ބްލަޑްޕްރެޝަރ ނުވަތަ ލޭ މަތި ވުމަކީ މާބަނޑު އަންހެނުންނަށް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. މާބަނޑު ދުވަސްވަރު ލޭ މަތިވުމަކީ، ބަނޑުގައިވާ ދަރިފުޅާއި މައިމީހާއަށް އޭގެ ސަބަބުން ތަފާތު އެކި ގެއްލުންތައް ކުރިމަތި ކުރުވާ ކަމެކެވެ. އެހެން ނަމަވެސް، މީގެ އޮތް އުފާވެރި ޚަބަރަކީ، މިކަމަކީ ރަނގަޅަށް ފަރުވާ ކުރެވިއްޖެނަމަ ކޮންޓްރޯލް ކުރެވިދާނެ ކަމެއްކަމެވެ.

ލޭގެ ޕްރެޝަރ މަތިވަނީ،އިންސާނާގެ ހިތުން، އާރޓެރީސް ތަކަށް ފޮނުވާ ލޭގެ ޕްރެޝަރ ގަދަވުމުންނެވެ. މިދެންނެވި އާޓެރީސް އަކީ އިންސާނާގެ ހިތުން، ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ލޭ ދައުރު ކުރުވާ ވަސީލަތެވެ. އާޓެރީސްއަށް ލޭ ފޮނުވާ މިންވަރު އާދަޔާ ޚިލާފަށް ގަދަ ވުމަކީ ލޭމަތިވުމެވެ. ނުވަތަ ލޭގެ ޕްރެޝަރު މަތިވުމެވެ. މީގެ ސަބަބުން، ކިޑްނީ ފެއިލް ވުމާއި، ސްޓްރޯކް ޖެހުން އަދި ހިތް ހުއްޓުން ނުވަތަ ހާރޓްއެޓޭކް ފަދަ ކަންކަން ދިމާވެއެވެ.

ބައެއް މީހުން މާބަނޑު ވުމުގެ ކުރިންވެސް ލޭގެ ޕްރެޝަރު މަތިކޮށް ހުރެއެވެ. އަދި ބައެއް މީހުންނަށް މިކަން ދިމާވަނީ މާބަނޑުވާ ފަހުންނެވެ. އެގޮތުން ބަލާލާއިރު، މާބަނޑުވާ ކޮންމެ ސަތޭކަ މީހުންގެ ތެރެއިން އަށް މީހުންނަށް މިކަން ކުރިމަތިވެއެވެ. މާބަނޑު ދުވަސްވަރު ލޭގޭ ޕްރެޝަރ ކޮންޓްރޯލް ކުރުމަކީ މައިމީހާއާއި، ބަނޑުގައިވާ ދަރިފުޅު ރަނގަޅު ސިއްހަތެއްގައި ވާނޭ ކަމެކެވެ.

މާބަނޑު ދުވަސްވަރު މައިމީހާގެ ލޭމަތިވުމުގެ ސަބަބުން، ބަނޑުގައިވާ ދަރިފުޅު ހެދި ބޮޑުވުމަށް ބޭނުންވާ ވަރަށް ނިއުޓްރިޝަނާއި އޮކްސިޖަން ނުލިބެއެވެ. މީގެ ނަތީޖާއަކަށްވަނީ ދުވަސް ނުފުރާ ވިހެއުމާއި ވިހޭ ދަރިފުޅުގެ ބަރުދަން އާދަޔާހިލާފަށް ލުއިވުމެވެ. އަދި ދަރިފުޅު ބައިގެން ދިޔުމާއި، ޅަފަތުގައި ކުއްޖާ މަރުވުން ވެސް މިކަމާ ގުޅިފައިވެއެވެ.

މާބަނޑު ދުވަސްވަރު ލޭމަތިވެ ކޮންޓްރޯލް ނުކުރެވުމަކީ، ވިހެއުމަށްފަހު ވެސް އޭގެ ނޭދެވޭ އަސަރު މައިމީހާއަށް ކުރާނޭ ކަމެކެވެ. އެގޮތުން ވިހެއުމަށްފަހު ސްޓްރޯކް ޖެހުމަށް މަގުފަހިވެއެވެ.

މާބަނޑު މީހުންނަށް ދިމާވާ ލޭގެ ޕްރެޝަރ މަތިވުން ދެ ގޮތަކަށް ބެހިގެންވެއެވެ. އެގޮތުން ފުރަތަމަ ބަޔަކީ ކްރޮނިކް ހައިޕާޓެންޝަން އެވެ. މިއީ މާބަނޑު ވުމުގެ ކުރިން ލޭގެ ޕްރެޝަރ މަތިކޮށް ހުރުމެވެ. ނުވަތަ ބަނޑަށް ވިހިވަނަ ހަފްތާގެ ކުރިން ލޭގެ ޕްރެޝަރ މަތިކޮށްހުުރުމެވެ. ކްރޮނިކް ހައިޕާޓެންޝަން ހުންނަ މަންމަ އިން ވިހެއުމުން ކޮންޓްރޯލެއް ނުވެއެވެ. މިފަދަ މަންމައިން ލޭގެ ޕްރެޝަރ ކޮންޓްރޯލް ކުރުމަށް ބޭސް ބޭނުން ކުރަން ޖެހެއެވެ.

މީގެ ދެވަނަ ބަޔަކީ ގެސްޓޭޝަނަލް ހައިޕާޓެންޝަންއެވެ. މި ވައްތަރަކީ މާބަނޑު ވުމުގެ ސަބަބުން ދިމާވާ ވައްތަރެކެވެ. މި ވައްތަރުގެ ލޭގެ ޕްރެޝަރ ދިމާވަނީ ބަނޑުބޮޑުވާތާ ވިހި ވަނަ ހަފްތާ ފަހުން ނެވެ. އާންމު އުސޫލުން ބަލާނަމަ ވިހެއުމާއެކު ގެސްޓޭޝަނަލް ހައިޕާ ޓެންޝަން ރަނގަޅުވެއެވެ.

މާބަނޑު ދުވަސްވަރު ލޭގެ ޕްރެޝަރ މަތިވެއްޖެނަމަ އެކަމަށް ފަރުވާ ކުޑަ ނުކޮށް، ގަވާއިދުން ޑޮކްޓަރުގެ އިރުޝާދަށް އަމަލު ކުރަން ޖެހެއެވެ. މީގެ އިތުރުން ހަށިގަނޑަށް ފާއިދާ ހުރި ކާނާ ކެއުމަށް އިސްކަމެއް ދޭންޖެހެއެވެ. އަދި ދަޅުގައި ބަންދު ކޮށްފައި ހުންނަ ކާނާއާއި ލޮނުގަދަ ބާވަތްތަކުގެ ކާނާ ކެއުމާއި ދުރުވާން ޖެހެއެވެ. މީގެ އިތުރުން ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލުކޮށް ހެލިފެލިވެ އުޅެން ޖެހެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރާ މަންމައެއްނަމަ އެކަން ހުއްޓާލަން ޖެހެއެވެ.