ބަނގްލަދޭޝްއާއި އިންޑިއާއިން މަސައްކަތް ކުރާނީ ބަދަހި ގުޅުމަކަށް ކަމަށް ބަނގްލަދޭޝްގެ ފޮރިން އެފެއާޒް އެޑްވައިޒަރު މުޙައްމަދު ތައުޙީދު ޙުސައިން ވިދާޅުވެއެވެ. ތައުޙީދު ވަނީ، އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރާ ބައްދަލު ކުރައްވައި ނިއުޔޯކުގައި މަޝްވަރާތައް ބާއްވަވާފައެވެ. އެ މަޝްވަރާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދެ އަވަށްޓެރިންގެ މެދުގައި ރަނގަޅު ގުޅުމެއް އޮތުމަށް ދެފަރާތުގެ ޝައުގުވެރިކަމެއް އޮތް ކަމަށެވެ.
ތައުޙީދު ވިދާޅުވީ އިންޑިއާއަކީ ބަނގްލަދޭޝްގެ އެންމެ ބޮޑު އަވަށްޓެރިޔާ ކަމަށެވެ. އިންޑިއާއަކީ ބަނލްގަދޭޝްގެ ގާމެންޓް ފެކްޓްރީތަކަށް ބޭނުންވާ ރޯމެޓީރިއަލް ހެޔޮ އަގުގައި ސަޕްލައި ކޮށްދޭ ޤައުމެވެ. އިންޑިއާއިން ވަނީ އެތައް ދިމާއަކުން ބަނގްލަދޭޝްގެ ބޯޑަތުގައި ދަތުރުފަތުރަށް މަގުތައް ފަހިކޮށްދީފައެވެ. އަދި ދެ ޤައުމުގެ ދެމެދު ފަސް ދިމާއަކުން ރޭލު ދަތުރުތައް ވެސް ބާވަމުން ގެންދެއެވެ.
އެއްގަމު މަގުން 4 ހާސް ކިލޯމީޓަރުގެ ބޯޑަރެއް ޙިއްސާ ކުރުމުގެ އިތުރުން ކަނޑުގެ ސަރަހައްދުންވެސް ބޮޑު ބައެއް ބަނގްލަދޭޝްއިން އިންޑިއާއާއެކު ޙިއްސާ ކުރެއެވެ.
ޖަޔަޝަންކަރާއި ތައުޙީދުގެ ބައްދަލުވުމުގައި އިންޑިއާގައި ސިޔާސީ ޙިމާޔަތް ހޯއްދަވާފައިވާ ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚު ޙަސީނާގެ މައްސަލައިގައި ދެ ބޭފުޅުން ވާހަކައެއް ނުދައްކަވައެވެ.