ލުބުންނާންގައި އިޒްރޭލުން ދިން ސައިބާ ޓެރަރިސްޓް ހަމަލާ ފަހިކޮށްދިނުމުގައި ބައިވެރިވާ މީހުން ހޯދުމަށް އެތައް ޤައުމަކުން ކުރަމުންދާ ތަޙުޤީޤުގައި ނޯވޭއިން ވަނީ ފުރަތަމަ މީހާ ހައްޔަރުކުރުމަށް އަމުރު ނެރެފައެވެ. ނޯވޭއިން އެދިގެން މީހަކު ހައްޔަރުކުރުމަށް ބައިނަލްއަޤްވާމީ ރެޑް ނޯޓިސްއެއް ވަނީ ނެރެފައެވެ.
އަމުރު ނިސްބަތްވާ މީހާއަކީ، ބަލްގޭރިއާގައި ކުންފުންޏެއް ހަދައިގެން އުޅޭ އަދި ނޯވޭގައި 12 އަހަރު ވަންދެން ދިރިއުޅެމުންދާ ނޯވޭ ކުންފުންޏެއްގައި ވަޒީފާ އަދާ ކުރާ މީހެކެވެ.
އެއީ، ނޯވޭގެ ޑީއެން ގްރޫޕް ކޮމްޕެނީގެ މުވައްޒަފެއް ކަމަށް އެކުންފުނީގެ ސީއީއޯ ވަނީ ނޯވޭ ނޫހަކަށް ކަށަވަރުކޮށްދީފައެވެ. ނޯވޭގެ އެތެރޭގެ ސަލާމަތާ ބެހޭ އިދާ ޕީއެސްޓީން ވަނީ މި ޓެރަރިސްޓް ހަމަލާ ތަޙުޤީޤުކޮށް މިކަމުގައި އެޤައުމުގެ ރައްޔިތަކު ބައިވެރިވޭތޯ ބަލަން ފަށާފައެވެ.
އިޒްރޭލުން ދިން ޓެރަރިސްޓް ސައިބަރ ޙަމަލާއަކީ ޕޭޖަރުތަކާއި ވޯކީޓޯކީތަކާއި ސޯލާ ސިސްޓަމްތަކާއި ޑޯ އެކްސެސް ސިސްޓަމްތަކަށް އެއްފަހަރާ ދުރުން ދިން ޙަމަލަތަކެކެވެ. އެ ހަމަލަތަކުގައި 48 މީހުންގެ ފުރާނަ ގެއްލިފައި ވެއެވެ. އަދި 3 ހާހަށް ވުރެން ގިނަ މީހުން ޒަކަމްކޮށް ނުކުޅައްދާފައި ވެއެވެ.
ޕީއެސްޓީން ބުނެފައި ވަނީ އެމީހާ އަކީ ނޯވޭއަށް އުފަން މީހެއް ނޫން ކަމަށެވެ.
ޑީއެން ގްރޫޕުން ބުނެފައި ވަނީ އެމީހުންގެ މުވައްޒަފުގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ބުދަ ދުވަހު އެވެ. އެއަށް ފަހު އޭނާއާ ނުގުޅޭ ކަމަށެވެ. ބުދަ ދުވަހު އެމީހާ އެމެރިކާގައި ހުރިކަމަށް ވެއެވެ. އެއަށްފަހު އޭނާ ވަނީ ފިލާފައެވެ.
އިޒްރޭލުން ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ތައިވާނުންވެސް ތަޙުޤީޤެއް ފަށާފައި ވެއެވެ. ތައިވާނުގެ ތަޙުޤީޤަކީ، ގޯލްޑް އެޕޯލޯ ކުންފުންޏަށް ނިސްބަތްވާ ޕޭޖަރުތެއް ކަމަށް މީޑިއާގައި ރިޕޯޓް ކުރުމާ ގުޅިގެން ކުރާ ތަޙުޤީޤެކެވެ. ޓައިވާނު ކުންފުނިން ބުނީ އެއީ ހަންގެރީގެ ކުންފުންޏަކަށް ވިއްކާފައިވާ މަރުކާއެއް ކަމަށެވެ.
ހަންގެރީގެ ބުޑަޕެސްޓްގައި ސަލާމަތީ ފަރާތްތަކުން ވަނީ އިތުރު ތަޙުޤީޤެއް ހިންގާފައެވެ. އެއަށްފަހު، ސަލާމަތީ ފަރާތްތަކުން ބުނެފައި ވަނީ ބީއޭ ކޮންސަލްޓިން ކުންފުންޏަކީ އިޒްރޭލުން ގޮއްވާލި ޕޭޖަރުތައް އުފެއްދުމުގެ ޙައްޤު އޮތް ފަރާތްކަމުގައިވިއަސް އިޒްރޭލުން ގޮއްވާލާފައިވާ އެއްވެސް ޕޭޖަރެއް ހަންގެރީގައި އުފައްދާފައި ނުވާ ކަމަށާއި އަދި އެއިން އެއްޗެއް ހަންގެރީގެ ސިޔާދަތު އޮންނަ އެއްވެސް ސަރަހައްދަކަށް ވަދެފައި ނުވަތަ ޓްރާންސިޓް ކޮށްފައި ނުވާ ކަމަށެވެ.
ޖަޕާނުންވެސް ވަނީ ތަހުޤީޤެއް ފަށާފައެވެ. އިޒްރޭލުން ގޮއްވާލި ޓޯކީ ތަކަކީ ޖަޕާނަށް ނިސްބަތްވާ ބްރޭންޑޭކެވެ. ނަމަވެސް ޖަޕާނުން މިހާރު އެ ބްރޭޑް އުފައްދައި ނޫޅެއެވެ.
އިންޑިއާއިން ވެސް ވަނީ ތަޙުޤީޤެއް ފަށާފައެވެ. ނޯވޭއިން ހޯދަން އުޅޭ، ބަލްގޭރިއާގައި ކުންފުނި ހަދައިގެން އުޅޭ މީހާއަކީ އިންޑިއާގެ ކެރެލާއަށް އުފަން ކްރިސްޓިއަން ނަމެއް ކިޔާ މީހެކެވެ. އޭނާ ކެރެލާގައި ދިރިނޫޅޭތާ އެތައް އަހަރެއް ވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ދޭތެރޭން އާއިލާއަށް ޒިޔާރަތް ކުރާކަމަށް ޖާސޫސީ އިދާރާތަކަށް މަޢުލޫމާތު ދީފައި ވެއެވެ.
އިޒްރޭލުގެ ޓެރަރިސްޓް ހަމަލައިގެ ދެ ތިން ދުވަސް ފަހުން އިންޑިއާގެ ޖާސޫސީ އިދާރާތަކުން މިމީހާއާ ބެހޭ ގޮތުން ހޯދަން ފެށިކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.