ޖަޕާނުގެ ފުރަތަމަ މަތިންދާބޯޓު އުފުލާ މަނަވަރު ތައްޔާރު ކޮށްދިނުމުގެ މަސައްކަތް އެމެރިކާއިން ފަށައިފިއެވެ. މި މަނަވަރަކީ ޖަޕާނުން ކުރިން ހެލިކޮޕްޓަރު އުދައްސަން ބޭނުކުރި މަނަވަރެކެވެ. މި މަނަވަރު ވަނީ މިހާރު މަތިންދާ ބޯޓު އުދުއްސުމަށް ގާބިލު އުޅަނދަކަށް ބަދަލު ކުރުމުގެ ފުރަތަމަ މަރުހަލާ ނިންމައި ދެވަނަ މަރުޙަލާގެ މަސައްކަތަށް ކެލިފޯނިއާއަށް ގޮސްފަ އެވެ.

ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސް އިން ބުނާ ގޮތުގައި ކާގާ މަނަވަރުން ސެން ޑިއޭގޯގެ ކަނޑުގެ ސަރަހައްދުގައި އެފް-35ބީ މަރުކާގެ ފަޔަރ ޖެޓްތައް އުދުއްސައި ޓެސްޓްތައް ކުރާނެއެވެ.

ޖަޕާނުން ހެލިކޮޕްޓަރު އުފުލާ ޑިސްޓްރޯޔަރުތައް މަތިންދާބޯޓު އުފުލާ މަނަވަރަށް ބަދަލުކުރަން ނިންމީ ޗައިނާއިން ކަނޑުގެ ހަނގުރާމައަށް މަނަވަރުތަކުގެ ފުޅަނދު އިތުރު ކުރަމުން ދިއުމާ ގުޅިގެންނެވެ. ޖަޕާނުން މި ގެންނަ ބަދަލުތަކަށް ޗައިނާއިން ވަނީ ފާޑު ކިޔާފައެވެ. ބެއިޖިން އިން ބުނަނީ މި ފިޔަވަޅަކީ، ބޮޑެތި ގެއްލުން ދެނިވި ހަތިޔާރު ގެންގުޅުމަށް ޖަޕާނަށް މަނާ ކުރާ ޤާނޫނުއަސާސީއާ ޚިލާފް ޢަމަލެއް ކަމުގައި ވާނެ ކަމަށެވެ.

ޖަޕާނުން ވަނީ 2018 ވަނަ އަހަރުން ފެށިގެން އެޤައުމުގެ ދިފާޢީ ނަޒަރިއްޔާއަށް ބަދަލު ގެނަސްފައެވެ. އެބަދަލުގައި، ހަނގުރާމަ މަތީ މަނަވަރުތައް ގައުމު ދިފާއުކުރުމުގެ މިޝަންތަކުގައި "މަލްޓި ފަންކްޝަން ޑިސްޓްރޯޔަރުންގެ" ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ހަދާފައި ވެއެވެ.

ޖަޕާނުން މަނަވަރުތަކުގައި ބޭނުން ކުރާނީ އެމެރިކާގެ އެންމެ ކުރިއަރާފައިވާ އެފް-35ބީ މަރުކާގެ ބޯޓުތަކެވެ. މިވައްތަރުގެ 42 މަތިންދާ ބޯޓު ޖަޕާނުން މި މަނަވަރުތަކަށް ގަންނާނެއެވެ.

އެމެރިކާއިން މިހާރުވެސް 11 ސްޓޭންޑަޑް އެއާކްރާފްޓް ކެރިއާގެ މަނަވަރުގެ ފުޅަނދެއް ގެންގުޅެއެވެ. އަދި އޭގެ އިތުރުން އެމެރިކާގެ ނޭވީން އޮޕަރޭޓް ކުރާ އެހެން މަނަވަރުތަކުގައިވެސް ފަޔަރ ޖެޓް ބޭނުން ކުރެވޭނެއެވެ.

ޗައިނާއިން ވަނީ މަތިންދާބޯޓު އުފުލާ ދެ މަނަވަރު ބޭނުން ކުރަން ފަށާފައެވެ. އަދި 3 ވަނަމަނަވަރުގެ ޓެސްޓްތައް ދަނީ ކުރަމުންނެވެ.