ކާބޯތަކެތީގެ ރައްކާތެރިކަމަކީ، ރާވައިގެން ދުރުރާސްތާގެ ޕްލޭންތަކާއެކު ޙާސިލު ކުރެވިދާނެ ކަމެއްކަން އިންޑިއާއިން ވަނީ ސާބިތުކޮށްދީފައެވެ. އިންޑިއާގެ ކާބޯތަކެތީގެ ރައްކާތެރިކަން ބިނާވެފައިވަނީ ގުޅިފައިވާ ތިން އަސާސެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ، ކާބޯތަކެތި އާންމު ވުމެވެ. އަދި އެއަށްފަހު، ކާބޯތަކެތި ރައްޔިތުންނާ ހަމައަށް ފޯރުމެވެ. އަދި ތިންވަނަ ކަމަކަށް، ބަނޑުފުރައި މުއްތިވާ ގޮތަށް ކާނާ ލިބުމެވެ.

އިންޑިއާއިން ބުނާ ގޮތުގައި މި ކާމިޔާބީ ޙާސިލު ކުރެވިފައި ވަނީ، ސިޔާސަތުތައް ރަނގަޅު ވުމާއި ކަންކަން ޕްލޭން ކުރުމާއި، އިންވެސްޓްމަންޓްތަކުގެ ސަބަބުންނެވެ. އިންޑިއާ ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އަމިއްލައަށް ބަރޯސާވާ ޤައުމަކަށް ވެފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިންޑިއާއިން ދަތުރުފެށީ، 1960 އާއި 1970 ގެ އަހަރުތަކުގައި ތަޢާރަފް ކުރި ފެހި އިންގިލާބުންނެވެ. ފެން ލިބޭ ގޮތަށް މަސްނޫއީ ކޯރުތައް ބިނާކޮށް، އާންމުކޮށް ދަނޑުވެރިކަން ކުރުމަށް ހިތްވަރުދީ ދަނޑުބިން ފެހި ކުރުމަށް ކުރެވުނު މަސައްކަތަކީ ނިޒާމީ ސިފައެއްގައި ދަނޑުވެރިކަމަށް ގެނައި އިންގިލާބީ ބަދަލެކެވެ.

ދަނޑުވެރިކަމުގެ އައު ބާވަތްތަކާއި ހަނޑުލުގެ ތަފާތު ބާވަތްތައް ތައާރަފްކުރެވިގެން ދިޔައެވެ. ގަސްކާނާއާއި ފަނިފަކުސަ މަރާ ޕެސްޓިސައިޑް ލިއްބައި ދިނުމުން ކާބޯތަކެތި އުފެއްދުން އިތުރުވިއެވެ.

މިއީ ކުރިން ބަނޑަށް ޖެހި ހޫނުކަން އާންމުވި ޤައުމަށް ކާނާ އާންމު ކޮށް ލިބެން ފެށި ހިސާބެވެ. އެއަށްފަހު އިތުރުވެ ބާކީވާ ދަނޑުވެރިކަމުގެ ބާވަތްތައް އެކްސްޕޯޓް ކުރުންވެސް އާންމު ކަމަކަށް ވެގެން ދިޔައެވެ.

މިއަދު އިންޑިއާއަކީ ދުނިޔޭގައި ކިރު، ގޮވާމުގެ ބާވަތްތައް އަދި ސުތުލި އުފައްދާ އެންމެ އިސް ޤައުމެވެ. އޭގެ އިތުރުން ހަނޑުލުގެ ބާވަތްތަކާއި ބަދަނާއި ތަރުކާރީ، މޭވާ، އަދި ކަފަ ދެވަނައަށް އެންމެ ގިނައިން އުފައްދާ ޤައުމެވެ.

އޭގެ އިތުރުން ބޭނުން ޖެހިދާނެ ޙާލަތްތަކަށް ތައްޔާރުވުމަށް ސަރުކާރުން އާންމުކޮށް ބަފަރ ސްޓޮކް ބަލަހައްޓަމުން ދެއެވެ. މިއީ ކާނާގެ ސްޓްރެޓެޖިކް ރިޒާވްއެވެ. އަދި ބާޒާރުގައި އަގު މަތިވާ ހިނދު ސަރުކާރުން ސްޓްރެޓެޖިކް ރިޒާވްއިން ކާނާ ބާޒާރަށް ނެރެ އަގު މައިތިރި ކޮށްލައެވެ.

ގާނޫނީ ގޮތުންވެސް ކާނާގެ ރައްކާތެރިކަމަށް މުހިންމު ފިޔަވަޅުތަކެއް ތަޢާރަފްކޮށް އިންޑިއާއިން ދެ ޤާނޫނެއްވެސް ފާސްކޮށްފައި ވެއެވެ.

މިހާރު އިންޑިއާއަކީ އަހަރަކު 50 ބިލިއަން އެމެރިކާ ޑޮލަރުގެ ގޮވާން އެކްސްޕޯޓު ކުރާ ޤައުމެކެވެ. އޭގެ އިތުރުން އިންސާނީ އެހީގެ ބޭނުމަށް އިންޑިއާގެ އަމިއްލަ ސްޓޮކުން އެހީދޭން ޖެހޭ ޤައުމުތަކަށް ހިލޭ ގޮވާމުގެ ބާވަތްތަކުގެ އެހީތެރިކަންވެސް ފޯރުވައި ދެއެވެ.