ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ހަކަތަ ބޭނުންކުރާ އިންޑިއާއަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ، ހަލުވި ޞިނާޢީ ތަރައްޤީއާއި އެއްވަރަކަށް ތިމާވެށީގެ ދެމެހެއްޓެނިވި ސިޔާސަތެއް ބެލެންސް ކުރުމުގެ ގޮންޖެހުންތަކެކެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ވައި ތަޣައްޔަރުވުމާ ގުޅޭ ކަންބޮޑުވުންތައް އިތުރުވަމުންދާއިރު، އިންޑިއާއިން ގެންގުޅޭ ސިޔާސަތްތަކުން އިއާދަކުރަނިވި ހަކަތައިން އިންޑިއާގެ އިޤްތިސާދީ އަދި ތިމާވެށީގެ ބޭނުންތަކަށް ވެސް ހައްލެއް ލިބިގެންދެ އެވެ.

ނިއުދިއްލީން ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތަ އުފައްދާ ނިސްބަތް 500 ގިގަވަޓަށް ވާސިލްވުމަށާއި 2070 ވަނަ އަހަރުގެ ނިޔަލަށް ވިހަ ގޭސް ބޭރުކުރާ މިންވަރު ސުމަކަށް ތިރިކުރުމަށް އަމާޒުތަކެއް ކަނޑައަޅާފަ އެވެ.

އިންޑިއާއިން ވަނީ، މިކަމަށް ބޭނުންވާ ސޯލާ ޕެނަލް، ވައިން ހަކަތަ އުފައްދާ ބުރަފަތި އަދި ބެޓެރީ، އަދި ހަކަތަ ރައްކާކުރާ ނިޒާމުތައް ފަދަ އިއާދަކުރަނިވި ހަކަތަގެ އިންފްރާސްޓްރަކްޗަރަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައެވެ.

"މޭކް އިން އިންޑިއާ"ގެ ޝިއާރުގެ މަޤްޞަދަކީ އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، އިމްޕޯޓަށް ބަރޯސާވުން ކުޑަކޮށް ޚާއްސަކޮށް އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު ދާއިރާތަކުގައި ކުރިހޯދުމެވެ.

މި އިސްނެގުމަކީ ސޯލާ ފޮޓޯވޮލްޓިކް (ޕީވީ) މޮޑިއުލްތަކާއި ވިންޑް ޓަރބައިން ކޮމްޕޯނެންޓްތަކާއި އިއާދަކުރަނިވި ހަކަތައަށް ބޭނުންވާ އެހެނިހެން ސާމާނު އިންޑިއާގައި އުފެއްދުމަށް ހިތްވަރުދީ، އިގްތިސާދު ކުރިއަރުވައި، އިންޑިއާގެ ހަކަތައަށް އޮތް ޑިމާންޑް ފުއްދައިދިނުމަށް މަސައްކަތް ކުރުމެވެ.

އިންޑިއާ ސަރުކާރުގެ "މޭކް އިން އިންޑިއާ" އިސްނެގުމުގައި 10 އަހަރު ފުރިހަމަވެފައި ވެއެވެ. އެހެންވެ އިންޑިއާއިން ވަނީ އިންވެސްޓްމެންޓާއި އައު އީޖާދީ އުފެއްދުންތަކަށް ހިތްވަރުދީ، ދުނިޔޭގެ ފެންވަރުގެ އިންފްރާސްޓްރަކްޗަރ އުފެއްދުމަށް މުހިންމު އިސްނެގުންތަކެއް ގެންގުޅެން ފަށާފައެވެ. މި ހުރިހާ ކަމެއްގެ އަމާޒަކީ އިންޑިއާ އުފެއްދުންތެރިކަމާއި، ޑިޒައިން، އަދި އީޖާދީ ފިކުރު މާކެޓްކޮށް ވިޔަފާރި ހޯދުމެވެ.

އިންޑިއާ ސަރުކާރުގެ އަމާޒަކީ، އިއާދަނިވި ހަކަތައިގެ ދާއިރާއިން އަމިއްލަ އުފެއްދުންތަކަށް އެހީތެރިވެދީ އެރޮނގުން އިންވެސްޓްމެންޓްތައް އިތުރު ކުރާށެވެ.