދުވެރި ހެއްކެކެވެ.

ލޮބުވެތި މުސްލިމުންނޭވެ! މި މާތް ޞަހާބިއްޔާގެ ޙަޔާތުގެ ޞަފްޙާތައް ވިދާޅުވުމަށް ވަގުތުކޮޅެއް ހުސްކޮށްލަމާތޯއެވެ. އަޑު އައްސަވާށެވެ. އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާ އަކީ މަދީނާގެ އަންޞާރިއްޔަ ބޭކަނބަލުންގެ ތެރެއިންވާ ޞަޙާބިއްޔާއެކެވެ. އެކަމަނާއަކީ ޢިއްޒަތާއި ޤަދަރުވެރި މުއްސަނދި ބޭކަނބަލެކެވެ. މިކާއިނާތް ޚަލްޤު ކުރެއްވި ގަދަކީރިތިވަންތަ ހުސްޠާހިރުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަސްފުޅުތަކަށް އީމާންވެ، އިސްލާމްދީން ޤަބޫލްކޮށް، ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ހިދާޔަތް ދެއްވުމަށް ހަތް އުޑުމަތިން ބާވައިލެއްވި ދުސްތޫރު، އެބަހީ ކީރިތި ޤުރްއާން ކިޔެވުމާއި ހިތުދަސްކުރުމާއި އެފޮތުގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބަޢަވެ، ޢަމަލުކުރުން އެއީ އެކަމާނާގެ ޙަޔާތުގެ މަޤްޞަދުކަމުގައި ހެދިއެވެ. ދިރިއުޅުމުގެ ހުރިހާކަމެއްގެ އަސްލު ކަމުގައި ވެފައިވަނީ ޤުރްއާނެވެ.

ޝާމްކަރައިގެ ރަށްތަކުން ވިޔަފާރި ދަތުރު ނިންމުމަށްފަހު، އަބޫ ސުފްޔާންގެ ޤިޔާދަތުގެދަށުން މައްކާގެ ޤުރައިޝުންގެ ޤާފިލާއެއް ގިނަ މުދާތަކަކާއެކު މައްކާއަށް ދާ ޚަބަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ލިބިވަޑައިގަތެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް މުސްލިމުންނަށް ބަދުރުގެ މައިދާނަށްގޮސް އެޤާފިލާ ހުއްޓުވުމަށް އަމުރުކުރެއްވިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވަމޭ ބުނުމުން، މައްކާގެ މުޝްރިކުންވަނީ އެއްވެސް ޙައްޤަކާއި ނުލާ މުސްލިމުން އެމީހުންގެ ގެދޮރާއި މުދަލާއި ފައިސާއިން މަޙުރޫމްކޮށްފައެވެ. އެހެންކަމުން މިޤާފިލާގެ މުދަލުން، މަދީނާއަށް ހިޖުރަ ކުރެއްވި މުހާޖިރުންގެ ގެއްލިފައިވާ ޙައްޤުތައް ﷲ ތަޢާލާ އެ ބޭކަލުންނަށް ދެއްވާފާނެކަމުގެ އުއްމީދުގައި ނުކުތުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރު ކުރެއްވީއެވެ. ބަދުރު ހަނގުރާމައިގެ ނަމުން މަޝްހޫރުވެގެންދިޔަ މި ހަނގުރާމައިގައި ބައިވެރިވުމަށް އެކަމަނާ ބޭނުންވެވަޑައިގަތެވެ. ރަސޫލާ ޞާއްލަ ﷲ ޢަލައިހި ވަސައްލަމް ގެ އަރިހަށް އައިސް އެކަމަނާ ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނުގެ ޞަޙާބީންގެތެރެއިން ބަލިމީހުންނަށާއި ޒަޚަމްވެފައިވާ މީސްތަކުންނަށް އެހީތެރިވުމުގެ ގޮތުން ކަލޭގެފާނާއި އެކު ހަނގުރާމާއިގައި ބައިވެރިވުމުގެ އިޒުނަ ތިމަންކަމަނާއަށް ދެއްވާށެވެ. ފަހަރެއްގައި ﷲ ތަޢާލާ ތިމަންކަމަނާއަށް ޝަހީދުވުމުގެ ރަޙްމަތް ލައްވަފާނެކަމަށްޓަކައެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ކަމަނާ ގޭގައި އިންނަވާށެވެ. ﷲ ތަޢާލާ ކަމަނާއަށް ޝަހީދުވުމުގެ ރަޙްމަތް ލައްވާނެއެވެ.” އެދުވަހުން ފެށިގެން އެކަމާނާއަށް ޝަހީދެއްގެ ލަޤަބުން ނަންދެވުނެވެ.

