ބްރިކްސް ގްރޫޕްގައި ހިމެނޭ ގައުމުތަކުގެ ދަރަނި ޖީޑީޕީގެ ނިސްބަތާ އަޅާބަލާއިރު ދަށް ކަމަށް ބައިނަލްއަގްވާމީ ކޮންސަލްޓޭޝަން ކުންފުންޏެއް ކަމަށްވާ އާންސްޓް އެންޑް ޔަންގްގެ ރިޕޯޓެއްގައި ފާހަގަކޮށްފިއެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ބްރިކްސް ގައުމުތަކަކީ ޖީ7 ގެ ގައުމުތަކަށް ވުރެ ހަރުދަނާ މާލީ މަގާމެއްގައި އޮތް ބަޔެއް ކަމަށެވެ. އެހެންވެ، އެ ޤައުމުތަކަކީ، ކުރިއަށް އޮތްތާނގައި އިޤްތިސާދީ ބޮޑު ދަތިކަމެއް ކުރިމަތިވާ ހިނދު މާލީ ގޮތުން ރަނގަޅު މަގާމެއްގައި ތިބޭނެ ބައެއް ކަމަށެވެ.

މި ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ، ކުރިމަގުގައި، ދުނިޔޭގެ އިގްތިސާދީ ޓްރެންޑްތައް ބައްޓަންކުރުމުގައި ޖީ7 އާއި ބްރިކްސް+ ގްރޫޕަކީ ވަރަށް މުހިންމު ދެ ޖަމާޢަތެއް ކަމަށެވެ.

މާކެޓް އެކްސްޗޭންޖް ރޭޓުން ވަޒަންކޮށް ބަލާނަމަ، ޖީ7 ގެ ގައުމުތަކަކީ ދުނިޔޭގެ އުފެއްދުންތެރި ކަމުގައި ބޮޑު ހިއްސާއެއް އޮންނަ ޤައުމުތަކެވެ.

އެއާ ޚިލާފަށް ބްރިކްސްއާއި ބްރިކްސްއާ ގުޅިފައިވާ ޤައުމުތަކަކީ ޕާޗޭސިން ޕަވަރ ޕެރިޓީ (ޕީޕީޕީ) އިން ބަލާއިރު ބާރަށް ކުރިއަރަމުން އަންނަ ޤައުމުތައް ހިމެނޭ ގްރޫޕެކެވެ. އަދި 2029 ވަނަ އަހަރުގެ ނިޔަލަށް މާކެޓް އެކްސްޗޭންޖްގެ ގޮތުން ބަލާއިރު ދުނިޔޭގެ ޖީޑީޕީގެ 29.2 ޕަސެންޓް ގެ ހިއްސާ އަދި ޕީޕީޕީގެ ގޮތުން 38.3 ޕަސެންޓް ހިއްސާ އަކީ ބްރިކްސް+ ގެ ޤައުމުތަކުގެ ޙިއްސާ ކަމަށް ލަފާ ކުރެވެއެވެ. ބްރިކްސް ޕްލަސްއާއި ޖީ7 އަޅާކިޔާނަމަ، މާކެޓް އެކްސްޗޭންޖްގެ ގޮތުން ޖީ7ގެ ހިއްސާއަކީ 42.4 ޕަސެންޓް އަދި ޕީޕީއެމްގެ ގޮތުން 27.5 ޕަސެންޓެވެ.

އާންސްޓް އެންޑް ޔަންގްގެ ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ ޖީޑީޕީގައި ޖީ7 ގެ ހިއްސާ މަޑުމަޑުން ދަށަށް ގޮސްފައިވާ ކަމަށެވެ. 2002 ވަނަ އަހަރު ދުނިޔޭގެ ޖީޑީޕީގެ 64.4 ޕަސެންޓަކީ ޖީ7 ގެ ހިއްސާއެވެ. ނަމަވެސް، 2024 ވަނަ އަހަރު މި އަދަދު ވަނީ 44.4 ޕަސެންޓަށް ދަށްވެފައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ޕްރޮޖެކްޝަންތަކަށް ބަލާއިރު، 2029 ވަނަ އަހަރުގެ ނިޔަލަށް ޖީ7 ގެ ހިއްސާ އިތުރަށް ދަށްވެގެން ދާނެއެވެ. 2029އަށް ލަފާ ކޮށްފައި ވަނީ، 42.4 ޕަސެންޓެވެ.

އަނެއްކޮޅުން ބްރިކްސް+ ގްރޫޕުގެ ޤައުމުތަކުގެ ޙިއްސާ ދުނިޔޭގެ ޖީޑީޕީގައި ވަނީ އިތުރުވެފަ އެވެ. 2002 ވަނަ އަހަރު ބްރިކްސްގެ ޙިއްސާއަކީ ދުނިޔޭގެ އިގްތިސާދުގެ އެންމެ 10.1 ޕަސެންޓް އެވެ. ބްރިކްސް+ އާއެކު 2024 ވަނަ އަހަރު މި އަދަދު ވަނީ 27.3 ޕަސެންޓަށް އިތުރުވެފަ އެވެ. 2029 ވަނަ އަހަރުގެ ނިޔަލަށް ބްރިކްސް+ގެ ހިއްސާ 29.2 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.