އެމެރިކާގައި ދިރިއުޅޭ އޭޝިއާ ގެ ޤައުމު ތަކުގެ މީހުންނަށް ޢާއްމު ގޮތެއްގައި ކިޔައި އުޅެނީ އޭޝިއާގެ އެމެރިކާނުންނެވެ. (Asian American) އޭޝިއާގެ ގިނަ މީހުން އެމެރިކާ އަށް ހިޖުރަ ކޮށްފައި ވަނީ 1965 ވަނަ އަހަރުގެ ފަހުންނެވެ. މިހާރު އެމެރިކާގައި އުޅޭ އޭޝިއާ މީހުންގެ ނިސްބަތަކީ ގާތްގަނޑަކަށް ދެ އިންސައްތަ އެވެ. އޭގެ ތެރޭގައި ޔަހޫދީންނާއި، ބުޑިސްޓުންނާއި، ކޮންފިއުޝަސް އަށް އީމާން ވާ މީހުން ހިމެނެ އެވެ. އަދި މި ނޫނަސް އެހެން ދީން ދީނުގެ މީހުން ވެސް އުޅެ އެވެ.
އެމެރިކާގައި އޭޝިއާ ދަރިކޮޅުގެ މީހުންގެ އަލި މުސްތަގުބަލެއް ގާއިމު ކުރެވެން އޮތީ އޭޝިއާ ދަރިކޮޅުގެ މީހަކު އެ ޤައުމުގެ ރައީސް ކަމަށް ހޮވިގެން ކަމަށް އެ މީހުންގެ ހިތަށް އަރައިފި ނަމަ އެމެރިކާގައި އޭޝިއާ މީހުންނަށް އޮތް ހުރިހައި ދޮރެއް ބަންދު ވެގެން ދާނޭ ކަމީ ޔަގީން ކަމެކެވެ. އެހެނީ އެމެރިކާގެ ރައީސަކަށް ވެވޭނީ އެމެރިކާ އަށް އުފަން “ހަތަރުމަތިފުށް” އެމެރިކާގެ (Natural-born citizen) މީހަކަށެވެ. އެހެންވީމާ އޭޝިއާގެ މީހަކަށް ދުވަހަކު ވެސް މި ފުރުޞަތެއް ނުލިބޭނެ އެވެ. ރައީސްކަން އަމާޒަކަށް ހަދައިގެން އޭޝިއާ އިން ހިޖުރަ ކުރި މީހުން މަސައްކަތް ފަށައިފި ނަމަ ކުރިމަތިލާން ޖެހޭނީ ނާކާމިޔާބީ އާއެވެ. އެހެންނޫނީ އެ މީހުންނަށް ޖެހޭނީ މަސައްކަތް ކޮށްގެން ޤާނޫނު އަސާސީގެ އެ މާއްދާ އުވައިލެވޭތޯ ބަލާށެވެ. އޭޝިއާ ދަރިކޮޅުގެ މީހަކަށް ރައީސް ކަމަށް ކުރިމަތި ލެވޭން އޮތް ހަމަ އެކަނި ގޮތަކީ އެއީ އެވެ.
އެކަމަކު އެމެރިކާގައި ދިރިއުޅޭ އޭޝިއާގެ މީހުން އެ ފަދަ މޮޔަ ކަމެއް ނުކުރެ އެވެ. އެ މީހުން ހެޔޮ ވިސްނުމުގެ ބޭނުން ކުރީމާ އެނގުނު އެއްޗަކީ ރައީސްކަމާ ހަމައަށް އެ މީހުންނަށް ނުދެވުނު ނަމަވެސް މަތީ ތަޢުލީމު ޙާޞިލު ކޮށްގެން ޢިލްމީ ދާއިރާގެ މަތީ މަޤާމް ތަކާ ހަމައަށް ދިއުމުގެ ފުރުޞަތު ވަރަށް ތަނަވަސްކޮށް ހުޅުވިފައި އޮތް ކަމެވެ. އެ މީހުންނަށް ޓަކައި އޮތް ކާމިޔާބީގެ ޓިކެޓަކީ (ticket to success) މަތީ ތަޢުލީމުކަން އެ މީހުންނަށް އެނގެ އެވެ. އެހެންވީމާ އެ މީހުންގެ ހުރިހައި ހަކަތަ އަކާއި ވަގުތެއް ހޭދަ ކުރަން ފެށީ ތަޢުލީމު ޙާޞިލު ކުރުމަށްޓަކަ އެވެ. ނަތީޖާ އަކީ މަތިވެރި ކާމިޔާބީ ތަކާ ހަމައަށް ދެވޭގޮތް ވުމެވެ. އެ މީހުންނަކީ އާބާދީގެ އެންމެ ދެ އިންސައްތަ ކަމަށް ވިޔަސް، ތަޢުލީމީ ދާއިރާގެ މަތީ މަޤާމް ތަކުގެ ވިހި އިންސައްތަ ޙިއްޞާ ކުރަނީ އޭޝިއާ އިން ހިޖުރަ ކޮށްފައިވާ އެމެރިކާނުންނެވެ.
