ނަރުދޫ ރައްޔިތުންނަށް އެހީވުމުގައި ގޮއިދޫ ޒުވާނުން ނަމޫނާ ދައްކައިފި

0

ކޮވިޑް-19 ރާއްޖެއާ ހަމައަށް ތިލަވެ އޭގެ އަސަރު ށ. ނަރުދޫއިން ފެނި އެރަށުން 11 މީހަކު އެބައްޔަށް ޕޮޒިޓިވް ވިއެވެ. ހަމައެއާ އެކު އެރަށް މޮނިޓަރިންއަށް ލެވުނެއެވެ. އެހިސާބުން މަސްވެރިންނަށް މަހަށް ފުރޭ ގޮތެއްނުވިއެވެ. ނަތީޖާއަކަށްވީ އެރަށުގެ މީހުން މަހަށް ޖެހުމެވެ.

ރޯދަމަހަކީ އިންތިހާއަށް މަސް ބޭނުންވާ މަހަކަށްވިޔަސް ނަރުދޫ ރައްޔިތުން ތިބީ މަހަށް ނުފުރި ރަށު ބަންދުވެފައެވެ. އެ ޚަބަރު ށ. ގޮއިދޫ ޒުވާނުންގެ ކަންފަތާ ހަމައަށް ދިޔައެވެ. ވަގުތުން އެމީހުން ބެލީ ނަރުދޫ މީހުންނަށް އެހީވެވޭނެ ގޮތެކެވެ. އެގޮތުން ކައުސިލަށާއި އެރަށުގެ ޓާސްކް ފޯހަށާއި އެރަށުގެ ބައެއް މީހުންނަށް ގުޅައިގެން މައުލޫމާތު ހޯދިއެވެ. އެއީ ނަރުދޫ މީހުންގެ ޙާލު އެވަގުތު ހުންނާނެގޮތް ގޮއިދޫ ޒުވާނުންނަށް ވަރަށް ބޮޑަށް ވިސްނެތީއެވެ. މިކަމުގައި އިސްކޮށް އުޅުނީ ކުރިން ރިސޯޓުގައި އުޅެފައި ތިބި ޒުވާނުންނެވެ. ކޮވިޑްގެ ސަބަބުން ރަށަށް އައިސް ތިބީއެވެ. އެހެން ކަމުން ނަރުދޫ މީހުންނަށް ރަށުން ބޭރަށް ނުދެވޭނެކަން އެމީހުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.

Advertisements

“އަޅުގަނޑުމެން ބެލީ އެރަށު (ނަރުދޫ) މީހުންނަށް އެންމެ ބޭނުންވާ ކަންކަމާއި އޭގެ ތެރެއިން އަޅުގަނޑުމެންނަށް އެންމެ ފަސޭހައިން ކޮށްދެވޭނެ ކަމެއް ކޮށްދިނުމަށް. އެގޮތަށް ބެލިއިރު އެމީހުންނަށް އެންމެ ބޭނުންވަނީ ރޯ މަސް. އެއީ އަޅުގަނޑުމެންނަށް ވެސް ވަރަށް ފަސޭހައިން ކޮށްދެވެން އޮތްކަމެއް. އެހެންވެ ރަށުގެ ޒުވާނުންނާ ވާހަކަ ދައްކައިގެން ނަރުދޫ ރައްޔިތުންނަށް މަސް ފޯރުކޮށް ދިނުމަށް އަޅުގަނޑުމެން ނިންމީ،” އެކަމުގައި އިސްކޮށް އުޅުނު ޒުވާނެއް ކަމަށްވާ އިބްރާހީމް ނިޝާމު ބުންޏެވެ. އޭނާ ބުނީ އެމަސައްކަތުގައި ހަރު މީހުން ވެސް ކޮންމެވެސް ވަރަކަށް ބައިވެރިވި ކަމަށެވެ. ގިނަ މީހުން ބައިވެރި ނުކުރީ އެމީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލާފައި ކަމަށް ވެސް އޭނާ ބުންޏެވެ.

