އިސްރާއީލުގެ ތަޖުރިބާކާރު އަދި ހަމާސްގެ ކަންކަމާ ބެހޭ މާހިރު، ގާއި އަވިއާދު ބުނާ ގޮތުގައި "ހަމާސް އަލުން ރުކުރުވާލާނީ ސިންވާރަށް ވުރެ މޮޅު ހުނަރުވެރިއަކާ އެކު" އެވެ. އޭނާ ފާހަގަކުރި ގޮތުގައި "ސިންވާރަކީ ވަރަށް އިސް އޮފިޝަލެއް، އެހެން ނަމަވެސް އޭނާ އަކީ އިޒްރޭލާއި ފަލަސްތީނާ ދެމެދު ކުރިއަށްދާ މި ދިގު ހަނގުރާމައިގައި ސިފައިންގެ މީހެއް. އަދި މިއީ ދިގު ޒަމާންތަކެއް ވަންދެން ކުރިއަށްދާނެ ހަނގުރާމައެއް" ކަމަށެވެ.

އޭނާ އިތުރަށް ފާހަގަކުރީ، "ޣައްޒާގައި އަދިވެސް ހަމާސް އާއި އެހެނިހެން ޖަމިއްޔާތަކުގެ ހަތިޔާރު އެޅި އެތައް ހާސް އެކްޓިވިސްޓުންނެއް އެބަތިބި" ކަމަށެވެ.

ޒަޔަނިސްޓުންގެ ޗެނަލް 13 ގައި ވާހަކ ދައްކަމުން އޭނާ ބުނީ، ހަމާސް އަކީ ފީނިކްސް ދޫންޏާ އެއްފަދަ އެއްޗެއް ކަމަށެވެ. ކޮންމެ ފަހަރަކުވެސް އާލަވަނީ ކުރިއަށް ވުރެން ވަރުގަދަ ކޮށެވެ.

ހަމާސްއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ފާހަގަ ކުރީ، "ސިންވާރު ކިތަންމެ އިސް ލީޑަރެއް ކަމުގައިވިއަސް ޙަމާސް އުފެދި ބޮޑުވީ ސިންވާރު އިސްރާއީލުގެ ޖަލުގައި ހުންނެވި ދުވަސްވަރުގައި" ކަމަށެވެ.

އަދި ފަލަސްޠީނުން ބޭރުގައި އެއްވެސް ގެއްލުމެއް ނުލިބޭ، ހަމާސްގެ އެތައް ލީޑަރުން އެބަތިބި ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އޭނާ ކިޔައިދިން ގޮތުގައި ހަމާސްއިން ޣައްޒާގައި ހިންގާ ކޮންސްޓްރަކްޝަން އޮފީހަށް ވެސް މިހަނގުރާމައިން ގެއްލުމެއް ނުލިބެއެވެ. އަދި ހަމާސްގެ ފައިސާ ބަލަހައްޓާ އިދާރާއަށްވެސް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

އޭނާ ގަބޫލުކުރަނީ "ޣައްޒާއިން ބޭރުގައި ހުރި ހަމާސްގެ ހުރިހާ ލޮޖިސްޓިކަލް، އިދާރީ އަދި ސްޓްރެޓެޖިކް ވަސީލަތްތަކަކީ، އަދިވެސް މުޅިން ވަރުގަދަ ވަސީލަތްތަކެއް ކަމަށާއި، ކުރިއަށް އޮތްތާނގައި މިތަންތަން އިތުރަށް ވަރުގަދަވެ، ޙަމާސް ދިގު މުއްދަތަކަށް ދެމިއޮންނާނެ" ކަމަށެވެ.

ފަލަސްޠީނުން ބޭރުގައި ތިބި ޙަމާސްގެ ލީޑާރުންނާ އެމީހުންގެ ބާރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ، އީރާނާއި ލުބުނާނާއި ޔަމަނާއި އަލްޖީރިއާގައި ހަމާސް ތަމްސީލު ކުރާ އޮފީސްތައް ހުރިއިރު، އެމީހުންގެ ފަހަތުގައި ވަރުގަދަ މީޑިއާ ފޯސްއެއް ވެސް އޮތް ކަމަށެވެ.

ޗެނަލް 13 ގައި ވާހަކަ ދައްކަމުން، ޒަޔަނިސްޓު ޕާލަމެންޓު ކްނެސެޓްގެ މެމްބަރު އަމިތު ލެވީ ވެސް ބުނެފައި ވަނީ، "މިހާރު ޣައްޒާގައި އެއް މިލިއަނާއި ބައި ސިންވާރުން އެބަތިބި" ކަމަށެވެ.

ކޮމާންޑަރު ޔަޙްޔާ އަލް ސިންވާރު ޝަހީދުވެވަޑައިގަތީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އިސްރާއީލުގެ ޒަޔަނިސްޓުންގެ ހަމަލާއަކުން ރަފަޙުގައެވެ. ކޮމާންޑަރު ސިންވާރަކީ، ޠޫފާނުލް އަޤްޞާގެ މޭސްތިރިއެވެ. އެއީ ދުނިޔޭގެ ތާރީޚުގައި ފެނިގެން ދިޔަ އެންމެ އާދަޔާ ޚިލާފު ލާމަސީލު ގެރިއްލާ ހަމަލައެވެ.