ޝަހުސިއްޔަތު: އިސްޙާޤު ޢަލައިހިއްސަލާމް

0

ބިލާލް ޢަބްދުއްސަތާރު

އިސްޙާޤު ޢަލައިހިއްސަލާމް އަކީ ﷲ ތަޢާލާގެ ނަބިއްޔެކެވެ. އަދި ރަސޫލެއްވެސް މެއެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ ﷲ ތަޢާލާގެ ޚަލީލު އިބްރާހީމް ޢަލައިހިއްސަލާމް އެވެ. އިސްޙާޤު ޢަލައިހިއްސަލާމް އަކީ އިބްރާހީމް ޢަލައިހިއްސަލާމް ގެ ދެވަނަ ދަރިކަލުންނެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ ސާރާ ރަޟިޔަﷲ ޢަންހާ އެވެ.  އެކަމަނާ އަކީ ޞާލިޙު ކަނބަލެކެވެ. އެކަމަނާ އިސްޙާޤު ޢަލައިހިއްސަލާމް އާއިގެން އާލާސްކަންފުޅާ އިންނެވީ އެކަމަނާ އުމުރުން ދުވަސްވެ މުސްކުޅިފުޅުވެ ދަރިންނުލިބޭ އުމުރަށް ވާޞިލުވެފައި ވަނިކޮށެވެ. އިބްރާހީމް ޢަލައިހިއްސަލާމްގެ އުމުރުފުޅުވަނީ 100 އަހަރަށް ފޯރާފައެވެ.

Advertisements

(މިއީ ﷲ ތަޢާލާގެ ކަށަކުޅަދުންވަންތަކަމުގެ ހެކި ތަކުގެ ތެރެއިން ހެއްކެކެވެ. އެއިލާހު ދަރިން ދެއްވަން އިރާދަކުރެއްވި އަޅަކަށް އިރާދަކުރެއްވި ހިނދެއްގައި ދަރިން ދެއްވައެވެ. އަޅުގަނޑުމެނަށް އޮތީ އެއިލާހުގެ ރަޙްމަތުން މާޔޫސްނުވެ ދުޢާ ދެއްނަވާ މަސައްކަތްކުރުމެވެ. އެއިލާހުއަށް އެއްވެސް ކަމެއް ބޮޑުވެގެންނުވެއެވެ. ނަމަވެސް ގިނަމީހުން އެކަމެއް ޔަޤީނެއްނުކުރެއެވެ. )