މަސް ފޯރުކޮށްދިނުމަށް މަހަށް ނުކުތުމުގެ ކުރިން ނަރުދޫގެ ގޭ ތަކުގެ އަދަދު ހޯދިއެވެ. އެރަށުގައި ހުރީ މީހުން އުޅޭ 85 ގެއެވެ. ކޮންމެ ގެއަކަށް ދެ ކިލޯ މުށި މަހާއި ދެ ކިލޯ ފަރުމަސް ފޯރުކޮށްދިނުމަށް ގޮއިދޫ ޒުވާނުން ނިންމިއެވެ. އެ ގޮތަށް ނިންމުމަށްފަހު ވަރުގަދަ އަޒުމެއްގައި ގޮއިދޫ ޒުވާނުން މަހަށް ފުރިއެވެ.

އެގޮތުން ތިންދުވަހު އެމީހުން ވަނީ މަސްވެރިކަން ކޮށްފައެވެ. “ކޮންމެ ދުވަހަކު ރޯދަ ވީއްލުމަށް ފަހު ދަނީ މުށިމަސް ބާނަން. ގޮސްފައި އާދެވެނީ ހަތެއް އަށެއް ޖަހާއިރު. އަންނަ އިރު މަސްކަނޑަން ތައްޔާރަށް ތިބޭނެ އެއްބަޔަކު. ދެން ފަހުން ދާނީ ފަރުމަހަށް. ފަރުމަހަށް ގޮސްފައި އަންނައިރު ވެސް މަސްކަނޑަން އެބައްޔަކު ތިބޭނީ ތައްޔާރަށް. މަހުން އަންނަ މީހުންވެސް މަސްކަނޑާނެ. މަސްކަނޑައި ކަށިފަތިވެސް ވަކިކޮށް ސާފުކުރުމަށްފަހު ކިރާލުމަށްފަހު ޕެކިން ހަދައި ފުރިޖުކުރަމުން ގެންދިޔައީ. އެގޮތަށް ތިން ދުވަހުގެ މަސައްކަތަށްފަހު އެއްދުވަހު ރެސްޓް ކުރުމަށްފަހު މިއަދު އަޅުގަނޑުމެން މިއައީ ނަރުދުއަށް މަސް ހަވާލުކޮށްފައި. މަސްތައް ގޭގެއަށް ހަވާލުކޮށްދޭނީ އޭރަށު ޓާސްކް ފޯހުން،” ނިޝާމް ބުންޏެވެ.

ނިޝާމް ބުނީ އެ މަސް ހަދިޔާ ކުރީ ނަރުދޫގެ ހުރިހާ ގެތަކުން މަސް އެއްކޮށް ހުސްވެފައިވަނިކޮށް ގޮއިދޫ ރައްޔިތުންގެ ނަމުގައި ކަމަށެވެ. އެކަމުގައި އެހީތެރިވެދިން އެންމެންނަށް ނިޝާމް ޝުކުރު އަދާކުރިއެވެ. މަސްވެރިކަމުގައި އުޅުނު އެންމެންނަށަށެވެ. ނަރުދޫ ކައުންސިލަށެވެ. އެރަށު ޓާސްކް ފޯހަށެވެ. އަދި ގޮއިދޫގެ ރައްޔިތުންނަށެވެ.

މި މަސައްކަތްކޮށް ނިންމާލީ އެންމެ ރައްކާތެރި ފިޔަވަޅުތަކާއެކުގައި ކަމަށް ވެސް ނިޝާމް ބުންޏެވެ.

މިއީ ކޮންފަދަ ރީތި ނަމޫނާއެއް ހެއްޔެވެ. މިއީ ކޮންފަދަ ދީލަތިކަމެއް ހެއްޔެވެ. މިއީ ކޮންފަދަ ހިތްހެޔޮ ކަމެއް ހެއްޔެވެ. މާތްﷲ ކޮވިޑް-19 ވަބާއިން އަޅަމެން މިންޖު ކުރައްވާށިއެވެ.

Advertisements