އިސްލާމްދީނުގައި ޝަހީދުވުމުގެ މާތްކަމާއި މަތިވެރިކަން އެކަމަނާއަށް ވަނީ ވަރަށް ރަނގަޅަށް އެނގިފައެވެ. ޝަހީދުވުމަކީ ﷲ އާއި އެއިލާހުގެ މުއުމިން އަޅާއާއި ދެމެދުގައިވާ ޢަހުދު ކަށަވަރެކެވެ.  ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ (إِنَّ اللَّـهَ اشْتَرَىٰ مِنَ الْمُؤْمِنِينَ أَنفُسَهُمْ وَأَمْوَالَهُم بِأَنَّ لَهُمُ الْجَنَّةَ ۚ يُقَاتِلُونَ فِي سَبِيلِ اللَّـهِ فَيَقْتُلُونَ وَيُقْتَلُونَ ۖوَعْدًا عَلَيْهِ حَقًّا فِي التَّوْرَاةِ وَالْإِنجِيلِ وَالْقُرْآنِ ۚ وَمَنْ أَوْفَىٰ بِعَهْدِهِ مِنَ اللَّـهِ ۚ فَاسْتَبْشِرُوا بِبَيْعِكُمُ الَّذِي بَايَعْتُم بِهِ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ) التوبة 111 މާނައީ: ” ހަމަކަށަވަރުން، ﷲ  މުއްމިނުންގެ ކިބައިން އެއުރެންގެ نفس ތަކާއި، މުދާތައް ބައްލަވައިގަތެވެ. އެއުރެންނަށް ސުވަރުގެ ހުރިކަމަށްޓަކައެވެ. އެއުރެން ﷲ ގެ މަގުގައި ހަނގުރާމަ ކުރެތެވެ. ފަހެ، އެއުރެން (ދުޝްމަދުން) ޤަތުލުކޮށް، އަދި އެއުރެން ޤަތުލު ވެދެއެވެ. (އެއުރެންނަށް ސުވަރުގެ ހުރިކަމީ) ތައުރާތާއި، އިންޖީލާއި، ޤުރްއާން ގައި، އެކަލާނގެ ޒާތުފުޅުގެ މައްޗަށް ޙައްޤުގޮތުގައި ކުރައްވާފައިވާ ވަޢްދެކެވެ. އަދި ޢަހްދުފުއްދުމުގައި، ﷲ އަށްވުރެ ފުއްދުންތެރިކަން ބޮޑީ ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ވިއްކި ވިއްކުމާމެދު އުފާކުރާހުށިކަމެވެ! ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ. “ މިދުނިޔޭގެ ޙަޔާތަށް އެދޭމީހަކު ބޭނުންވާ ހުރިހާކަމެއް އެކަމަނާއަށް ލިބިގެންވެއެވެ. މުދާވެރިކަމާއި މަޝްހޫރުކަމާއި ޝަރަފާއި މަތިވެރިކަމާއި މުޖުތަމަޢުގައި ޤަދަރުވެރިކަން ލިބިފައިވެއެވެ. މި ދުނިޔެވީ ކާމިޔާބުގެ މަންޒިލަށް ވާސިލްވިއެވެ. އެހެނެއްކަމަކު، މި ދުނިޔެއިން ލިބިދާނެ އެއްޗެއް ހޯދުމަށް އެކަމަނާ ގަދައަޅައި މަސައްކަތްނުކުރެއެވެ. މީސްތަކުން އެކަންތައްތައް ލިބިގަތުމަށް މަސައްކަތްކުރާވަރު އެކަމަނާއަށް ފެނެއެވެ.  މިކެހިވެރި ޙަޔާތަކީ އެއްވެސް އަގެއްނެތް ފަނާވެގެންދާނެ ޙަޔާތެއްކަމާއި ﷲ ތަޢާލާގެ ޙަޟުރަތުގައިވާ ކަންތައްތަކަކީ ދާއިމަށް ދެމިގެންވާނެ ކަންތައްތައްކަން އެކަމާނާއަށް ޔަޤީންވެއެވެ. ބަދަލެއް އަދި ނިމުމެއްނުވާ ސުވަރުގޭގެ ދާއިމީ ޙަޔާތުގެ ފިކުރުތަކުން އެކަމަނާގެ ޚިޔާލުތަކަށްވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ސުވަރުގޭގެ އަހުލުވެރިންނަށް ތައްޔާރު ކުރައްވާފައިވާ، ދުވަހަކުވެސް މީހެއްގެ ލޮލަށް ފެނިފައިނުވާ، ކަންފަތަށް އެއާއިމެދު އަޑުއިވިފައިނުވާ، އިންސާނެއްގެ ހިތަށްވެސް އަރާފައިނުވާ، އަދި ޚާއްޞަކޮށް ޝަހީދުންނަށް ތައްޔާރުކުރައްވާފައިވާ މަތިވެރި ނިޢުމަތުގެ ޚަބަރުން އެކަމަނާގެ ޙަޔާތަށްވަނީ ވަރަށް އަސަރުކޮށްފައެވެ. އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާ އެކަމަނާގެ ޙަޔާތުގެ ދުވަސްތައް ގޭގައި ހޭދަކުރައްވައި ކީރިތި ޤުރުއާނުގެ ސޫރަތްތައް ލިޔެވިފައިވާ ފަތްފުތްތައް، ޚުޝޫޢަތްތެރިކަމާއި ތަޤުވާވެރިކަމާއެކު ކިޔެވުމުގައި ހޭދަކުރެއްވިއެވެ. ކޮންމެ ދުވަހެއް ފާއިތުވެގެންދަނީ ﷲ ތަޢާލާ އަށް ކުށްތަންވުން އިތުރުކުރުކޮށް ތަޤުވާވެރި ވުމުގައެވެ.

