ހަނދާއި މާސް އަދި އިރުގެ ނިޒާމު ދިރާސާ ކުރުމަށް 2028 ވަނަ އަހަރުގެ ކުރީކޮޅު ވީނަސްއަށް ސެޓެލައިޓެއް ފޮނުވަން ރާވާފައިވާކަން އިންޑިއާގެ ޖައްވީ އިދާރާ، އިސްރޯއިން އިއުލާންކޮށްފިއެވެ. 147.1 މިލިއަން ޑޮލަރުގެ ޕްރޮގްރާމްގެ ދަށުން ފޮނުވާ ވީނަސް ޕްރޯބް އަކީ އިންޑިއާ ސަރުކާރުން ބޭރުގެ ފަޒާއާ ބެހޭ މަޢުލޫމާތު ދިރާކުރުމަށް ފާސްކުރި މުހިންމު ދެ މިޝަންގެ ތެރެއިން އެއް މިޝަން އެވެ. އަނެއް މިޝަން އަކީ، ޗަންދްރިޔާން-4 ގެ މިޝަންއެވެ. އެއީ، ހަނދުގެ ސާމްޕަލްތައް އެއްކޮށް ދުނިޔެއަށް އަނބުރާ ގެނައުމުގެ މަޝްރޫޢެކެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ ޗަންދްރަޔާން ސިލްސިލާގެ ތެރެއިން ހަނދަށް ތިން މިޝަނެއް ފޮނުވާފައެވެ. އެއީ، 2008، 2019، އަދި 2023 ވަނަ އަހަރު ފޮނުވާފައިވާ މިޝަންތަކެވެ.

މިދިޔަ އަހަރު ފޮނުވި މިޝަންގައި އިންޑިއާއަކީ ހަނދުގެ ދެކުނު ބިތަށް ފޭބި ފުރަތަމަ ޤައުމެވެ. 2014 ވަނަ އަހަރު ވެސް އިންޑިއާ އިން މާސް އަށް މިޝަނެއް ފޮނުވިއެވެ.