ސަޢީދު- އޯގާތެރިކަމުގެ ނަމޫނާއެއް، ހީވާގި އެމްޑީއެއް

0

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ގިނަ މުވައްޒަފުން ބުނަނީ އެމީހުންގެ މެނޭޖިންޑިރެކްޓަރ (އެމްޑީ) އަޙުމަދު ސައީދު މުޙައްމަދަކީ ނަމޫނާ ބޭފުޅެއް ކަމަށެވެ. ކުންފުނީގެ މުވައްޒަފުންނާއި އެހެން ކުންފުނިތަކަށް ވެސް ނަމޫނާއެއް ކަމަށެވެ.

މުވައްޒަފުން އެގޮތަށް ބުނަން ފެށީ ސަބަބައެއް ނެތިއެއް ނޫނެވެ. ކޮވިޑް 19 ގެ ދަތި މިހާލަތުގައިވެސް އޭނާ ގެންދަވަނީ ނަމޫނާ ދައްކަވަމުންނެވެ. ފެނަކަ ބައިވެރިވެގެން ހަދަމުންދާ ފެސިލިޓީތަކާއި އެހެނިހެން މަސައްކަތުގައި އެންމެ އާދައިގެ މުވައްޒަފުންނެކޭ އެއްގޮތަށް އޭނާ ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ކަންކަމުގައި އެހީތެރިވެ ވަޑައިގަންނަވަމުންނެވެ. މުވައްޒަފުން ބައިވެރިވެގެންކުރާ ކޮންމެ ކަމެއްގައި އެމީހުންނާއެކު އެމްޑީ ހުންނެވުމަކީ އެކުންފުނީގެ މުވައްޒަފުންނަށް ލިބިގެންދާ ވަރަށްބޮޑު ހިތްވަރެކެވެ. ރާއްޖެއަށް ކޮވިޑް 19 އައިސް ރާއްޖެ ފަތަހަ ކުރަމުންދާއިރު އެމްޑީ ސައީދު ގިނަދުވަހު ހުންނަވަނީ މާލެއިން ބޭރުގައެވެ. ކޮންމެވެސް ފެސިލިޓީއެއް ހަދަމުންދާ ރަށެއްގައެވެ. އެހެންނޫނީ ކޮވިޑާ ގުޅޭ ކޮންމެވެސް ކަމެއްގައެވެ. މިދުވަސްވަރަކީ މުޅި ރާއްޖެ ކޮވިޑްގެ ވަބާއިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ ދުވަސްވަރަކަށްވާތީ ސަޢީދާއި ފެނަކައިގެ ގިނަ މުވައްޒަފުން ގެންދަވަނީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވަމުންނެވެ.

Advertisements

އެމަސައްކަތުގައި އުޅުނު ފެނަކަ ކުންފުނީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ސަޢީދު އޭނާއާ މެދުވެސް ކަންކުރައްވާފައިވަނީ އަދި ކުރައްވަމުން ގެންދަވަނީ ވަރަށް އޯގާތެރިކަމާއި ހިތްހެޔޮކަމާއެކުގައެވެ. އެކަމަށްޓަކައި އެ މުވައްޒަފު ހުރީ އުފާލުން ފޮޅިފައެވެ.

ސަޢީދަކީ އޭނާގެ ޒާތުގައި ވެސް މީހުންނަށް ރަނގަޅު ހިތްހެޔޮ ބޭފުޅެއް ކަމަށް އޭނާ ނިސްބަތްވާ ގދ. ވާދޫ މީހުން ވެސް ބުނެއެވެ. އަދި އަމިއްލަގޮތުން ވެސް މީހުންނަށް އެހީތެރިވުމަކީ އޭނާގެ ހުންނަ ހިހެޔޮ ކަމުގެ ސިފައެކެވެ.