ﷲ ތަބާރަކަ ވަތަޢާލާ ކީރިތި ޤުރުއާންގައި އެއްތަނަށް ވުރެ ގިނަތަނުގައި އިބްރާހީމް ޢަލައިހިއްސަލާމަށް، އިސްޙާޤު ޢަލައިހިއްސަލާމް ދެއްވާނެކަމުގެ އުފާވެރި ޚަބަރު ގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެގޮތުން الذاريات ސޫރަތުގައި ބަޔާން ކުރައްވާފައި ވެއެވެ.  ( هَلْ أَتَاكَ حَدِيثُ ضَيْفِ إِبْرَاهِيمَ الْمُكْرَمِينَ (24) إِذْ دَخَلُوا عَلَيْهِ فَقَالُوا سَلامًا قَالَ سَلامٌ قَوْمٌ مُّنكَرُونَ (25) فَرَاغَ إِلَى أَهْلِهِ فَجَاء بِعِجْلٍ سَمِينٍ (26) فَقَرَّبَهُ إِلَيْهِمْ قَالَ أَلا تَأْكُلُونَ (27) فَأَوْجَسَ مِنْهُمْ خِيفَةً قَالُوا لا تَخَفْ وَبَشَّرُوهُ بِغُلامٍ عَلِيمٍ (28)) މާނަ : ” އިބްރާހީމް ގެފާނުގެ، މާތްވެގެންވާ މެހުމާނުންގެވާހަކަ ކަލޭގެފާނާއި ހަމައަށް އައިސްފައިވޭތޯއެވެ؟ އެއީ އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ވަންނެވައި ސަލާމް ދެއްނެވި ހިނދެވެ. އަދި އިބްރާހީމްގެފާނުވެސް ތިޔަބައިމީހުންގެ މައްޗަށްވެސް ސަލާމްހުއްޓޭ ވިދާޅުވެ ސަލާމް ރައްދުކުރެއްވިއެވެ. ( އަދި ހިތްޕުޅުން ވިދާޅުވިއެވެ.) ތިޔައީ އަހުރެން ނުދަންނަބަޔެކެވެ. ދެން އިބްރާހީމްގެފާނު އެކަލޭގެފަނުގެ އަހުލުންގެ ގާތައްވަޑައިގެން ، މަސްޖަހާފައިވާ ޅަ ގެރިއެއް (ފިހެގެން) ގެންނެވިއެވެ. އަދި މެހުމާނުންނާއި އޭތި ކައިރިކޮށްލާފައި ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނޫހެއްޔެވެ؟. ދެން އިބްރާހީމްގެފާނުގެ ހިއްޕުޅުގައި އެމިހުނާއި މެދު ބިރުވެރިކަމެއް އުފެދިއްޖެއެވެ. އެމެހުމާނުން ދެންނެވިއެެވެ. ބިރުފުޅުގެންވަޑައި ނުގަންނާށެވެ. (ތިމަންބޭކަލުންނީ ކަލޭގެފާނުގެ ވެރި ރައްބުގެ ހަޟްރަތުން ފޮނުވުނު މަލާއިކަތުންނެވެ. ) ދެން އެމަލާއިކަތުން އެކަލޭގަފާނަށް ޢިލްމުވެރި ދަރިކަލަކު ލިބިވަޑައިގަންނާނެ ކަމުގެ އުފާވެރި ޚަބަރުދެއްވިއެވެ.”

އަދިވެސް އެއިލާހު هود ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ. ( وَلَقَدْ جَاءتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَى قَالُواْ سَلاَمًا قَالَ سَلاَمٌ فَمَا لَبِثَ أَن جَاء بِعِجْلٍ حَنِيذٍ (69) فَلَمَّا رَأَى أَيْدِيَهُمْ لاَ تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً قَالُواْ لاَ تَخَفْ إِنَّا أُرْسِلْنَا إِلَى قَوْمِ لُوطٍ (70)) މާނަ ” އަދި ހަމަކަށަވަރުން އުފައުވެރި ޚަބަރާއިގެން ތިމަންއިލާހު ފޮނުއްވި ރަސޫލުން(މަލާއިކަތުން) އިބްރާހީމްގެފާނު އަރިހަށް ވަޑައިގަތެވެ. އެބޭކަލުން ސަލާމް ދެންނެވިއެވެ. އިބްރާހީމްގެފާނު ވެސް ސަލާމް ރައްދުކުރެއްވިއެވެ. ދެން މާލަސަތަކެއްނުވެ ފިހެފައިވާ ޅަ ގެރިއެއްގެންނެވިއެވެ. ދެންފަހެ އެބޭކަލުންގެ އަތްތިލަތަށް އެއާއި ހަމައަށް ނުދާތީވެ ދެކެވަޑައިގެންހިނދު އެބޭކަލުންނާއިމެދު ނުރުހުންވެވަޑައިގަތެވެ. އަދި އެބޭކަލުންނާއިމެދު ބިރުފުޅެއްހީވިއެވެ. އެބޭކަލުން ދެންނެވިއެވެ. ބިރުފުޅު ނުގަންނާށެވެ. ހަމަކަށަވަރުން ތިމަންމެން ފޮނުއްވިގެންވަނީ ލޫތުގެފާނުގެ ޤައުމަށެވެ. “