ދުނިޔޭގައި ކާމިޔާބީ ޙާޞިލު ކުރެވޭން އޮތް ގޮތަކީ މިއީ އެވެ. ދުނިޔޭގެ ހަމަތަކަށް ބަލާ އިރު ފެންނަނީ އިންސާނާ އަށްޓަކައި ބައެއް ފުރުޞަތު ބަންދު ވެފައި އޮންނަ އިރު ބައެއް ފުރުޞަތުތައް ހުޅުވިފައި ހުންނަ ތަނެވެ. ވިސްނުންތެރިންނަކީ މި ދެންނެވި “ހުޅުވިފައިވާ” ފުރުޞަތު ތަކުގެ ބޭނުން ކޮށްގެން ކުރިއަށް ދާން މަސައްކަތް ކުރާ މީހުންނެވެ. ލައްޕައި ތަޅުލާފައިވާ ދޮރެއްގައި ބޯ ތެޅިޔަސް އެ ދޮރެއް ނުހުޅުވޭނެ އެވެ. ބޯ ތަޅާ މީހެއްގެ ބޯ ފަޅައިގެން ދިއުން ނޫން ކަމެއް ނުވާނެ އެވެ. ތަޢުލީމަކީ މި ޒަމާނަށް ބަލާ އިރު ކާމިޔާބީގެ ޓިކެޓެވެ. އެ ޓިކެޓް ލިބިގަތުމުގެ މަގު ވަނީ ހުރިހައި ތަނެއްގައިވެސް ހުޅުވިފަ އެވެ.
ފަރުދީ ތަރައްޤީގެ ސިއްރަކީ މިއީ އެވެ. އަދި ޤައުމުތަކުގެ ތަރައްޤީގެ ސިއްރަކީ ވެސް މިއީ އެވެ. ޖަޕާނަކީ މި ދެންނެވުނު ބަހުގެ ވަރަށް ފުރިހަމަ މިސާލެކެވެ.
ޖަޕާނާ ބެހޭ ގޮތުން އެމެރިކާގެ ލިޔުންތެރިއަކު ފޮތެއް ލިޔުއްވާފައި ވެއެވެ. އެ ފޮތުގެ ނަމަކީ “ޖަޕާން، އެއް ނަންބަރުގެ ގޮތުގައި” މިއެވެ. ދުއިސައްތަ ފަންސާސް ޞަފްޙާ ގެ މި ފޮތުގައި ލިޔުންތެރިޔާ ވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ވަރަށް ބޮޑު ބައްޔަކުން ބަލި ވުމަށް ފަހު ޖަޕާން ކުރި އަރައިގެން އައި ގޮތް ބަޔާން ކޮށް ދެއްވައިފަ އެވެ. އަދި ޖަޕާނު ބަލިކުޅަ އެމެރިކާގެ މައްޗަށް އޮތް ބޮޑު ގޮންޖެހުމަކަށް ވެގެން ދިޔަ ގޮތް ވެސް ބަޔާން ކޮށް ދެއްވައިފައި ވެއެވެ. ލިޔުންތެރިޔާ ވިދާޅު ވެފައިވާ ގޮތުގައި ޖަޕާނު ވެގެން ދިޔައީ ބަދަލުގެ ވެރިއަކަށެވެ. ބަދަލުގެ އަޅަކަށް ނޫނެވެ. އެހެން ޤައުމުތައް ވަނީ ބޭރުގެ ނުފޫޒުގެ ސަބަބުން ބަރުބާދު ވެގެން ގޮސްފަ އެވެ. އެހެން ނަމަވެސް ބޭރުގެ ނުފޫޒުގެ ސަބަބުން ޖަޕާން ވަނީ ބާރު ގަދަ ވެފަ އެވެ.
Thus they became the masters of change rather than the victims. Other countries were devastated by foreign influence, but Japan was invigorated. (Ezra F. Vogel, Japan As Number One. Harward University Press, London 1979, p.256.)
ލިޔުންތެރިޔާ ދެކެވަޑައިގަންނަވާ ގޮތުގައި ޖަޕާނުގެ އާދަޔާ ޚިލާފު ތަރައްޤީގެ ސިއްރަކީ ސިޔާސީ އަދި ޢަސްކަރީ ބަލިވުމަކަށް ފަހު ޢަމަލީ މައިދާން މުޅީން ބަދަލު ކޮށްލި ބަދަލު ކޮށްލުމެވެ. އޭގެ ފަހުން ޖަޕާނުން ސަމާލުކަން ދިނީ ތަޢުލީމުގެ މައްޗަށެވެ. ފޮތުގެ ތިން ވަނަ ބާބުގައި ލިޔުންތެރިޔާ ބަޔާންކޮށްފައިވާ ގޮތުގައި ޖަޕާނުގެ ކާމިޔާބީގެ މައިގަނޑު ސަބަބު (Single factor) ބަޔާން ކޮށްދޭ ނަމަ ބޭނުން ކުރަން ޖެހެނީ ހަމަ އެންމެ ލަފްޒެކެވެ. އެއީ ޖަޕާނުގައި ތަޢުލީމަށް (knowledge) ދެވިފައިވާ ވަރުގަދަ ސަމާލުކަމެވެ. އެ ވާހަކަ ބަޔާން ކޮށް ދެއްވަމުން ލިޔުންތެރިޔާ ލިޔުއްވައިފައި ވެއެވެ.
When a foreign visitor comes to Japan, most Japanese almost instinctively think. “What can I learn from him?” And the three million Japanese who now travel abroad each year look for little hints of new ideas they might apply at home. (p. 29)
ޖަޕާނަށް އަންނަ ބޭރު މީހަކާ ބައްދަލު ވުމާއެކު ޖަޕާނުގެ މީހުންގެ ހިތަށް ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް އަރައެވެ. “މީނާގެ ކިބައިން އަހަރެންނަށް ދަސްވާނީ ކޮން ކަމެއް ހެއްޔެވެ؟” އަދި ބޭރު ޤައުމުތަކަށް ދަތުރު ކުރާ ތިން މިލިއަން މީހުން ބަލަމުން ގެންދަނީ އެނބުރި ޤައުމަށް އައިސް ބޭނުން ކުރެވޭ ފަދަ ފައިދާ ކުރުވަނިވި ކަމެއް އެހެން ޤައުމުތަކުން ލިބިގަނެވޭތޯއެވެ.