އިޒްރޭލުން ހިންގާ ޤަތުލުއާންމަށް ހަތިޔާރު ސަޕްލައިކޮށްދިނުމަކީ ކުރެވުނު ކުށެއް ކަމުގައި ފްރާންސްގެ މެކްރޯން ރައީސް ވިދާޅުވުމުން ޒަޔަނިސްޓުންގެ ލީޑަރު ނުރުހުންވެ އިންޒާރު ދޭން ފަށައިފިއެވެ. ރައީސް، އިމާނުއެލް މެކްރޮން ވަނީ ހިޒްބުالله އާއި އީރާނާ ދެކޮޅަށް ޒަޔަނިސްޓުން ކުރިއަށްގެންދާ ހަމަލާތަކަށް ޔަހޫދީ ޒަޔަނިސްޓް ދައުލަތަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމަށް ގޮވާލައްވާފައެވެ.

މެކްރޮންއަށް އިންޒާރު ދެމުން، ފަލަސްޠީނުގައި އިންދާފައިވާ ޒަޔަނިސްޓު ސަރުކާރުގެ ވެރިޔާ، ނަތަންޔާހޫ ވަނީ މެކްރޮންއަށް ފާޑުކިޔާފަ އެވެ.

ހޮނިހިރު ދުވަހު ފްރާންސްގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި މެކްރޮން ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް "ސިޔާސީ ހައްލެއް" ހޯދުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ހުޅަނގުގެ ގައުމުތަކުން "ޣައްޒާ ސުންނާފަތިކޮށްލަން ހަނގުރާމަ ކުރުމަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަން" ޖެހޭ ކަމަށެވެ. އޭނާ ވަނީ ޒަޔަނިސްޓުންގެ ޙަމަލަތަކަކީ ހަދާފައިވާ "ގޯހެއް" ކަމަށް ވިދާޅުވެފައެވެ. އަދި، ލުބުނާން "އާ ޣައްޒާ" އަކަށް ބަދަލު ނުކުރެވޭނެ ކަމުގައި ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.

ޒަޔަނިސްޓު ނަތަންޔާހޫ އެކްސްގައި ކުރި ޕޯސްޓްގައި ވަނީ ސީދާ މެކްރޮން އާއި މުޚާތަބު ކޮށްފައެވެ. ނަތަންޔާހޫ ބުނީ ހަތް ބޯރާއްސެއް ހެން 7 ބިތުން އިޒްރޭލުން ހަނގުރާމަ ކުރާނެ ކަމަށާއި "ދުނިޔޭގެ ތަހުޒީބު ހުރިހައި ޤައުމަކުންވެސް" ޒަޔަނިސްޓުންނަށް ސަޕޯޓު ކުރާނެ ކަމަށެވެ.

އަދި ޒަޔަނިސްޓުންގެ ޤަތުލުއާންމަށް ހަތިޔާރު ނުދޭ މެކްރޮންއާއި ހުޅަނގުގެ އެހެން ލީޑަރުން ލަދު ގަންނަން ޖެހޭނެ ކަމަށާއި ޒަޔަނިސްޓު އިޒްރޭލުން "އެމީހުންގެ ތާއީދާ ނުލައި ވެސް ހަނގުރާމަ ކާމިޔާބު ކުރާނެ" ކަމަށެވެ.

"ހަނގުރާމަ ނިމޭތާ އެތައް ޒަމާނަކަށް ފަހުވެސް އެމީހުން ލަދުގަނެފައި ތިބެން ޖެހޭނެ" ނަތަންޔާހޫ ބުނެފައި ވެއެވެ.