ކުރިންވެސް ދެންނެވި ފަދައިން ބަދުރު ހަނގުރަމައިގެ ދުވަހުން ފެށިގެން އެކަމަނާ މަޝްހޫރުވެފައިވަނީ ޝަހީދެއްގެ ލަޤަބުންނެވެ. މި މަތިވެރި ލަޤަބުން ނޫނީ ޞަޙާބީއަކުވެސް އަދި އެހެންމީހަކުވެސް އެކަމަނާޔަށް މުޚާތަބު ނުކުރެއެވެ. ގިނަ މަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް ޝަހީދުނުވެ އެކަމަނާ ދުނިޔޭގައި ހުންނެވިއެވެ. މިކަމާއި އަޖާއިބެއް ނުވަންތޯއެވެ!؟

އެއްދުވަހު އެކަމަނާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އައިސް އެކަމާނާގެ ގޭގައި އިމާމްވެ ނަމާދު ކުރުމަށް އިޒުނަޔަށް އެދުނެވެ. އެހިނދު އެކަލޭގެފާނު އެކަމަނާއަށް ހުއްދަދެއްވިއެވެ. އެކަމަނާ ޢާއިލާގެ މީހުންނާއި އަވަށްޓެރިންނާއި ޜަހްމަތްތެރިންނާއިއެކު އިމާމްވެ ނަމާދުކުރުމަށް އެކަމަނާގެ ގެކޮޅުގައި ތަނެއް ޚާއަސްކުރެއްވިއެވެ. އަންހެނުންގެ ޖަމާޢަތާއި އެކު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމަށް ފުރުސަތު ލިބިގެންދިއުން އެއީ އެކަމަނާއަށް ލިބުނު ވަރަށްބޮޑު އުފަލެކެވެ. ރެއާއި ދުވާލު ﷲ ތަޢާލާއަށް ޒިކުރުކުރުމުގަޔާއި ދުޢާކުރުމުގައި ދެމިހުންނެވިއެވެ. އެކަމަނާއަކީ ކައިވެނި ބައްލަވައިގެން ހުންނެވި ބޭކަނބަލެއްނޫނެވެ. އެހެނެއްކަމަކު، އެކަމަނާގެ ތަނަވަސް ގެކޮޅުގައި ދިރިއުޅުއްވީ އެކަނިމާ އެކަންޏެއްނޫނެވެ. އެކަމަނާޔަށް ދެ އަޅުން ލިބިގެންވެއެވެ. ޚާދިމަކާއި ޚާދިމާއެކެވެ. މަންމަޔަކު އޭނާގެ ދަރިން ލޯތްބާއި ކުލުނާއި އަޅާލުމާއެކު ބަލާބޮޑުކުރާ ބީދައިން އެއަޅުންނާއި މެދުވެސް ކަންތައް ކުރެއްވިއެވެ. އެކަމަނާއަކީ ތެދުވެރި މުއުމިނު އަޅެކެވެ. ﷲ ތަޢަލާގެ ޤާނޫނަށް ފުރިހަމަޔަށް ބޯލަނބައި ކިޔަންތެރިކަން އަދާކުރިއެވެ. ސުންނަތް ރޯދަ ހިފުމާއި ރޭ އަޅުކަންކުރުމުގައި ޤާއިމްވެ ހުންނެވިއެވެ. ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ހަޟުރަތުން ސަވާބާއި ދަރުމަޔަށް އެދޭ ޙާލުގައެވެ. އެކަމަނާ އަވަހާރަވެއްޖެނަމަ، ދެ އަޅުން މިނިވަންކުރުމަށް ވަޞިއްޔަތް ކުރެއްވިއެވެ. މިނިންމުމުގެ ސަބަބުން ދެ އަޅުންނަށް ވަރަށްބޮޑު އުފާވެރިކަމެއް ލިބުނެވެ. އަދި ﷲ ތަޢާލާ އެކަމަނާއަށް ލިޔުއްވާފައިވާ އަޖަލުހަމަވަންދެން އިންތިޒާރުކޮށްކޮށް ތިއްބެވެ.

