އިޒްރޭލުން ވިސްނަމުން ދަނީ އީރާންގެ އިޤްތިސާދު ފުނޑާލުމަށްޓަކައި އިޤްތިޞާދީ މަރުކަޒުތަކަށް ހަމަލަ ދޭށެވެ. ޒަޔަނިސްޓުންގެ ޖަސޫސީ އިދާރާއިން ކުރަމުންދާ ޕްރޮޕެގެންޑާގައި އީރާނުގެ އެންމެ ބޮޑު އިންޖީނު ގޭގެ ފޮޓޯތައް ދައްކަމުން މޮސާޑުން ބުނެފައި ވަނީ އީރާނުގެ ހަކަތަ އުފެއްދުމުގެ ހަތަރުބައިކުޅަ ތިން ބައި އުފައްދަނީ މި ތަނުން ކަމަށެވެ.

އެއާއެކު އެމެރިކާއިން އިޒްރޭލަށް ހިތްވަރު ދެމުން ބުނެފައި ވަނީ އީރާނުގެ އިޤްތިޞާދީ މަރުކަޒުތަކަށް އިޒްރޭލުން ޙަމަލަ ނުދޭނެ ކަމަށް އެމެރިކާއިން އުންމީދު ކުރާ ކަމަށެވެ. މާނައަކީ އިޒްރޭލުން ހަމަލަ ދޭންވީ އެމަރުކަޒުތަކަށް ކަމަށް އެމެރިކާއިން ރުހޭ ކަމެވެ!

ނަތަންޔާހޫ ކިތަންމެ ބިރެއް ދެއްކިއަސް އޭނާއަށް، އެކަނި ނިކުމެ އީރާނު ބަލިކޮށެއް ނުލެވޭނެއެވެ. އެހެންވެ އެމެރިކާއާއި އެހެން ޤައުމުތައް މި ހަމަނުޖެހުމަށް ވައްދަން ޒަޔަނިސްޓުންގެ ޓެރަރިސްޓް ދައުލަތުން ބޭނުން ވެއެވެ. ނަމަވެސް އިނގިރޭސިންނާއި ފްރާންސުން މިހާތަނަށް ބުނެފައި ވަނީ އީރާނަށް ހަމަލަ ދިނުމުގައި އެ ދެ ޤައުމުން ބައިވެރި ނުވާނެ ކަމަށެވެ.

ފަލަސްޠީނުގެ ބިންތައް ހިފައިގެން އިންދާފައިވާ ޒަޔަނިސްޓުންގެ އާބާދީއަކީ ގާތްގަނޑަކަށް 9 މިލިއަން ޔަހޫދީންނެވެ.

އެމެރިކާގެ ސްޓޭޓްތަކުގެ ނިސްބަތުން ބަލާއިރު މިއީ ނިއު ޖާޒީގެ ސައިޒުގެ ދައުލަތެކެވެ.

އެއާ ޚިލާފަށް އީރާނަކީ 90 މިލިއަން އިންސާނުން ދިރިއުޅޭ ޤައުމެކެވެ. އަދި އެއީ ދަރަންޏެއް ނެތި 8 އަހަރުގެ ހަނގުރާމަ ނިންމާލި ޤައުމެވެ. އިރާޤުން އީރާނާ ދެކޮޅަށް ހިންގި 8 އަހަރުގެ ހަނގުރާމައަކީ ހުރިހައި ޢަރަބިން ފައިސާ ދީ ސައްދާމަށް ހިތްވަރުދީގެން ހިންގި ލާއިންސާނީ ހަނގުރާމައެކެވެ. އެ ހަނގުރާމައިން ކާމިޔާބު ވެގެން ނިކުތީ އީރާނުންނެވެ.

އީރާނަކީ ބިންގަރާސްތައް ހަދައިގެން ގިނަ އަދަދަކަށް ހަތިޔާރު އުފައްދާފައިވާ ޤައުމެކެވެ. އީރާނާ ޚިލާފަށް ޢަރަބި އަޚުންނަކީ އެމެރިކާގެ އޯބިޓުގައި އެނބުރި އެމެރިކާއިން އެހީއާއި މަދަދު ހޯދައިގެން އެމެރިކާއިން ދިން ހަތިޔާރުގެ ކޮންސިއުމަރުންނެވެ. އީރާނުން ދިމާ ކުރީ އަމިއްލައަށް ހަތިޔާރު އުފައްދައި އަމިއްލަ ފައިމައްޗަށް ތެދުވާށެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ޕްރޮޕެގެންޑާ ކުރިކަމުގައި ވިއަސް އީރާނަކީ މެދުއިރުމަތީގެ އެންމެ ބާރުގަދަ ޤައުމެވެ.