ކޮވިޑް 19 ގެ މި ނުރައްކާތެރި ޙާލަތުގައި މުވައްޒަފުން މަސައްކަތަށް ނެރެލާފައި ސަޢީދަށް ގޭގައި ވެސް މަޑުކޮށްލެވިދާނެއެވެ. އެހެންނަމަވެސް އޭނާ އެގޮތެއް ބޭނުންފުޅެއް ނުވެއެވެ. “މިކަމުން ރައްޔިތުން ސަލާމަތްވާނީ ކޮންމެވެސް އެއްބަޔަކު ގުރުބާނީތަކެއް ވެގެން. އަޅުގަނޑާއި ފެނަކަ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ތިންސަތޭކައަށްވުރެ ގިނަ މުވައްޒަފުން މިތިބީ ރައްޔިތުންނަށްޓަކައި ނުކުމެ. ކުންފުނީގެ ކުދިން މަސައްކަތު ނެރެލާފައި އަޅުގަނޑު ގޭގައި ނުހުންނާނަން. އެމީހުންނާއެކީ އަބަދުވެސް ވާނަން އިރާދަކުރެއްވިއްޔާ. ކުރިމަތިލާންޖެހުނު ކޮންމެކަމަކަށް ކޮންމެ ޙާލަތަކަށް ވެސް ތައްޔާރަށް މިތިބީ. އަޅުގަނޑުމެން އެދެނީ ރައްޔިތުން ބަސް އަހައިގެން ކެތްތެރިކަމާއެކު މިވަގުތު ގޭގައި މަޑުކޮށްލަން. ބަސް އަހައިގެން ތިބޭށޭ ބުންޏަސް އެނގޭ އެއީ ވަރަށް ދަތި އުނދަގޫ ކަމަކަށްވާނެކަން. ވަރަށްގިނަ ދަތިތަކާ ކުރިމަތިވާނެކަންވެސް. އެހެންނަމަވެސް މިކަމުން އަރައިގަނެވެންދެން އެޗުޕީއޭގެ އިރުޝާދުތަކަށް ޢަމަލުކޮށްދެއްވާ،” ސަޢީދު ވިދާޅުވިއެވެ.

ފެނަކައިގެ ސީނިއަރ މުވައްޒަފަކު ބުނީ އެމްޑީ ސަޢީދަކީ މުވައްޒަފުންނަށް ލިބެންވާ އެލަވަންސްތަކާއި އިނާޔަތްތައް ވެސް މަދުވިޔަ ނުދިނުމަށް މަސައްކަތްކުރައްވާ މުވައްޒަފުންދެކެ ލޯބިވާ ވެރިއެއްކަން މިހާތަނަށް ވެސް ވަނީ ސާބިތުކޮށްދެއްވާފައި ކަމަށެވެ. އެގޮތުން ކުންފުނީގެ އެންމެންނަށް ވެސް މިނަރަލް ވޯޓަރ ލިބޭނެ އިންތިޒާމް ހުރިހާ ބްރާންޗެއްގައި ސަޢީދު ވަނީ ހަމަޖައްސަވައިދެއްވައިފައެވެ.  އޭގެ އިތުރުން ލޯނު ނަގައިފައިވާ ކުދިންގެ ތެރެއިން މިހާލަތުގައި ލޯނު ނުދެއްކޭ ކުދިންނަށް ލުއިފަސޭހަ ގޮތްތަކެއް ހައްދަވައި ދެއްވުމުމުގެ މަސައްކަތް ވެސް އެމްޑީ ގެންދަވަނީ ކުރައްވަމުން ކަމަށް އޭނާ ބުންޏެވެ. މިފަދަ އެތައް ކަމެއް އެމްޑީގެ ކިބައިން ފެންނަ ކަމަށާއި އެކަންކަމަށްޓައި އެމްޑީ ސަޢީދަށް ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށް އެ މުވައްޒަފު ބުންޏެވެ.

ކުންފުންޏެއް ހިންގޭނީ އެންމެހާ މުވައްޒަފުންނާ ގުޅިގެންނެވެ. ޤާނޫނު ނަގަހައްޓައިގެންނެވެ. ކޮރަޕްޝަނާ ދުރުވެ އެކަން ހުއްޓާލައިގެންނެވެ. މުވައްޒަފުންނަށް ލިބެންވާ އިންސާނީ ޙައްގުތައް ފުރިހަމައަށް ލިބިދީގެންނެވެ. އެހުރިހާ ކަމަކަށް އެމްޑީ ސަޢީދު ބަރާބަރަށް ފީޓެވެ. އެއީ ހަމަ ނަމޫނާ ވެރިއެކެވެ.

 

Advertisements
އަހްމަދު
އަހުމަދު އަކީ، ލިޔުންތެރިމަށް ޝަޢުގުވެރިކަން ހުންނަ އަދި ލިޔުންތެރިކަމުގައި ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތެކެވެ.

LEAVE A REPLY

Please enter your comment!
Please enter your name here