އީރާނުން އަރަބި އަޚުންނަށް ދީފައިވާ އިންޒާރުގެ މަޢުލޫމާތު އެމެރިކާއަށް ލިބިފައިވާ ކަން އެމެރިކާއިން ކަށަވަރުކޮށްދީފިއެވެ. ވޯލްސްޓްރީޓް ޖާނަލް އިން ބުނެފައި ވަނީ ޔޫއޭއީއާއި ސަޢޫދީ އަރަބިއްޔާ އަދި ޖޯޑަން އިން ވަނީ އެޤައުމުތަކުގެ ވައިގެ ސަރަހައްދު އީރާނާ ދެކޮޅަށް ދޭ އެއްވެސް ޙަމަލައެއްގައި ބޭނުން ނުކުރުމަށް އެމެރިކާއަށް އަންގާފައެވެ. އަދި މިއެންގުން އައިސްފައި ވަނީ ޑިޕްލޮމެޓިކް ޗެނަލްތަކުން ނުރަސްމީ ސިފައެއްގައި ކަމަށްވެސް ބުނެފައި ވެއެވެ.

ޢަރަބި އަޚުންގެ ބިރަކީ އީރާނަށް ދޭހަމަލައަކާ ހެދި ފާރިސީ ކަނޑު އޮޅި އީރާނުން ބަންދުކޮށްފާނެ ކަމުގެ ބިރެވެ. އީރާނުން ވަނީ އެގޮތަށް އަމަލު ކުރާނެ ކަމަށް ބުނެފައެވެ.

އީރާންގެ ވެރިން ޢަރަބިންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ޢަރަބިން ވަނީ، އީރާނަށް ދޭ ހަމަލައެއްގައި އެޤައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުން ކުރަން ހުއްދަ ނުދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ލަފާ ކުރެވޭ ގޮތުގައި އީރާނަށް ޙަމަލަ ދޭން އިޒްރޭލުން ބޭނުން ކުރާނީ ސީރިޔާގެ ވައިގެ ސަރަހައްދެވެ. ސީރިޔާއާއި އިރާގާ އިންވެގެންވާ ސަރަހައްދުގެ ބޮޑު ބައެއް ކޮންޓްރޯލު ކުރަނީ އެމެރިކާއިން ނެވެ.

ލާޒިޤިއްޔާ ބަނދަރާއި ދިމިޝްޤް ސަރަހައްދު ރަޝިޔާއިން ބަލަހައްޓަމުން ދިޔަ ނަމަވެސް، އެހިސާބުގައި ބޭނުންކުރާ އެސް400 ގެ ދިފާޢީ މިސައިލްގެ ނިޒާމު ރަޝިޔާއިން ވަނީ ޙިޒުބުﷲއަށް ޙަމަލަ ދިނުމުގެ ދެދުވަސްކުރިން ނިއްވާލާފައެވެ. އަދިވެސް އެނިޒާމު އޮން ކޮށްފައެއް ނުވެއެވެ.

އެސް400 އަކީ ދުނިޔޭގައި މިވަގުތު ބޭނުންކުރާ އެންމެ ބާރުގަދަ ވައިގެ ސަރަހައްދުގެ ދިފާޢީ ނިޒާމެވެ.

އީރާނުން ވަނީ އދގައި ވާހަކަ ދައްކަމުން އެމެރިކާއަށްވެސް އިންޒާރު ދީފައެވެ. އީރާނުން އެމެރިކާގެ ނަން ނުބުނެ، ބުނެފައި ވަނީ އީރާނަށް ހަމަލަދިނުމުގައި ބައިވެރިވާނަމަ އެމެރިކާއަށްވެސް ސަލާމަތެއް ނޯންނާނެ ކަމަށެވެ.