ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ދަނީ މެމްބަރުންނާއި މަސްއޫލުވެރިން އިޤްތިޞާދީ ތަރައްޤީއަށް މަސައްކަތް ކުރުމަށް ބާރުއަޅައި ހިތްވަރު ދެމުންނެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ދައުލަތުގެ ހިންގުމުގެ ނިޒާމު މަރުކަޒީ ކޮށްފައި އޮތުމުގެ ސަބަބުން އައުކަން ކަން ތަޖުރިބާ ކުރުމަށް ޒުވާނުންނާއި އައު މަސްއޫލުވެރިން ފަސްޖެހެއެވެ. އެކަމާ ގުޅިގެން ޗައިނާ ރައީސް އިޢުލާން ކުރައްވާފައިވާ ތިން އިސްތިސްނާއަށް އަލުން ހިތްވަރު ދިނުމަށް މިހަފްތާގައި އަނެއްކާވެސް ވަނީ ކޮމިއުނިސްޓު ޕާޓީން ވަނީ އިރުޝާދު ދީފަ ބަޔާނެއް ނެރެފައެވެ.
އޮގަސްޓް މަހު ޗައިނާގެ ޞިނާޢީ އުފެއްދުންތެރިކަން އޮތީ ފަސް މަސް ދުވަހުގެ ތެރޭގައި އޭގެ އެންމެ ދަށް މިންވަރުގައެވެ. ރީޓެއިލް ވިޔަފާރިއާއި އައު ގެދޮރުގެ އަގުތައް ވެސް ވަނީ ދަށަށް ގޮސްފައެވެ. ސަރުކާރުގެ އިގްތިޞާދީ ތަރައްގީއަށް ކުރާ މަސައްކަތުން އަދިވެސް ފައިދާއެއް ނުފެނެއެވެ.
މި ހަފްތާގައި، ޗައިނާއިން އާންމުކުރި ޑޭޓާއިން ފެންނަނީ، ބޭންކް ލޯނު ދިން މިންވަރު ދަށްވުމާއި، 18.6 ޓްރިލިއަން ޑޮލަރަށް އަގު ކުރެވޭ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ދުވެލި ބަރުހެލި ވުމެވެ.
ޗައިނާ ސަރުކާރަށްވެސް އިޤްތިޞާދީ ދުވެލީގެ ބަރުހެލި ކަމަކީ ބަލައި ގަންނަން އުދަގޫ މައްސަލައެކެވެ. ސަރުކާރުން މާޒީގައި ގެންގުޅެފައިވާ ބައެއް ސިޔާސަތުތަކުންނާއި ކުށް ކުރެވޭ ހިނދު މަސްއޫލުވެރިންނަށް އަދަބު ދިނުން އާންމު ވުމުން މަސްއޫލުވެރިން އައުކަންކަން ކުރާން ފަސް ޖެހެއެވެ. އެހެންވެ، ކޮމިއުނިސްޓް ޕާޓީން ގޮވާލަނީ، ބިރަކާއި ނުލައި އިޤްތިޞާދީ ތަރައްޤީއަށް މަސައްކަތް ކޮށް އައު ކަންކަން ތަޖުރިބާ ކުރާށެވެ. އަދި ކުށްކުރެވޭ ފަރާތްތަކަށް ރައީސް ޝީގެ ތިން އިސްތިސްނާގެ ދަށުން މަޢާފުކުރާނެ ކަމަށެވެ.
ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނާ ގޮތުގައި އޮގަސްޓް މަހު ޗައިނާގެ ޞިނާޢީ އުފެއްދުންތެރިކަން އަހަރުން އަހަރަށް ބަލާއިރު އިތުރު ވެފައި ވަނީ %4.5 ގައެވެ. ނަމަވެސް މިއީ އޭގެ ކުރީ މަސް، ޖުލައި މަހުގެ %5.1 އާ އަލައި ބަލާއިރު ދަށް އަދަދެކެވެ. މިޢަދަދަކީ، ރޮއިޓާސްއިން އިޤްތިޞާދީ މުޙައްލިލުންގެ 37 ފަރާތަކާ ވާހަކަ ދެއްކުމަށްފަހު ހޯދާފައިވާ ޚިޔާލު ހޯދުމުގައި ދެއްކި 4.8 ޕަސެންޓަށް ވުރެން ދަށް އަދަދެކެވެ.
ޗައިނާގައި ހޫނު މޫސުމުގައި ދަތުރުފަތުރުތައް އިތުރުވިނަމަވެސް ރީޓެއިލް ސޭލްސް ކުރިއަރާފައި ވަނީ އެންމެ 2.1 އިންސައްތައިގައެވެ. ރިޓެއިލް ސޭލްސްއަކީ، ކޮންސިއުމަރ ސްޕެންޑިންގ ބާރު ދައްކައިދޭ މުހިންމު އިންޑިކޭޓަރެކެވެ.
މުހައްލިލުން ލަފާ ކޮށްފައި ވަނީ، ރިޓެއިލް ވިޔަފާރިއަށް، 2.5 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށެވެ. ނަމަވެސް މުޅި އަހަރު ދުވަހަށް އަދި ރީޓެއިލް ވިޔަފާރި ފެންނަނީ ވަރަށް ދަށް ކޮށެވެ.
ކުށް ކުރެވޭ ފަރާތްތަކަށް އިސްތިސްނާ ދިނުމަށް، ޗައިނާގެ ރައީސް އިއުލާން ކުރައްވާފައިވާ ތިން އިސްތިސްނާއަކީ، ތަޖުރިބާ ނެތުމުގެ ސަބަބުން، އިޚުލާޞްތެރިކަމާއެކު ކުރާ ކަމަކުން ކުށެއް ކުރެވޭ މަސްއޫލުވެރިން، އަދަބު ދިނުމުން އިސްތިސްނާ ކުރުމެވެ. އަދި ދެވަނަ އިސްތިސްނާއަކީ، ކަމެއް ތަޖުރިބާއަށް ކޮށްލުމުން ކުރެވޭ ކުށަކުން އަދަބު ދިނުމުން އިސްތިސްނާ ކުރުމެވެ. އަދި ތިންވަނަ އިސްތިސްނާއަކީ، ތަރައްޤީއަށް ކުރާ މަސައްކަތަކުން ކުށެއް ކުރެވިއްޖެނަމަ، އެފަރާތެއްވެސް އަދަބު ދިނުމުން އިސްތިސްނާ ކުރުމެވެ.
ކޮމިއުނިސްޓު ޕާޓީން އަލަށް ނެރެފައިވާ އިރުޝާދުގައިވެސް ވަނީ ފަސްޖެހުމަކާ ނުލައި އިޤްތިޞާދީ ތަރަޢްޤީއަށް މަސްއޫލުވެރިން ކެރިގެން މަސައްކަތް ކުރުމަށާއި މި ތިން އިސްތިނާގެ ބޭނުން ހިފުމަށެވެ.