ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ 'ޕޮލިސް ބޯޑް' އަށް އާއްމުންގެ ފަރާތުން މެމްބަރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލި އިއުލާނަށް އިޖާބާދީ ކުރިމަތިލި ފަސް ފަރާތެއްގެ ނަން ދިރާސާކުރަން ކޮމިޓީ އަށް ފޮނުވަން ނިންމައިފި އެވެ.

ޕޮލިސް ބޯޑަށް ޢާންމު ރައްޔިތުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ ދެ މެންބަރުން ހޮވުމަށްޓަކައި މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް މަޖިލީހުގެ ރިޔާސަތުން މިއަދުގެ ޖަލްސާގައި ވަނީއިޢުލާންކޮށްފައެވެ.

ޕޮލިސް ބޯޑަށް އާންމުގެ ތެރެއިން ކުރިމަތިލައިފައިވާ ފަރާތްތައް

1. ލަބީގް މުހައްމަދު މާހިދު / މ. މަނަދޫވިއު

2. ޒުބައިރު އަހުމަދު މަނިކު / ގ. މަލްވިނަ

3. ޒީނަތު އަލީ / ދަފްތަރު ނަންބަރު 16264.

4. އަލީ މުހައްމަދު މަނިކު / ދަފްތަރު ނަންބަރު 18515.

5. ހާމިދު އަބްދުލް ޣަފޫރު / ހ. ޝޭޑީ ކޯނަރު

މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުގައިވަނީ ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައެވެ. އެ ޤާނޫނުގައި ވަނީ، ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެކަމަށެވެ.