ލުބުނާނުގައި ތިބޭ ސުލްޙަ ބަލަހައްޓާ އދގެ ލަޝްކަރުގެ މައި މަރުކަޒަށް ޒަޔަނިސްޓު ސިފައިން ބަޑިޖަހައި ދިން ޓެރރިސްޓް ހަމަލާއަކީ އިޒްރޭލުން ހިންގާފައިވާ ބަލައިނުގަނެވޭނެ ޖަރީމާއެއް ކަމަށާއި އެކަމަކީ، "ހަނގުރާމައިގެ ޖަރީމާއަކަށް ވެދާނެ" ކަމެއް ކަމަށް އިޓަލީގެ ޑިފެންސް މިނިސްޓަރު ބުރާސްފަތި ދުވަހު ވިދާޅުވެއެވެ.

އދގެ ލަޝްކަރުން ބުނީ އިޒްރޭލު ސިފައިން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ވެސް ލުބުނާންގައި ތިބޭ ސުލްޙަ ބަލަހައްޓާ ޔުނިފިލްގެ މިޝަންގެ މައި މަރުކަޒަށް ބަޑިޖަހާފައިވާ ކަމަށެވެ. ޒަޔަނިސްޓުންގެ ހަނގުރާމައިގެ ޖަރީމާގައި ސުލްޙަ ބަލަހައްޓާ ސިފައިންގެ ދެމީހަކަށް އަނިޔާވެފައި ވއެވެ.

ޔުނިފިލަކީ ސަލާމަތީ މަޖިލީހުން ކަނޑައަޅައިގެން ޒަޔަނިސްޓުންނާއި ދެކުނު ލުބުނާންގައި ކަނޑައަޅާފައިވާ ސަރަހައްދު މޮނީޓާ ކުރުމަށް ތިބޭ ލަޝްކަރެވެ.

ޒަޔަނިސްޓުންގެ ޖަރީމާއާ ބެހޭ ގޮތުން ފަލަސްޠީނުގައި އިންދާފައިވާ ޒަޔަނިސްޓު ނިޒާމުން އަދި ބަހެއް ނުބުނެއެވެ.

"މިއީ އޮޅުމަކުން ކުރެވުނު ކަމެއް ނޫން އަދި އެކްސިޑެންޓެއް ވެސް ނޫން،" އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ. "އެއީ ހަނގުރާމައިގެ ޖަރީމާއަކަށް ވެދާނެ ކަމެއް އަދި ބައިނަލްއަގްވާމީ އަސްކަރީ ގާނޫނާ ޚިލާފުވުމެއް." އޭނާ އިތުރަށް ވިދާޅުވިއެވެ.

ކްރޮސެޓޯ ވަނީ ރޯމްގައި ހުންނަ ޒަޔަނިސްޓުންގެ ސަފީރު ވެސް ހާޒިރުކޮށް، ހަރުކަށި ކޮށް އޭނާއަށް އިޙުތިޖާޖުގެ ޝަކުވާ އިއްވަވާފައެވެ.

ޒަޔަނިސްޓުން ވަނީ ޔުނިފިލްގެ ސުލްހަ ބަލަހައްޓާ ސިފައިން ބޯޑަރާއި ދުރަށް ގެންދިއުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އިޓަލީން ވަނީ އެކަން ކުރުމުގެ ހައްގެއް ޒަޔަނިސްޓުންނަށް ނެތް ކަމަށް ބުނެފަ އެވެ.

ޔުނިފިލް އިން ލުބުނާނާއި އިޒްރޭލުގެ ބޯޑަރު ސަރަހައްދު މޮނިޓަރ ކުރަމުން އަންނަތާ ދިހަވަރަކަށް އަހަރު ވެއްޖެއެވެ. ގާތްގަނޑަކަށް 50 ގައުމަކުން 10،000 އަށް ވުރެ ގިނަ ސިފައިން ޔުނިފިލްގައި ތިބެއެވެ.

އިންޑޮނޭޝިއާ އަށް ފަހު ދެވަނައަށް އެންމެ ގިނައިން ސިފައިން ޔުނިފިލްގައި ބައިވެރިކޮށްފައިވާ ޤައުމަކީ އިޓަލީއެވެ. އިޓަލީގެ މިޝަންގައި 1000 ސިފައިން ބައިވެރިވެއެވެ.

ސްޕެއިން އިން ވެސް ބުރާސްފަތި ދުވަހު ވަނީ ޒަޔަނިސްޓުންގެ ބަޑިޖެހުމަކީ "ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ޖަރީމާއެއް" ކަމަށް ބުނެ ޒަޔަނިސްޓުން ކުށްވެރިކޮށްފަ އެވެ.