ޒަޔަނިސްޓުން ޣައްޒާގައި ނަސްލު ނައްތާލައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދިއުމަށް އެމެރިކާއިން 17.9 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަސްކަރީ އެހީ އިޒްރޭލަށް ފޯރުކޮށްދީފައިވާ ކަމަށް ބްރައުން ޔުނިވާސިޓީގެ "ކޮސްޓް އޮފް ވާރ ޕްރޮޖެކްޓުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. މި ރިޕޯޓު ނެރެފައި ވަނީ ޙަމާސްއިން ދިން ހަމަލާއަށް އަހަރު ފުރުނު ދުވަހެވެ.
އެމެރިކާގެ އަސްކަރީ އެހީ އާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާއާ ހަވާލާދީ، ޓައިމްސް އޮފް އިޒްރޭލު ވެބްސައިޓުން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާތަކަށް ފަހު އެމެރިކާއިން އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތައް އިތުރުކުރުމަށް ވެސް މިއަދަދުތަކުގެ އިތުރުން، އިތުރު 4.86 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. އެއީ އަންޞާރުﷲ ޖަމާޢަތުން ރެޑްސީގައި ދެމުންދާ ހަމަލަތައް ހުއްޓުވުމަށް ކުރާ ހޭދަކަމަށްވެސް ބުނެފައި ވެއެވެ. މިއާއެކު އެމެރިކާގެ ޖުމުލަ ހޭދަ 22 ބިލިއަން ޑޮލަރަށް ވުރެން އިތުރު ވެގެން ދެއެވެ.
މިޚަރަދުތަކާ ބެހޭ ދިރާސާތައް ހަދާފައި ވަނީ، ހާވާޑް ޔުނިވާސިޓީގެ ޖޯން އެފް ކެނެޑީ ސްކޫލް އޮފް މެޑިސިންގެ ޕްރޮފެސަރެއް ކަމަށްވާ ބިލްމްސްއާއި އެހެން ރިސާޗަރުންނެވެ. އޭނާ އަކީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ހަމަލާތަކުގެ ފަހުން އެމެރިކާ އިން ހަނގުރާމަތަކަށް ކުރާ ހޭދަތައް އަންދާޒާ ކުރުމަށް މަސައްކަތް ކުރާ ޓީމުގެ ބައިވެރިއެކެވެ.
ވޭތުވެދިޔަ އަހަރު އެމެރިކާއިން އިޒްރޭލަށް ފޯރުކޮށްދިން ބައެއް ހަތިޔާރުތަކަކީ، ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ވަޒަންވެރިކޮށްފައިވާ ޒަޔަނިސްޓުންނަށްވެސް ދީފައިވާ ހަތިޔާރެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި އިސްރާއީލުގައި ހުންނަ "އަޔަން ޑޯމް" އާއި "ޑޭވިޑްސް ސްލިންގް" އެއާ ޑިފެންސް މިސައިލް ސިސްޓަމްތަކުގެ އިތުރުން އޭވިއޭޝަން ފިއުލްއަށް ވެސް ގާތްގަނޑަކަށް އެމެރިކާއިން ހަތަރު ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވެ އެވެ.
މި ދިރާސާއިން ކަށަވަރުވާ ގޮތުގައި، ޔޫކްރޭނަށް އެމެރިކާއިން ދިން އަސްކަރީ އެހީގެ ލިޔެކިޔުންތަކާ ޚިލާފަށް، މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެމެރިކާއިން އިޒްރޭލަށް ފޮނުވި ހަތިޔާރާ ބެހޭ ފުރިހަމަ ތަފްސީލު ހޯދުމަކީ އުދަގޫކަމެކެވެ. އަދި މި މަޢުލޫމާތު ވަނީ ސިއްރުކޮށްފައެވެ.
މި ދިރާސާގައި ބުނެފައި ވަނީ، "ބިއުރޯކްރެޓިކް މެނިޕިއުލޭޝަންގެ ތެރެއިން އެހީގެ ފުރިހަމަ މިންވަރާއި ހަތިޔާރުގެ ބާވަތްތައް ފޮރުވުމަށް ބައިޑަންގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ."