"ނުކުރާނަމަ އުނިކުރަމާ" ނަމުގައި މީރާއިން ކެމްޕޭނެއް ފަށައިފިއެވެ.

"ނުކުރާނަމަ އުނިކުރަމާ"ގެ ނަމުން މީރާއިން މި ފެށި ކެމްޕޭނަކީ މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ވިޔަފާރި ހުއްޓާލައިފައިވާ ނުވަތަ ވިޔަފާރިނުކުރާ ފަރާތްތަކާއި، ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމުގެ ޝަރުތު ހަމަވާ ފަރާތްތައް ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް ހިންގާ ކެމްޕޭނެއް ކަމަށް މީރާ އިން މައުލޫމާތު ދެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ޓޫރިޒަމް މަސައްކަތްކުރާ ފަރާތްތައް ނުވަތަ މުދާ އިމްޕޯޓްކުރާ ފަރާތްތައް ފިޔަވާ އެހެން ވިޔަފާރިކުރާ ފަރާތްތަކުން، އެ ފަރާތަށް އަހަރެއްގެ މައްޗަށް 5 ލައްކަ ރުފިޔާއަށްވުރެ ދަށުން އާމްދަނީ ލިބޭނަމަ އެފަރާތެއް ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅިދާނެ އެވެ

މި ފަދަ ފަރާތްތަކަށް، މިކެމްޕެއިނުގެ ދަށުން ޖީ.އެސް.ޓީ ރަޖިސްޓްރީން އުނިކުރުމަށް އޮތް ހުރަހަކީ ނުދައްކާ ހުރި ޓެކުހާ ގުޅޭ ޖޫރިމަނާއެއް ކަމުގައި ވާނަމަ، އެ ޖޫރިމަނާ ވެސް މައާފުކޮށްދެވޭނެކަމަށް ވެސް މީރާއިން ހާމަކުރެއެވެ.

އެހެންކަމުން، 'ނުކުރާނަމަ އުނިކުރަމާ' ކެމްޕެއިނުގެ ދަށުން ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް ބޭނުންވާ ފަރާތްތަކުން، މީރާ 106 ފޯމް މެދުވެރިކޮށް ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް އެދި ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެއެވެ.

މިރާއިން މިފެށި ކެމްޕެއިނާއި ގުޅޭގޮތުން މީރާގެ އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް، އެންފޯސްމަންޓު ފާތިމަތު އަމީޒާ ވިދާޅުވީ ވިޔަފާރި ނުކުރި ކަމުގައިވިޔަސް ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްނަމަ ކޮންމެ ޓެކްސް ނެގޭ މުއްދަތަކާ ގުޅިގެންވެސް ކަނޑައެޅިފައިވާ ސުންގަޑީގައި ޓެކްސް ބަޔާން ހުށަހަޅަން ޖީ.އެސް.ޓީ ޤާނޫނުން ލާޒިމު ކުރާތީ މިފަދަ ފަރާތްތަކުންވެސް، ޖީ.އެސް.ޓީ ރަޖިސްޓަރީން އުނި ނުކުރާނަމަ، ޓެކްސް ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށާ އަދި ބަޔާން ހުށަނޭޅުމުގެ ސަބަބުން މިފަދަ ފަރާތްތައްވެސް ޖޫރިމަނާވަމުން ދާނެ، ކަމަށް އަމީޒާ ވިދާޅުވިއެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން މިހާރު ވަނީ އެ އޮތޯރިޓީއަށް ދައްކަންޖެހޭ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް، މީރާގެ އޮންލައިން ޚިދުމަތްތައް ކަމުގައިވާ "މީރާކަނެކްޓް" އަދި "ވާރުޕޭ" މެދުވެރިކޮށް، ބަލައިގަތުމުގެ ޚިދުމަތް ހަމަޖައްސައިދީފައެވެ.