އދގެ ޕޯޑިއަމްގައި ޕާކިސްތާނާއި އިންޑިއާއިން އެއް ޤައުމު އަނެއް ޤައުމަށް ބަހުގެ ޙަމަލަތައް ދިނުމަށްފަހު ތަޤްރީރުތައް ނިމިގެން ވަފްދު ފެންވަރުގައިވެސް ޒުވާބުކޮށް ހަދައިފިއެވެ

ޕާކިސްތާނާއި އިންޑިއާގެ މަންދޫބުން ޒުވާބު ދީފައި ވަނީ، ހުކުރު ދުވަހުގެ ރޭ އދ.ގައި ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ތަޤްރީރަށްފަހުއެވެ.

ޝަހްބާޒް ވަނީ ކަޝްމީރު މައްސަލާގައި އިންޑިއާ ޒިންމާދާރު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ބަޔާން އިއްވެވި އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު ވިދާޅުވީ ޕާކިސްތާނުގައި ލިބެން ހުރި އެއްޗަކީ ހަރުކަށި ކަމާއި ޕާކިސްތާނުން އެކްސްޕޯޓު ކުރާ ޓެރަރިސްޓް ހަމަލާތައް ކަމަށެވެ. އަދި އިންޑިއާއަށް ނުރައްކާވާ ހިނދު ރައްދު ޙަމަލަ ދިނުމުގައި ފަސްނުޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދެ ޤައުމުގެ މި ކޯޅުމަކީ، މިއީ ކޮންމެ އަހަރަކުވެސް ހިނގާ ޑްރާމާއެވެ.

އިންޑިއާގެ މަންދޫބު ބަވިކާ މަންގަލަނަންދަން ވަނީ ޝެހްބާޒް ޝަރީފްގެ ވާހަކައަށް ރައްދު ދެއްވާފައެވެ. ޝަރީފް ވަނީ އިންޑިއާގެ ހަތިޔާރު ޖަމާކުރުމާއި އިންޒާރު ދިނުމުގެ މައްޗަށްވެސް ވާހަކަ ދައްކަވާފައެވެ. އަދި އިންޑިއާއިން ޙަމަލައެއް ދީފިނަމަ ޕާކިސްތާނުން ރައްދު ހަމަލައެއް ދިނުމަށް ފަސް ނުޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އިންޑިއާގެ އދ މިޝަންގެ ފަސްޓް ސެކްރެޓަރީ މަންގަލަނަންދަން ވިދާޅުވީ ކަޝްމީރަކީ އިންޑިއާއާ ވަކި ނުކުރެވޭނެ އިންޑިއާގެ ބައެއް ކަމަށެވެ. އަދި ކަޝްމީރަކީ އިންޑިއާގެ ދާޚިލީ މައްސަލައެއް ކަމަށެވެ.

މަންގަލަނަންދަން ވަނީ ސަރަހައްދު ހުރަސްކޮށް ޕާކިސްތާނުން ޓެރިސްޓް ޢަމަލުތައް ހިންގާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

ޕާކިސްތާން ވަފްދުން ވާހަކަ ދެއްކެވި މުޙައްމަދު ފަހީމު ވިދާޅުވީ އިންޑިއާއިން މަޝްވަރާގެ އުސޫލު އިޚުތިޔާރު ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި ކަޝްމީރުގައި އިންޑިއާއިން މީހުން ގިއްގަޅުވާލުމުގެ ސިޔާސަތު ގެންގުޅޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ފަހީމު ވަނީ އިންޑިއާއިން ޓެރަރިޒަމަށް ހިތްވަރު ދޭކަމަށް ތުހުމަތުކޮށް، އިންޑިއާއަކީ އެހެން ބަޔަކަށް ނަސޭހަތެއް ދެވޭ ފެންވަރުގެ ޤައުމެއް ނޫން ކަމަށް ވިދާޅުވެފައެވެ.