މުޅި ޢާލްމަތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަވެވަޑައިގަތުމުން މުސްލިމުންގެ ޚަލީފާއަކަށް އަބޫބަކުރު ރަޟިޔަﷲ ޢަންހު އިސްކުރެއްވުނެވެ. އެކަލޭގެފާނަށްފަހު މުސްލިމުންގެ ދެވަނަ ޚަލީފާއަކަށް ޢުމަރު ރަޟިޔަﷲ ޢަންހު އިސްކުރެވުނެވެ. މި މުއްދަތުގެ ތެރޭގައިވެސް އެކަމަނާ ދުނިޔޭގައި ހުންނެވިއެވެ. އަޅުކަންކުރުމުގައި ޤާއިމްވެހުރެ ފުރިހަމަ މުސްލިމެއްގެގޮތުގައި ﷲ ތަޢާލާއާއި ބައްދަލުވުމުގެ އުއްމީދުގައެވެ. ރޭގަނޑުގެ މަދު ވަގުތުކޮޅެއްގައި މެނުވީ ނިދި ނުކުރައްވައެވެ. ރޭގަނޑުގެ އަނދިރިވަގުތުތަކުގައި ﷲ ތަޢާލާގެ ހަޟުރަތުން ފާފަފުއްސެވުމަށާއި އެއިލާހަށް ޚުޝޫޢަތްތެރިކަމާއެކު އަޅުކަންކުރެއްވުމުގައި ހޭދަ ކުރެއްވިއެވެ. ނަމާދުކޮށް މެދުކެނޑުމެއްނެތި ޤުރްއާން ކިޔެވުމުގައި ވަގުތުތައް ހޭދަކުރެއްވިއެވެ.

އެއްރޭ ގޮވާލިމީހަކު ގޮވާލިއެވެ. “އޭ އުއްމު ވަރަޤާއެވެ! ޝަހީދުވުމަށް އަންނާށެވެ. ކަމަނާގެ މަރުގެ ވަގުތު އައިސް ޖެހިއްޖެއެވެ. ކަމަނާގެ ކަށްވަޅު އޭގެ ފުޅާކަމާއެކުވަނީ ކަމަނާއަށް ޚާއްސަކުރެވިގެންނެވެ. ﷲ ތަޢާލާގެ ޙަޟުރަތުގައިވާ ކަންތައްތަކަކީ އެންމެ ހެޔޮ އަދި ނިމުމެއްނުވާ ކަންތައްތަކެވެ. ކަމަނާއަށް ﷲ ޙަޟުރަތުގައި މަތިވެރިކަމާއި ގާތްކަމެއް ލިބިގެންވެއެވެ.” އެހިނދު ޝައިޠާނާ އައިސް އެކަމަނާގެ ދެއަޅުންނަށް ވަސްވާސްދެމުން ބުންޏެވެ. “ދިގު މުއްދަތެއް ފާއިތުވަމުންދާއިރު އިންތިޒާރު ތިކުރަނީ ކޮންކަމަކަށް ހެއްޔެވެ؟ މިނިވަންވުން އަވަސް ވެގަންނާށެވެ. ކަލޭމެންގެ މިނިވަންކަމަށްވާ ހުރަހަކީ އުއްމު ވަރަޤާ ގެ ފަހުނޭވާއެވެ. އަވަސް ވެގަންނާށެވެ!” ދެން އެ ދެ މީހުން ތެދުވެ އެކަމަނާގެ ކަރުފުޅުގައި ހިފައި ބާރުކޮށް ނޭވާ ހާސްކޮށް އެކަމަނާ ޝަހީދުކޮށްލިއެވެ. ދެން އެކަމަނާގެ ހަށިކޮޅުގައި ފޮތިގަނޑެއް އޮޅާފައި ގޭގެކަނެއްގައި ބާއްވާފައި އެދެމީހުން ފިލީއެވެ.

