ޗައިނާގެ ބާރުގެ ދަށަށް ހޮންގކޮންގ ދިޔަފަހުން ނޫސްވެރިންނަށް ޝަރުޢީ ޙުކުމެއް ކުރި ފުރަތަމަ ދައުވާގައި އިއްޔެ ޙުކުމް އިއްވައިފިއެވެ. އިއްޔެ ޙުކުމް އިއްވާފައިވަނީ އިސްތިޢުމާރީ ވެރިކަމުގެ ޒަމާނުގެ ބޯދާ ޤާނޫނުތަކަށް ހަވާލާދީއެވެ. މުހައްލިލުންނާއި ނޫސްވެރިން ބުނަމުން ދަނީ، މި ކަމުގެ ސަބަބުން މީޑިއާއަށް އަސަރެއް ނުކުރާނެ ކަމަށެވެ. ޗައިނާއިން ޚިޔާލު ފާޅުކުރުމުގެ ދާއިރާ ހަނިކުރުމުގެ ސަބަބުން ހޮންގހޮންގެ ނޫސްވެރިން ވަނީ ކުރިއަށް ވުރެން ބޮޑަށް ފަރުވާތެރި ވެފައި ކަމަށް ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ބުނެއެވެ.

ހޮންގކޮންގގެ ސަރުކާރުގެ އެޑްވައިޒަރަކު ބުނެ ފައިވަނީ ދެ އެޑިޓަރުންނަށް ޙުކުމް ކުރިކަމުގައިވިއަސް، ނޫސްވެރިންނަށް ބެއިޖިންގއިން ދޭން ވައުދުވެފައިވާ ގޮތަށް މިނިވަންކަން ދީފައި ބާއްވާނެ ކަމަށެވެ.

ހޮންގކޮންގގެ ޑިސްޓްރިކްޓް ކޯޓުގެ ގާޒީ ކުވޮކް ވައިކިން ވަނީ ކުރީގެ އެޑިޓަރު އިން ޗީފް ޗަންގް ޕޫއީ ކުއެން އާއި ކުރީގެ އެކްޓިން އެޑިޓަރު އިން ޗީފް ޕެޓްރިކް ލަމް ޝިއު ޓަންގް އަށް ހުކުމް އިއްވާފަ އެވެ.

ގާޒީ ވަނީ ޗަންގްގެ މައްޗަށް 21 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ލަމްގެ ސިއްހީ ހާލަތުގެ ސަބަބުން ތިން މަސް ފަހުން އޭނާގެ 14 މަސް ދުވަހުގެ ޖަލު ޙުކުމް ފަށާގޮތަށް ޙުކުމް ކޮށްފައި ވެއެވެ.

މި ހުކުމް އިއްވާފައި ވަނީ ޖުލައި 2020 އާއި ޑިސެމްބަރު 2021 އާ ދެމެދު ސްޓޭންޑް ނިއުސް އިން 11 ލިޔުމެއް ޝާއިއުކުރިކަމުގެ ތުހުމަތުގައެވެ. ހޮންގކޮންގގެ ސަރުކާރުން ބުނެފައި ވަނީ އެ ލިޔުންތަކަކީ ޗައިނާ ސަރުކާރާ މެދު ނަފްރަތު އުފެއްދުމުގެ ލިޔުންތަކެއް ކަމަށެވެ.

މިއީ 1997 ވަނަ އަހަރު ހޮންކޮންގް ޗައިނާގެ ބަރުގެ ދަށަށް ދިޔަފަހުން ނޫސްވެރިންނަށް ޙުކުމް ކުރި ފުރަތަމަ ފަހަރެވެ. އެމްނެސްޓީ އިންޓަރނޭޝަނަލާއި މީޑިއާގެ ހައްޤަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ މި ކަން ކުށްވެރިކޮށްފައެވެ.