އޮސްޓްރޭލިއާގެ ޕާލަމެންޓް އިމާރާތުގައި މަސައްކަތްކުރި އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެ، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، އެ އަންހެންމީހާގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.
އަދި ޕާލަމެންޓް އިމާރާތް ނުވަތަ ޕާލަމެންޓް ހައުސްތެރޭގައި މައްސަލަތަކެއް އުޅޭ ކަމަށާއި، އެކަންކަން އިސްލާހްކުރުމަށް ފިޔަވަޅުތައް އެޅުމަށްވެސް ބޮޑުވަޒީރު މޮރިސަން ގޮވާލައްވާފައި ވެއެވެ.
ޕާލަމެންޓް އިމާރާތުގެ ތެރޭގައި އޭނާ ރޭޕްކުރިކަމަށް ބުނެ އޮސްޓްރޭލިއާ ސަރުކާރުގެ ކުރީގެ މީޑިއާ އެޑްވައިޒަރ ބްރިޓަނީ ހިގިންންސް އާންމު ބަޔާނެއް ނެރެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މި ބަޔާން އާންމުކޮށްފައިވަނީ އޮސްޓްރޭލިއަން ބްރޯޑްކާސްޓިންގ ކޯޕަރޭޝަން – އޭބީސީންނެވެ.
އޭބީސީއަށް މައުލޫމާތު ދެމުން ބްރިޓަނީ ހިގިންސް ބުނީ، ޕާލަމެންޓް އިމާރާތުގައި އޭނާއާއެކު މަސައްކަތް ކުރަން އުޅުނު ފިރިހެނަކު އޭނާ ރޭޕްކުރީ މީގެ ދެއަހަރު ކުރިން ކަމަށާއި، އެމީހާއަކީ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ލިބެރަލް ޕާޓީއަށްވެސް މަސައްކަތްކުރާ މީހެއް ކަމަށެވެ.
އެ ފިރިހެންމީހާގެ ނަމެއް ބްރިޓަނީ ހާމައެއް ނުކުރެއެވެ.
މިމައްސަލައިގެ ޝަކުވާ ބްރިޓަނީ އޮފީހުގައި އުފުލި ނަމަވެސް، ރަސްމީގޮތުން ފުލުހުންނަށް މައްސަލަ ހުށަނާޅާތީ ފުލުހުން މައްސަލަ ކުރިއަކަށް ނުގެންދެއެވެ.
ނަމަވެސް، ބްރިޓަނީ ހުކުރު ދުވަހު ބުނީ މިމައްސަލަ ފުލުހުންނަށް ރަސްމީގޮތުން ހުށަހަޅާނެ ކަމަށެވެ.
ރޭޕްކުރި މައްސަލައިގެ ޝަކުވާ ބްރިޓަނީ ކުރި ނަމަވެސް އެކަމުގައި އޭރު އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ވިދާޅުވެ އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންވަނީ ބްރިޓަނީގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.
ޚާއްސަކޮށް ޕާލަމެންޓް އިމާރާތުގައި މިފަދަ ކަމެއް ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވުމުން އެކަން ތަހްގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ބޮޑުވަޒީރުވަނީ އަމުރުކުރައްވާފައެވެ.
އޮސްޓްރޭލިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބްރިޓަނީ ރޭޕްގެ ޝަކުވާ އުފުލިފަހުން، ދެވަނަ އަންހެނަކުވެސްވަނީ އެ ފިރިހެން މީހާގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވިކަމުގެ ޝަކުވާ ކޮށްފައެވެ.
ނަން ހާމަކޮށްފައިނުވާ އެ އަންހެންމީހާ ބުނެފައިވަނީ، އެ ފިރިހެންމީހާ އޭނާއަށް ޖިންސީ ފުރައްސާރަކުރީ ހިގިންސް ރޭޕްކުރިކަމުގެ ޝަކުވާއާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައި ހުއްޓާ 2020 އަހަރުގެ ތެރޭގައި ކަމަށެވެ.
އެ އަންހެންމީހާ ބުނެފައިވަނީ، އޭނާ މި ވާހަކަ މި ހާމަކުރީ ބްރިޓަނީއަށް ތާއީދުކުރުމުގެ ގޮތުންނާއި އަދި މި ނުބައި އަމަލު ސަމާލުކަމަށް ގެނައުމުގެ ގޮތުން ކަމަށެވެ.