ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފްގެ ލީޑަރަކު ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު އިސްލާމްއާބާދަށް ވަޑައިގަންނަވާއިރު އެމީހުންގެ މުޒާހަރާގައި ބައިވެރިވެ ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ޖަޔަޝަންކަރު އިސްލާމްއާބާދުގައި އުޅުއްވާނީ، އޮކްޓޯބަރު 15 އަދި 16 ގައެވެ. އެ ދަތުރުފުޅަކީ، ޕާކިސްތާނުގައި ބާއްވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ކައުންސިލް އޮފް ހެޑްސް އޮފް ގަވަރމަންޓްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ތަޙުރީކޭ އިންސާފް ޕާޓީގެ ލީޑަރު މުޙައްމަދު އަލީ ސައިފް، ޖަޔަޝަންކަރަށް ދަޢުވަތު އެރުވީ، ޖިއޯ ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ސައިފަކީ ޚައިބަރު ޕަޚުތޫން ޚުވާގެ ޗީފް މިނިސްޓަރު ޢަލީ އަމީން ޣަންދާޕޫރުގެ އެޑްވައިޒަރެކެވެ.
"އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ޕީޓީއައިގެ މުޒާހަރާގައި ބައިވެރިވެ ވަޑައިގަތުމަށް ދައުވަތު އަރުވަން. އަދި އަޅުގަނޑުމެންގެ ރައްޔިތުންނާ ވާހަކަ ދައްކަވައި ޕާކިސްތާނަކީ ކޮންމެ މީހަކަށް ވެސް މުޒާހަރާ ކުރުމުގެ ހައްގު ލިބިގެންވާ ވަރުގަދަ ޑިމޮކްރަސީއެއްކަން ދައްކާލަން ބޭނުން،" ސައިފް ވިދާޅުވި އެވެ.
ޕާކިސްތާންގެ މިނިސްޓަރު ފޯ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އަދި ވެރިކަންކުރާ ޕާކިސްތާން މުސްލިމް ލީގް-(ނ) ގެ ލީޑަރު ޢަތާޢުالله ތަރާރު ވިދާޅުވީ އިންޑިއާގެ ފޮރިން މިނިސްޓަރަށް ސައިފް އެރުވި ދައުވަތަކީ "ވަރަށް ޒިންމާދާރުކަން ކުޑަ" ދައުވަތެއް ކަމަށާއި އެއީ "ޕާކިސްތާނާ މެދު ޢަދާވާތްތެރިވުމެއް" ކަމަށެވެ.
ޕާކިސްތާން ޕީޕަލްސް ޕާޓީން ބުނެފައި ވަނީ މި ރޭޓުގައި ކަންކަން ދާނަމަ، މާދަމާ ތަޙުރީކޭ އިންސާފުން ނަތަންޔާހޫއަށްވެސް މުޒާހަރާގައި ބައިވެރިވުމަށް ދައުވަތު ދީފާނެ ކަމަށެވެ.
ފާޑު ކިޔުން އަމާޒުވުމުން ސައިފް ވިދާޅުވީ އޭނާ ދެއްވި ވާހަކަ އެހެން ގޮތަކަށް މާނަކޮށްފައި ވަނީ ކަމަށެވެ.