އީރާނުން ދިން މިސައިލް ހަމަލައަށް ރައްދު ދިނުމަކީ އިޒްރޭލުގެ ހައްގެއްކަމަށް ޖޯ ބައިޑެން ދެކެވަޑައިގަންނަވައެވެ. އެހެންވެ، އެމެރިކާއިން ވެސް ވަނީ އީރާނާ ދެކޮޅަށް ދަތުކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައެވެ. މުޅި އުމުރު ޒަޔަނިސްޓުންގެ އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް)ގެ ޕޭރޯލުގައި ހޭދަކުރެއްވި ބައިޑެންއަށް ހަނިއްޔާ ޝަހީދުކޮށްލަން އިޒްރޭލުން ދިން ޙަމަލާ ކުށްވެރިކޮށްލައި ފިޔަވަޅެއް އަޅާކަށް ނުކެރުނެވެ.
އީރާނުން އެޤައުމުގެ ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތް ކުރުމަށް ދިން ރައްދު ހަމަލާއާ ގުޅިގެން، އެމެރިކާއިން ވަނީ އީރާނުގެ ޕެޓްރޯލިއަމް އަދި ޕެޓްރޯކެމިކަލް އުފެއްދުންތަކާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކުރުމަށް އިއްޔެ ނިންމާފައެވެ.
އެމެރިކާގެ މި ފިޔަވަޅަކީ އީރާނުގެ އިގްތިސާދުގެ މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން ބައިޑެން ނެރެފައިވާ އެގްޒެކެޓިވް އަމުރު ތަންފީޒު ކުރުމަށް އަޅާ ފިޔަވަޅެކެވެ.
"މިއަދުގެ އާ ފިޔަވަޅުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އީރާނުގެ ތެޔޮ ގަންނަ ފަރާތްތަކަށް އެ ތެޔޮ އުފުލައިދޭ ބޯޓުތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވެސް ހިމެނޭ،" އިޒްރޭލަށް ވާގިވެރިވާ އެމެރިކާގެ، ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާން ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.
"މި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ މިސައިލް ޕްރޮގްރާމްތަކަށް އެހީތެރިވުމަށް ބޭނުންކުރާ މާލީ ވަސީލަތްތައް ހުއްޓުވުމަށް، ... އެހީތެރިވެދޭނެ." އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން މިހާރު ފާސްކޮށްފައިވާ ރިއާސީ ގަރާރުން، "އީރާނުގެ އިގްތިސާދުގެ ޕެޓްރޯލިއަމް އަދި ޕެޓްރޯކެމިކަލް ދާއިރާގައި ހަރަކާތްތެރިވާން އަޒުމް ކަނޑައަޅާފައިވާ ކޮންމެ މީހަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅޭނެ" ކަމުގައި އެމެރިކާގެ ޓްރެޜަރީން ނެރެފައިވާ ބަޔާނެއްގައިވެ އެވެ.