ކޯލްކަތާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މީހާގެ މައްޗަށް ދައުވާ އުފުލައިފިއެވެ. އުމުރުން 31 އަހަރުގެ ޑޮކްޓަރު މަރާލާފައި ވަނީ، ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލެއްގައި އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ސަންޖޯއީ ރޯއީ ނަމަކަށް ކިޔާ މީހާ ހައްޔަރު ކޮށްފައިވަނީ ޖަރީމާގެ އެއްދުވަސް ފަހުންނެވެ.

"ސަންޖޯއީ ރޯއީގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ހޮސްޕިޓަލް ތެރޭގައި ޑިއުޓީގައި ހުރި ޓްރެއިނިން ޕޯސްޓް ގްރެޖުއޭޓް ޑޮކްޓަރު ރޭޕްކޮށް މަރާލުމުގެ ދައުވާ،" މައްސަލަ ތަހުގީގު ކުރާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްކުރާ ގޮތުގައި އުމުރުން 33 އަހަރުގެ ރޯއީ އަކީ ހޮސްޕިޓަލުގައި ބަލިމީހުންނަށް ވޮލަންޓިއަރެއްގެ ގޮތުގައި އެހީތެރިވުމަށް މަސައްކަތް ކުރަމުން އައި މީހެކެވެ. ޒުވާން ޑަކްޓަރު ރޭޕްކުރުމާ ގުޅިގެން ކޮލްކަތާގެ ޑޮކްޓަރުން ވަނީ ހަފްތާތަކެއް ވަންދެން ހަޅުތާލުކޮށްފަ އެވެ.

އާންމު ރައްޔިތުންގެ 10 ހާސްމީހުން ބައިވެރިވި މުޒާހަރާތަކުގައި ގޮވާލާފައި ވަނީ އަންހެނުންނަށް ބިރެއް ނެތި މަސައްކަތް ކުޜާނެ އަމާން މާހައުލެއް ގާއިމްކޮށްދޭށެވެ. މިމައްސަލާގައި އިންސާފު ހޯދުމަށް ޑޮކްޓަރުންގެ ކުޑަ ގްރޫޕަކުން ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްވެސް ފަށާފައެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ވެސްޓް ބެންގޯލް ސަރުކާރުން ވަނީ ހަސްފަތާލުތައް އަލިކޮށްދީ ސެކިއުރިޓީ ކެމެރާތައް ބަހައްޓަން ވި ވައުދު ފުއްދައި ނުދީފައެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން މިދިޔަ މަހު ވަނީ ސިއްހީ ހިދުމަތްތެރިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރެވޭނެ ގޮތްތައް ބެލުމަށް ގައުމީ ޓާސްކް ފޯހެއް އެކުލަވާލުމަށް އަމުރުކޮށްފައެވެ.

މީގެ ކުރިންވެސް މިފަދަ ބިރުވެރި ރޭޕް ކޭސްތައް އިންޑިއާއިން ފެނިގެން ގޮސްފައި ވެއެވެ. 2012 ވަނަ އަހަރު ދިއްލީގެ ބަހެއްގައި ޒުވާން އަންހެނަކު ގޭންގް ރޭޕްކޮށް މަރާލި މައްސަލައަކީވެސް އިންޑިއާ ސިއްސުވާލި މައްސަލައެކެވެ. އެ މުޖުރިމުން ދަންޖައްސާފައި ވެއެވެ.