ކަރާޗީގައި ދީފައިވާ ޓެރަރިސްޓް ޙަމަލައަށް އަދަބު ނުދެވި ނުދާނެ ކަމަށް ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. މި ޓެރަރިސްޓް ޙަމަލާގައި ޗައިނާގެ ދެ މީހަކު މަރުވެފައި ވެއެވެ. ރޭ ދަންވަރު، ކަރާޗީ ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ މަގެއްގައި ދީފައިވާ ޓެރަރިސްޓް ޙަމަލާގައި ޖުމްލަ ތިން މީހަކު މަރުވެ 11 މީހަކު ޒަހަމްވެފައިވެއެވެ. އޭގެ ތެރޭގައި މަރުވި ޗައިނާ މީހުންނަކީ ޕާކިސްތާންގެ އުމުރާނީ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ފަންނީ ކަންކަމުގައި އުޅޭ ފަރާތްތަކެވެ.
މި ގޮއްވާލުމުގެ އަޑު އެތައް ހިސާބަކަށް އިވިގެން ދިޔައެވެ. ގޮވުން ހިނގި މަންޒަރުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެތައް އުޅަނދެއްގައި އަލިފާން ރޯވެފައިވާ ތަން ފެނެއެވެ.
ޕާކިސްތާންގައި ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ކަނޑައަޅާފައިވާ ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ)ގެ ޓެރަރިސްޓް މަޖީދު ބްރިގޭޑް އިން ވަނީ އެ ހަމަލާގެ ޒިންމާ ނަގައިގެން ބަޔާނެއް ނެރެފަ އެވެ.
ޕާކިސްތާނުގައި ހުންނަ ޗައިނާ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޗައިނާ ދެމީހުން މަރުވެފައިވާ ކަން ކަށަވަރުކޮށްދީ އެމީހުންނަށް ތަޢުޒިޔާ ކިޔާފައެވެ. އެ ދެމީހުންނަކީ ޗައިނާގެ ދެ އިންޖިނިއަރުންނެވެ.
މީގެ ކުރިންވެސް ބަލޫޗު ހަނގުރާމަވެރިންނާއި ތަހުރީކޭ ތާލިބާން ޓެރަރިސްޓުން ވަނީ ޗައިނާ އިންޖިނޭރުންނަށް އަމާޒުކޮށް ހަމަލަތައް ދީފައެވެ.