އަދިވެސް الحجر ސޫރަތުގައި ވެއެވެ. ( وَنَبِّئْهُمْ عَن ضَيْفِ إِبْراَهِيمَ (51) إِذْ دَخَلُواْ عَلَيْهِ فَقَالُواْ سَلامًا قَالَ إِنَّا مِنكُمْ وَجِلُونَ (52) قَالُواْ لاَ تَوْجَلْ إِنَّا نُبَشِّرُكَ بِغُلامٍ عَلِيمٍ (53) قَالَ أَبَشَّرْتُمُونِي عَلَى أَن مَّسَّنِيَ الْكِبَرُ فَبِمَ تُبَشِّرُونَ (54) قَالُواْ بَشَّرْنَاكَ بِالْحَقِّ فَلاَ تَكُن مِّنَ الْقَانِطِينَ (55) قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِ إِلاَّ الضَّآلُّونَ (56)) މާނަ : ” އިބްރާހީމްގެފާނުގެ މެހުމާނުންގެ ވާހަކަ، ކަލޭގަފާނު އެބައިމީހުނަށް ކަޔައިދެއްވައި އަންގަވާށެވެ. އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް ވަދެއްޖެ ހިނދެވެ. ފަހެ އެހިނދު އެބައިމީހުން ސަލާމް ދެއްނެވިއެވެ. ދެން އެކަލޭގެފާނު ދެންނެވިއެވެ. ތިމަންމެންނަކީ ތިޔަބައިމީހުންދެކެ ބިރުގަންނަބަޔަކީމުއެވެ. އެބައިމީހުން ދެންނެވިއެވެ. ބިރުފުޅުނުގަންނާށެވެ. ޢިލްމުލިބިގެންވާ ދަރިކަލެއް ލިބިވަޑައިގަންނަވާކަމުގެ އުފާވެރި ޚަބަރު ތިމަންމެން ދެމުއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިޔަ އުފާވެރިކަމުގެ ޚަބަރު ތިމަންނާއަށް ތިޔަދިނީ މުސްކުޅިކަން އައިސް ކުރިމަތިވީހިނދުގައިހޭ؟ ފަހެ ތިޔަބައިމީހުން ތިމަންނާއަށް އުފަވެރިކަމުގެ ޚަބަރު ދޭނީ ކޮންކަމެއްގެ ވާހަކައިންހޭ؟ އެމެހުމާނުން ދެންނެވިއެވެ. ތިމަންމެން ކަލޭގެފާނަށް އުފަވެރިކަމުގެ ޚަބަރު މިދެނީ ޙައްޤު ބަސްފުޅުންނެވެ. ފަހެ އުންމީދު ކަނޑާލައިގެން ވާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މަގުފުރެދިފައިވާ މީހަކުފިޔަވާ އެމީހެއްގެ ވެރި ރައްބުގެ ހަޟްރަތުން އުންމީދުކުރުން ދޫކޮށްލާނީ ކާކުހޭ! “

الصافات ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَبَشَّرْنَاهُ بِإِسْحَقَ نَبِيًّا مِّنَ الصَّالِحِينَ (112) وَبَارَكْنَا عَلَيْهِ وَعَلَى إِسْحَقَ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ (113))  މާނަ : ” އަދި ނަބިބޭކަލަކު ކަމުގައިވާނޭ ޞާލިޙު ދަރިކަލަކު ކަމުގައި ، އިސްޙާޤުގެފާނު ދެއްވާނޭ ކަމުގެ އުފާވެރި ޚަބަރު އެކަލޭގެފަނަށް ދެއްވީމެވެ. އަދި އެކަލޭގެފާނާ އިސްހާޤުގެފާނުގެ މައްޗަށް ބަރަކާތް ލެއްވީމެވެ. އެދެބޭކަލުންގެ ދަރިކޮޅުން އީމާންވެ ހެޔޮކަންތައްކުރާމީހުނާއި ، ކާފިރުވެ އަމިއްލަ ނަފްސަށް ބަޔާންވެގެންވާ އަނިޔާއިން އަނިޔާދޭމީހުން ވިއެވެ. “

