ސްޕެނިޝް ލަލީގާގައި ރޭގައި ވިޔަރިއާލް އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ ބާސެލޯނާއިން ލީގުގެ އެއްވަނަ ދިފާއުކޮށްފިއެވެ.
ވިޔަރިއާލްގެ ދަނޑު ކަމުގައިވާ އެލް މެޑްރިގާލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބާސާއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެ ގޮތުން މެޗު ފެށިގެން 20 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕޮލޭންޑްގެ ތަޖުރިބާކާރު ސްޓްރައިކަރު ރޮބާޓް ލެވަންޑޮސްކީއެވެ. މެޗުގެ 35 ވަނަ މިނެޓުގައި ލެވަންޑޮސްކީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ، ބާސާގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ.
ލެވަންޑޮސްކީ، އޭނާގެ ދެވަނަ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ވިޔަރިއާލްގެ އަޔޯޒޭ ޕެރޭޒް ވަނީ ލަނޑު ޖަހާ އެ ޓީމަށް ސުން ކަނޑާލަދީފައެވެ. 2-1 އިން ލީޑުގައި އޮތް ބާސާއަށް މެޗުގައި ދިމާވި ހަމައެކަނި ގޮންޖެހުމަކީ މެޗުގެ 45 ވަނަ މިނެޓުގައި އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމުގައިވާ ގޯލްކީޕަރު މާކް އެންޑްރޭ ޓާ ސްޓޭގެންއަށް ސީރިއަސް އިންޖަރީއެއް ވުމެވެ. މަތި މަތިން އައި ބޯޅައެއް ހިފުމަށް ޓަކައި ކުރި މަސައްކަތުން ކުރިމަތިވި އިންޖަރީގެ ސަބަބުން ޓާ ސްޓޭގެން ވަނީ އަށިގަނޑުގައި ދަނޑުން ބާލުވަން ޖެހިފައެވެ. އޭނާގެ ބަދަލުގައި ކުޅުމުގެ ތެރެއަށް އައީ ބާސާގެ ދެވަނަ ކީޕަރު، އިގްނާސިއޯ ސޮޓޮރޭސްއެވެ.
ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ބާސާގެ މިޑްފީލްޑަރު ޕަބްލޯ ޓޯރޭ ވަނީ ލަނޑު ޖަހާ ބާސާގެ ލީޑު އަނެއްކާ ވެސް ދެ ގޯލަށް އިތުރު ކޮށްފައެވެ. ބާސާގެ ފަހު ދެ ލަނޑު ފެނިގެންދިޔައީ މެޗުގެ 74 އަދި 83 ވަނަ މިނެޓުގައެވެ. މި ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރަފީނިއާއެވެ.
މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ބާސާ ވަނީ ލީގުގެ އެއްވަނައިގައި 4 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ބާސާ ލީގުގެ އެއްވަނައިގައި އޮތީ ކުޅުނު 6 މެޗުން ލިބުނު 18 ޕޮއިންޓާއެކުގައެވެ. ލީގުގެ ދެވަނަައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. މި މެޗުން ބަލިވި ވިޔަރިއާލް އޮތީ، ކުޅުނު 6 މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައިގައެވެ.