ޕާކިސްތާންގެ އިލެކްޓްރޯނިކް މީޑިއާއާއި ޕްރިންޓް މީޑިއާއިން ސަރުކާރާ ދެކޮޅަށް މައްސަލަ ޖައްސައި ނުރުހުން ފާޅުކޮށްފިއެވެ. ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޝަން އޮތޯރިޓީ (ޕެމްރާ) އިން ވަނީ ކަރާޗީ އެއާޕޯޓް ކައިރީގައި ހިނގި ބިން ގޮއްވުމުގެ ހާދިސާ ހިނގައިދިޔަ ގޮތް ޓީވީތަކުން ގެނަސްދިން ގޮތާމެދު ހިތްހަމަ ނުޖެހިގެން ޓީވީ ސްޓޭޝަންތަކަށް ނޯޓިސް ފޮނުވާފައެވެ.
މި ހާދިސާއަކީ ޗައިނާގެ ދެ އިންޖިނިއަރަކާއި ޕާކިސްތާން މީހަކު މަރުވި ހާދިސާއެކެވެ. މި ބޮން ގޮއްވާލުމުގައި ޗައިނާ މީހުން މަރުވި ކަމަށް ބުނާ ރިޕޯޓްތައް ގެނަސްދިނުން ވަނީ މައްސަލައަކަށް ވެފައެވެ.
ޕެމްރާއިން ވަނީ ޓީވީ ސްޓޭޝަންތަކަށް ނޯޓިސް ފޮނުވާފައެވެ. އަދި އިލެކްޓްރޯނިކް މީޑިއާ އެޑިޓާޒްއާއި ނިއުސް ޑައިރެކްޓާޒް އެސޯސިއޭޝަން (އެމެންޑް) އިން ވަނީ ސަރުކާރުން މީޑިއާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ބުނެ މީޑިއާ ސެންސަރު ކުރުމަށް މަޖުބޫރު ކުރުވަނީ ކަމަށް ތުހުމަތުކޮށްފައެވެ.
ޕާކިސްތާން ފެޑެރަލް ޔުނިއަން އޮފް ޖާނަލިސްޓްސްއިން ވެސް ވަނީ ޕެމްރާއިން މިކަން ގެންދާ ގޮތް ކުށްވެރިކޮށްފައެވެ.
މި ދެޖަމުއިއްޔާއިންވެސް ބުނެފައި ވަނީ، އެ ހާދިސާ ހިނގި ވަގުތު ކަން ހިނގައި ދިޔަ ގޮތާއި އެތާގައި ޓްރެފިކް ހުރިގޮތާއި ބަންދު ކުރި މަގުތަކުގެ މަޢުލޫމާތާއި ސަލާމަތީ ފަރާތްތަކުން ޙަރަކާތްތެރިވި ގޮތަކީ އާންމު ރައްޔިތުންނަށް މުހިންމުވާނެ މަޢުލޫމާތެއް ކަމުން ޒިންމާދާރު ކަމާއެކު އެކަން ކޮށްފައި ވާނެ ކަމަށެވެ. އަދި އެއްވެސް ޗެނަލަކުން ގަވާޢިދާ ޚިލާފަށް ކަމެއް ކޮށްފައިވާނެ ނަމަ އެކަމެއް ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް ދީފައި ވެއެވެ.