ވަޒީފާއަށް އެއް ޤައުމުން އަނެއް ޤައުމަށް މީހުން ހިޖުރަ ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އިޤްތިޞާދީ ދަތިތަކާ ހެދި ތަރައްޤީ ވަމުން އަންނަ ޤައުމުތަކުން ހިޖުރަ ކުރާ ނިސްބަތް އިތުރު ވެގެން ދެއެވެ.

ވޯލްޑް ބޭންކްގެ 2023 ގެ ރިޕޯޓުން ދައްކާ ގޮތުގައި އާމްދަނީ ބޮޑު ގައުމުތަކުން މަތީ ފަންތީގެ ހުނަރުވެރިން ހިޖުރަ ކުރާ ނިސްބަތް އުޅެނީ 4 އިންސައްތައިގައެވެ. އަދި މެދުފަންތީގެ ގައުމުތަކަށް މި ނިސްބަތް އުޅެނީ 10 ޕަސެންޓަށް ވުރެ ކުޑަ މިންވަރެއްގައެވެ. ނަމަވެސް އާމްދަނީ ދަށް ގައުމުތަކުގައި މި ނިސްބަތް 20 އިންސައްތައަށް ވުރެންވެސް ބޮޑަށް އިތުރު ވެގެން ދެއެވެ.

ނިސްބަތުން ސަރުކާރިތަކުން އެންމެ ގިނައިން ތަޢުލީމާއި ތަމްރީނަށް ހޭދަ ކުރަނީ ނުވަތަ ހޭދަ ކުރަން ޖެހެނީ، ތަރައްޤީ ވަމުން އަންނަ ޤައުމުތަކުންނެވެ.

ވޯލްޑް ބެންކުގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ދެކުނު އޭޝިއާގައި ޕާކިސްތާން ފަދަ ތަރައްގީވަމުން އަންނަ ޤައުމެއްގައި މޮޅެތި ސިކުނޑިތައް އެޤައުމުން ދޮވެލުން، ނޫނީ ބްރެއިން ޑްރެއިން އަކީ ބޮޑު މައްސަލައެކެވެ. އަދި އޭގެ އަސަރު ޤައުމުގެ ތަރައްޤީއަށާއި ދުރުރާސްތާއަށް ފެނިގެން ދާނެއެވެ. ކޮންމެ ޤައުމެއްގައިވެސް އުފައްދާފައިވާ އިންސާނީ ވަސީލަތްތަކަކީ، އެ ޤައުމުގެ އަގުހުރި ރައުސްމާލެވެ.

ޕާކިސްތާން އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ވައިސް ޗާންސެލަރ ޑރ ނަދީމުލް ހައްޤު މިމައސަލާގައި ކޮށްފައިވާ ފަންނުވެރި ދިރާސާގައި މި މައްސަލައިގެ ފަސްމަންޒަރުގެ ސަބަބުތަކަށް އަލިއަޅުވާލާފައިވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި، ގައުމަކުން އެޤައުމެއްގެ މޮޅެތި ދަރިން ބޭރުވެގެން ދާނީ، އެކަށީގެންވާ ރައްކާތެރިކަމެއް އެމީހުންނަށް ނުލިބުމާއި، މާހައުލާއި މަސައްކަތުގެ ވެށީގެ ނުސާފު ކަމާއި، އެމީހުންގެ ދަރިންގެ ތަރުބިއްޔަތަށް އެކަށީގެންވާ މާޙައުލެއް ނެތުމުންނެވެ. އޭގެ އިތުރުން ވެރިކަމުގެ ނިޒާމުގެ ދޯދިޔާ ކަމަކީވެސް އެކަމަށް މެދުވެރިވާ މައިގަނޑު ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއެވެ.

މީގެ އިތުރުން އެކަށީގެންވާ އުޖޫރައެއް ނުލިބުމާއި މަތީ ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ނުލިބުމަކީ ޤައުމުން ހިޖުރަކުރުމަށް ބާރުއަޅާ މުހިންމު ސަބަބެކެވެ. އޭނާގެ ސާވޭގެ ހޯދުންތަކުން ދައްކާ ގޮތުގައި ޕާކިސްތާނުގެ %37 މީހުން ބޭނުންވަނީ ބޭރު ޤައުމެއްގައި ވަޒީފާއަށް ދާށެވެ. އަދި ޕާކިސްތާނުގައި ބޭރަށް ހިޖުރަ ކުރަން ބޭނުންވާ މީހުން ގިނައީ، މަތިން ތަޢުލީމު ޙާސިލުކޮށްފައިވާ މީހުންގެ ތެރޭގައެވެ.

ޕީއައިޑީ އިން ކޮށްފައިވާ އެހެން ދިރާސާއެއްގައި ދައްކަނީ، ޕާކިސްތާނުގައި ވަޒީފާ ނެތް ގްރެޖުއޭޓް ޒުވާނުންގެ ނިސްބަތް %16 އަށް އަރާ ކަމަށެވެ.

ޕާކިސްތާންގައި ޕްރޮފެޝަނަލް ޑިގްރީ ހާސިލުކޮށްފައިވާ ޒުވާނުންގެ ތެރެއިން 31 އިންސައްތަ މީހުންނަކީ ވަޒީފާ ނެތް ބަޔެކެވެ. އެގޮތުން ޖުމުލަ ވަޒީފާ ނެތުމަށް ބަލާއިރު އަންހެނުންގެ ތެރޭގައި ވަޒީފާ ނެތް މީހުންގެ އަދަދު 51 އިންސައްތަ ގައި އުޅެއެވެ. އަދި ފިރިހެނުންގެ ވަޒީފާ ނެތް މީހުންގެ އަދަދު 16 އިންސައްތަ އަށް އަރައެވެ.

ރަށްފުށުގައި ގްރެޖުއޭޓުންގެ ތެރޭގައި ވަޒީފާ ނެތް އަދަދު ސިޓީތަކުގައި އުޅޭ މީހުންނަށް ވުރެން އިތުރެވެ. ޕީއައިޑީން ހަދާފައިވާ ސާވޭގައި ދައްކާ ގޮތުން އެދެވޭ އާމްދަނީއެއް ހޯދުމަށް ޤައުމުން ފުރައިގެން ދާން %78 މީހުން ބޭނުންވެއެވެ.