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ފަތިސްނަމާދަށް ތެދުވެ ވަޑައިގެންނެވިއިރު ކަމެއްގޯސްކޮށް ހިނގައިފިކަން ފާހަގަ ކުރެވުނެވެ. ފަތިސް ނަމާދުކޮށް އަވަދިވެވަޑައިގެން މުސްލިމުންނާއި މުޚާޠަބުކުރައްވާ ވިދާޅުވިއެވެ. ” ﷲ ގަންދީބުނަމެވެ. ތިމަންކަލޭގެފާނުގެ ބޮޑުދައިތާފުޅުގެ ކިޔެވުމުގެ އަޑު ރޭގައި އަޑެއް ނާހަމެވެ.” ދެން އެކަލޭގެފާނު ޞަޙާބީންނާއިއެކު އެކަމަނާއަށް ވީގޮތެއް ބެއްލެވުމަށްޓަކައި އެކަމަނާގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. އެބޭކަލުން ވެންނެވިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަދި އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެހިނދު އެކަމަނާއަށް ގޯސްކަމެއް ވެއްޖެކަން ޢުމަރުގެފާނަށް އިޙްސާސްކުރެއްވުނެވެ. ކުއްލިޔަކަށް އެބޭކަލުންނަށް ފެނިވަޑައިގަތީ އެކަމަނާގެ ފުރާނަޔެއްނެތް ހަށިކޮޅު ފޮތިގަނޑެއްގެ ތެރެޔަށް ލާފައި އޮއްވައެވެ. އުމަރުގެފާނު ވިދާޅުވިއެވެ. “ﷲ އާއި އެއިލާހުގެ ރަސޫލާގެ ބަސްފުޅު ތެދެވެ.” އެވަގުތު އެކަލޭގެފާނާއި އެކު ތިއްބެވި ޞަޙާބީން އެކީއެކަށް މިގޮތަށް ވިދާޅުވިއެވެ. އެކަމަނާ ޝަހީދެއްގެ މަރަކުން އަވަހާރަވީއެވެ. ޢުމަރުގެފާނު މިސްކިތަށް އެނބުރިވަޑައިގެން މިންބަރަށް އަރާވަޑައިގަންނަވާ އެކަމަނާ ޝަހީދުވި ޚަބަރު ދެއްވިއެވެ. އަދި އެކަމަނާ ޝަހީދުކޮށްލި ދެ އަޅުން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރުމަށް އަމުރުކުރެއްވިއެވެ. އަދި އެމީހުން ހައްޔަރު ކުރެވުނެވެ. އެހެނީ އެމީހުންނަށް މަދީނާއާއި އެހާ ދުރަކަށް ނުދެވުނެވެ. އަދި އެކަމަނާ ޤަތުލުކުރި ކަމަށް އެމީހުން އިޢުތިރާފު ވިއެވެ. އެމީހުންގެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބިންމަތީގައި ފަސާދަކުރުމުގެ ހައްދު އެމީހުންގެ މައްޗަށް ޤާއިމްކޮށް ޞަލީބަށް އެރުވުނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّـهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَن يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَافٍ أَوْ يُنفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖوَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ) المائدة 33 މާނައީ: ” اللَّه އާއި، އެކަލާނގެ ރަސޫލާއާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި ފަސާދަކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އާޚިރަތުގައި، އެއުރެންނަށް ބޮޑުވެގެންވާ ޢަޒާބު ހުށްޓެވެ. “

ނޯޓް: މި ލިޔުމަކީ، https://dhisalafiyyah.net/article/2674 އިން ނަގާފައިވާ ލިޔުމެއް

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here