ދަރިކަލަކު ލިބެންއުޅޭކަމުގެ އުފާވެރި ޚަބަރު އިބްރާހިމް ޢަލައިހިއްސަލާމްގެ އަނބިކަނބަލުން ސާރާ ރަޟިޔަﷲ ޢަންހާ އަށް ލިބިގެން ދިޔަވަގުތު އެކަމަނާ އާމެދު ކަނތައް ވެގެންދިޔަ ގޮތް ސިފަ ކުރައްވާ ކީރިތި ޤުރުއާންގައި ﷲ ތަބަރާކަ ވަތަޢާލާ ބަޔާންކޮށްދެއްވާފައިވެއެވެ. އިބްރާހީމް ޢަލައިހިއްސަލާމް ގެ މެހުމާނުންގެ ކިބައިން އެކަމަނާއަށް މި ޚަބަރު އިވިގެންދިޔަހިނދު މި ޚަބަރު ވެގެން ދިޔައީ އެކަމަނާއަށް ޤަބޫލުކުރަން އުނދަގޫވި އަދި އަޖާއިބު ކުރަނިވި ޚަބަރަކަށެވެ. އެހެނީ އެކަމަނާ ވަނީއުމުރުގެ ގޮތުން ދަރިން ލިބުމުގެ އުމުރު ފަހަނަ އަޅާފައެވެ. އަދި އެކަމަނާގެ ފިރިކަލުން ވެސް ވަނީ ވަރަށް މުސްކުޅިވެފައެވެ. އެހެންކަމުން މި ލިބިގެން ދިޔަ ޚަބަރުގެ އަޖާއިބުކަމާއި ބޮޑުކަމުގެ ސަބަބުން އެކަމަނާ ، ބޮޑު ކަމެއް ދިމާވެފައިވާ މީހެއްފަދައިން މޫނުގައި އަތުން ތަޅަންފެށިއެވެ.  ﷲ ތަޢާލާ الذاريات ސޫރަތުގައި ބަޔާން ކުރައްވާފައި ވެއެވެ.  ( فَأَقْبَلَتِ امْرَأَتُهُ فِي صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ (29) ) މާނަ : ” (އެ ޚަބަރުގެ އަޑު އައްސަވާފައި ) އެކަލޭގެފާނުގެ އަނބިކަނބލުން ހަޅޭފުޅުލައްވަމުން ވަޑައިގެން އެކަމަނާގެ މޫނުފުޅުގައި ތަޅުއްވަމުން ވިދާޅުވިއެވެ. އަހަރެންނަކީ ދަރިޔަކު ނުވިހާމުސްކުޅިއެކެވެ. ”

އަދިވެސް هود ސޫރަތުގައި ވަޙީ ކުރައްވަފައި ވެއެވެ. (  قَالَتْ يَا وَيْلَتَى أَأَلِدُ وَأَنَاْ عَجُوزٌ وَهَذَا بَعْلِي شَيْخًا إِنَّ هَذَا لَشَيْءٌ عَجِيبٌ (72) قَالُواْ أَتَعْجَبِينَ مِنْ أَمْرِ اللَّهِ رَحْمةُُ اللَّهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِ إِنَّهُ حَمِيدٌ مَّجِيدٌ (73)) މާނަ : ” އެކަމަނާ ވިދާޅުވިއެެވެ. ތިމަންނައާއިމެދު ޢަޖާއިބުވުން ހުއްޓެވެ. ތިމަންނާއަކީ މުސްކުޅިއަކު ކަމުގައި ވާއިރު ވިހާނެ ބާއެވެ. އަދި ތިމަންގެ ފިރިކަލުންވެސް މިހުންނެވީ މުސްކުޅި އެއްގެގޮތުގައެވެ. ހަމަކަށަވަރުން ތިޔައީ ޢަޖާބުކުރުވަނި ކަމެއްކަން ކަށަވަރެވެ. “

ﷲ ތަޢާލާ އިބްރާޙީމް ޢަލައިހިއްސަލާމް އާއި ސާރާ ރަޟިޔަﷲ ޢަންހާ ގެ ނަސްލު ދަމަހައްޓެވުމަށްޓަކައި އިސްޙާޤު ޢަލައިހިއްސަލާމް ދެއްވާނެކަމާއި އެކަލޭގަފާނުގެ ކިބައިން ޔަޢުޤޫބު ޢަލައިހިއްސަލާމް ދެއްވާނެކަމުގެ ޚަބަރުލިބިގެންދިޔައެވެ.

(ﷲ ތަޢާލާ هود ސޫރަތުގައި ވަޙީކުރެއްވިއެވެ. ” وَامْرَأَتُهُ قَآئِمَةٌ فَضَحِكَتْ فَبَشَّرْنَاهَا بِإِسْحَقَ وَمِن وَرَاء إِسْحَقَ يَعْقُوبَ (71) ) މާނަ : ” އެހިނދު އެކަލޭގެފާނުންގެ އަނބިކަނބަލުން ޤާއިމުވެހުންނެވިއެވެ. ދެން އެކަމަނާ ހިނިފުޅުވެޑުވިއެވެ.  ދެން އިސްޙާޤްގެފާނު ލިބިވަޑައިގަންނަވާނޭ ކަމާއި އިސްޙާޤުގެފާނުގެ ފަހުން ޔަޢުޤޫބުގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރިކަމުގެ ޚަބަރު ތިމަން އިލާހު އެކަމަނާއަށް ދެއްވީމެވެ. “

އެކަމަނާ އަށް ލިބެންއުޅޭ ދަރިކަލުންނަށް އިސްޙާޤު ގެ ނަންދެއްވީ ޚުދު ﷲ ސުބްޙާނަހު ވަތަޢާލާއެވެ. އަދި މާމަދަރިކަލުން ނަށް ޔަޢުޤޫބުގެ ނަމުން ނަން ދެއްވީވެސް ﷲ ތަބާރަކަވަތަޢަލާއެވެ. ޝައްކެއްނެތި ޔަޢުޤޫބު ޢަލައިހިއްސަލާމް އަކީ އިސްޙާޤު ޢަލައިހިއްސަލާމްގެ ދަރިކަލުންނެވެ.

ﷲ ތަޢާލާ البقرة ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ. ( أَمْ كُنتُمْ شُهَدَاء إِذْ حَضَرَ يَعْقُوبَ الْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِن بَعْدِي قَالُواْ نَعْبُدُ إِلَهَكَ وَإِلَهَ آبَائِكَ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَقَ إِلَهًا وَاحِدًا وَنَحْنُ لَهُ مُسْلِمُونَ (133) ) މާނަ : ” ނުވަތަ ޔަޢުޤޫބުގެފާނުގެ އަރިހަށް މަރު ހާޟިރުވީ ހިނދު އެތާ ތިޔަބައިމީހުން ހާޟިރުވެ ދެކޭން ތިބީމުހެއްޔެެވެ؟ އެކަލޭގެފާނުގެ ބޭފުޅުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންނާމަރުވެ ދިޔުމަށްފަހު ތިޔަބައިމީހުން އަޅުކަން ކުރަނީ ކޮންފަރާތަކަށްހޭ؟ އެބޭފުޅުން ދެންނެވިއެވެ. ތިމަންމެން އަޅުކަންކުރާނީ ބައްޕާގެ އިލާހަށެވެ. އަދި ބައްޕާގެ ބަފައިންނަށްވި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނުންގެ އިލާހަށެވެ. “

އިބްރާޙީމް ޢަލައިހިއްސަލާމް އަކީ ޔަޢުޤޫބު ޢަލއިހިއްސަލާމްގެ ކާފާފުޅެވެ. އިސްމާޢީލު ޢަލައިހިއްސަލާމް އަކީ ބޮޑުބޭބޭފުޅެވެ. އިސްޙާޤު ޢަލައިހިއްސަލާމް އަކީ ބައްޕާފުޅެވެ. ނަމަވެސް މި އާޔަތުގެ އެންމެބޭކަލުންނަށްވެސް ނިސްބަތްކޮށފައި ވަނީ ބައްޕަގެ ގޮތުގައެވެ.

