ޗައިނާގައި ޖަޕާނު މީހުންނަށް ޙަމަލަދޭ މިންވަރު އިތުރުވާތީ ޖަޕާނުގެ އައު ޚާރިޖީ ވަޒީރު، ޓަކޭޝީ އިވާޔާ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. ޖަޕާނު މީހުން ބުނަނީ ވިޔަފާރި ބޭނުންތަކުގައިވެސް އެ މީހުން ޗައިނާއަށް ދާން ޖެހިލުންވާ ކަމަށެވެ. ޗައިނާއާއި ޖަޕާނާ ދެމެދު ރައްޔިތުންގެ ފެންވަރުގައި މިފަދަ މައްސަލަތައް ދިމާވާން ފެށީ ދެ ޤައުމުގެ ސިޔާސީ ގުޅުން ހީނަރުވާން ފެށުމުންނެވެ. ދެޤައުމުން ދަނީ އިތުމަތީ ޗައިނާ ކަނޑާއި ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ބަހުގެ ހަމަލަތަކެއް ބަދަލު ކުރަމުންނެވެ.
ޖަޕާނުން ބުނާ ގޮތުގައި ބޭސްއުފައްދާ އެސްޓެލާ ފާރްމާގައި މަސައްކަތް ކުރި ޖަޕާނު މީހަކު ޖާސޫސް ކުރިކަމަށް ތުހުމަތުކޮށް މާޗް މަހު ޖަލުގައި ތެޅުވުމަށްފަހު އޭނާއަށް ދައުވާ ކޮށްފައިވާ އޮގަސްޓް މަހުއެވެ. ޖަޕާނުން މިމައްސަލާގައި އިހުތިޖާޖު ކުރުމުންވެސް ބެއިޖިންގއިން ވަނީ ބީރު ކަންފަތެއް ދީފައެވެ.
ޖޫން މަހުވެސް ޝެންހާއި ކައިރީގައި އޮންނަ ޝޫޒޫގައި އުމުރުން 3 އަހަރުގެ ޖަޕާނު ކުއްޖަކާއި އޭނާގެ މަންމައަށް މީހަކު ވަޅިން ހަމަލަ ދީފައި ވެއެވެ. އަދި އެހަމަލާގައި އެހީވާން މަސައްކަތް ކުރި ޗައިނާ އަންހެން ބަސް ޑްރައިވަރު ވަނީ މަރުވެފައެވެ.
އޭގެ ތިން މަސްފަހުން، ސްކޫލަށް ދިޔަ އުމުރުން 10 އަހަރުގެ ޖަޕާނު ކުއްޖަކަށްވެސް ވަޅިން ޙަމަލަ ދީ މަރާލާފައި ވެއެވެ.
ޗައިނާއިން ބުނާ ގޮތުގައި މިއީ ގުޅުމެއް ނެތް އެކަހެރި ހާދިސާތަކެކެވެ. ނަމަވެސް ޖަޕާނުން ދެކެނީ މިއީ ތަފާތުކުރުމުގެ ސަބަބުން ދިމާވާ ހާދިސާތަކެއް ކަމަށެވެ. އެހާދިސާގެ ފަސް ދުވަސްފަހުން އދގައި ޖަޕާނާއި ޗައިނާ ޚާރިޖީ ވަޒީރު ބައްދަލު ކުރެއްވިއެވެ.
ޖަޕާނު މީހުން ބުނާ ގޮތުގައި ޖަޕާނު މީހުންނަށް ޗައިނާގައި ނުރައްކާ ވަނީ ޗައިނާއިން ޖަޕާނާ ދެކޮޅަށް ޕްރޮޕެގެންޑާ ކުރާތީއެވެ. ޗައިނާއިން އެވާހަކަތައް ގަބޫލެއް ނުކުރެއެވެ.
ޗައިނާއާއި ޖަޕާނާ ދެމެދު މިމައްސަލަތައް ދިމާވަމުންދާއިރު ކޮންމެ ޤައުމަކުން ވެސް ދަނީ އަނެއް ޤައުމުގެ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.