ތުރުކީގެ ބޯޑަރު ހުރަސްކޮށް ތުރުކީއަށް ކުރިމަތިވާ ހުރިހާ ނުރައްކަލަކާ ކުރިމަތިލުމުގެ ގާބިލްކަން އެޤައުމުގެ ސިފައިންގެ ކިބައިގައި ހުންނާނެ ކަމަށް ތުރުކީން ބުނެފިއެވެ. ތުރުކީގެ ޑިފެންސް މިނިސްޓްރީގެ ރަސްމީ އަސްކަރީ މަސްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި އިސްރާއީލާއި އީރާނާ ދެމެދު ހިނގި ހަމަނުޖެހުމާއި އިސްރާއީލުން ލުބުނާނާއި ސޫރިއާގައި ދޭ ހަމަލާތައް އިތުރުވުމުން ތުރުކީން ދަނީ ވަރަށް ގާތުން ޙާލަތު ދިރާސާ ކުރަމުންނެވެ.

މެދުއިރުމަތީގައި ހިނގާ ހުރިހާ ކަމެއް ގާތުން ބަލަމުން އަންނަ ކަމަށާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތުރުކީން އަޅަމުންދާ ކަމަށާއި، އެއްވެސް އިންޒާރެއް ނުވަތަ ބިރުވެރިކަމެއް ނައްތާލުމުގެ ގާބިލްކަން އަންކަރާއަށް ލިބިފައިވާ ކަން ތުރުކީން ވަނީ ޔަޤީން ކޮށްދީފައެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ އެޑްވައިޒަރު ޒަކީ އަކްޓޫކް ހަފްތާއަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވިދާޅުވީ އިޒްރޭލާއި އީރާނުގެ ހަމަނުޖެހުމަށް ފަހު މި ސަރަހައްދުގައި ހިނގާ ހުރިހާ ކަމަކަށް މިހާރު ތުރުކީ އޮތީ ތައްޔާރަށް ކަމަށެވެ.

އިޒްރޭލުން ލުބުނާނާއި ސޫރިޔާއަށް ދެމުން ދާ ހަމަލާތަކާއެކު އިޒްރޭލު މިހާރު އޮތީ ތުރުކީގެ ސަރަހައްދާ 170 ކިލޯމީޓަރު ނުވަތަ ދެގަޑި އިރާ ބައިގެ ދުރުމިނެއްގައި ކަމަށްވެސް ތުރުކީން ބުނެއެވެ.

ތުރުކީ ރައީސް އެރުދުޣާން ވިދާޅުވެފައިވަނީ ކޮންމެ ފަދަ ނުރައްކަލަކާ ކުރިމަލާންވެސް ތުރުކީ ސިފައިން ކުޅަދާނަ ކަމަށެވެ. އަދި ތުރުކީން ޙާލަތު ވަޒަން ކުރަމުން ދަނީ ސަލާމަތީ އެތައް ކަމެއް ހިމެނޭ ސްޓްރެޓެޖީއެއްގެ ތެރޭން ކަމަށްވެސް އެރްދުޣާން ވަނީ ވިދާޅުވެފައެވެ.

ތުރުކީގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ މިއަދު އުރުދުޣާންގެ ރިޔާސަތުގައި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި މިހާރު ކުރިއަށްދާ އޮޕަރޭޝަންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ވެއެވެ.