އެހެން އާޔަތެއްގައި ﷲ ތަޢާލާ يوسف  ސޫރަތުގައި  ޔޫސުފް ޢަލައިހިއްސަލާމް މުޚާތަބުކުރައްވާ ވަޙީކުރައްވާފައިވެއެވެ. ( وَكَذَلِكَ يَجْتَبِيكَ رَبُّكَ وَيُعَلِّمُكَ مِن تَأْوِيلِ الأَحَادِيثِ وَيُتِمُّ نِعْمَتَهُ عَلَيْكَ وَعَلَى آلِ يَعْقُوبَ كَمَا أَتَمَّهَا عَلَى أَبَوَيْكَ مِن قَبْلُ إِبْرَاهِيمَ وَإِسْحَقَ إِنَّ رَبَّكَ عَلِيمٌ حَكِيمٌ (6)  ) މާނަ : ” އަދި ހަމަ އެފަދައިން ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި އިލާހު ކަލޭގެފާނު ހޮއްވަވައި ޚާއްސަކުރައްވައި (ހުވަފެނުން) ފެނި ހިނގާ ކަންތައްތައް މާނަކުރަން ކަލޭގެފާނަށް ދަސްކޮށްދެއްވައި އަދި މީގެ ކުރިން ކަލޭގެފާނުގެ ދެ ކާފައިން ކަމުގައިވާ އިބްރާހީމްގަފާނާއި އިސްހާޤުގެފާނަށް ފުރިހަމަކުރެއްވި ފަދައިން ކަލޭގެފާނަށާއި ، ޔަޢުޤޫބުގެފާނުގެ ދަރިކޮޅަށް އެކަލާންގެ ނިޢުމަތްތައް ފުރިހަމަކުރައްވައެވެ. ހަމަކަށަވަރުން ކަލޭގެފާނނުގެ ވެރި ރައްބަކީ މޮޅަށް ދެނެވޮޑިގެންވާ އަދި ޙަކީމުވަންތަ އިލާހެވެ. “

ޔަޢުޤޫބު ޢަލައިހިއްސަލާމް އަކީ އިސްޙާޤު ބިން އިބްރާހީމް ޢަލައިހިމައްސަލާމް ގެ ދަރިކަލެއް ކަން މާތް ނަބިއްޔާގެ މި ޙަދީސްފުޅުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.  އިމާމް ބުޚާރީ ރަޙިމަހުﷲ ރިވާކުރައްވާފައިވާ ޙަދީސެއްގައިވެއެވެ. عَنِ ابْنِ عُمَرَ ، رَضِيَ اللَّهُ عَنْهُمَا ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ” الْكَرِيمُ ابْنُ الْكَرِيمِ ابْنِ الْكَرِيمِ ابْنِ الْكَرِيمِ يُوسُفُ ابْنُ يَعْقُوبَ بْنِ إِسْحَاقَ بْنِ إِبْرَاهِيمَ”  މާނަ:”އެކަލޭގެފާނަކީ ދީލަތި ބޭކަލެއްގެ ދަރި ދީލަތި ބޭކަލެއްގެ ދަރި ދީލަތި ބޭކަލެއްގެދަރި ދީލަތި ބޭކަލެކެވެ. އިބްރާހީމްގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނުގެ ދަރިކަލުން ޔޫސުފެވެ.”

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަރަށް ގިނަތަންތަނުގައި އިސްޙާޤު ޢަލައިހިއްސަލާމްގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ.

والله أعلم

ނޯޓް: މި ލިޔުމަކީ، https://dhisalafiyyah.net/article/2730 އިން ނަގާފައިވާ ލިޔުމެއް

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here