ފަލަސްޠީނުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ފަރާތްތަކުގެ ހަނދާންތައް ހުކުރުދުވަހު އަލްއަޒުހަރުން ފާހަގަ ކޮށްފިއެވެ. އަލްއަޒުހަރުގެ މައި މިސްކިތުގައި އިސްވެ ޚުތުބާ ވިދާޅުވެ ދެއްވީ، އިމާމުލް އަކުބަރު ޑރ. އަޙުމަދު އައްޠައްޔިބުއެވެ. އިމާމުލްއަކުބަރު ވިދާޅުވީ، ޓެރަރިސްޓުންނަކީ ސަހުޔޫނީން ކަމަށެވެ. އަދި ފަލަސްޠީނު މީހުން ކުރިއަށް ގެންދަނީ ހައްޤު ޖިހާދެއް ކަމަށެވެ. އަދި ފަލަސްޠީނު މީހުންނަކީ، ސަހުޔޫނީންގެ އަނިޔާތަކަށް ކެތް ކުރަމުންދާ ބަޠަލުން ކަމަށާއި، އެ ސަހުޔޫނީންނަކީ މި ބިމުގައި ފަސާދަކޮށްފައިވާ މީހުން ކަމަށެވެ.

އަލްއަޒްހަރުގެ މީސްމީޑިއާ ޕޭޖުގައިވެސް އިމާމުލްއަކުބަރުގެ ވާހަކައަށް ފަހު ފަލަސްޠީނުގެ ތާއީދުގައި ޕޯސްޓްތައް ކޮށްފައި ވެއެވެ. އަލްއަޒުހަރުގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ޝާއިއުކުރި ބަޔާނެއްގައި ބުނީ، ފަލަސްޠީނު މީހުންގެ ވަށައިގެން، އަނިޔާވެރިކަން އާންމު ވަމުންދާއިރު، ބައިނަލްއަގްވާމީ މުޖުތަމައު އޮތީ މަރުވެފައިވާ ގަބުރެއް ކައްވަޅުގައި އޮންނަ ފަދަ ހިމޭން ކަމެއްގައެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނަކީ އެ ލިޔެފައިވާ ދެއްޔާ އެއްވަރުގެ އަގެއްވެސް ނެތް އެއްޗެއް ކަމުގައެވެ.

ސަހުޔޫނީންގެ ހިތަށް ފަލަސްޠީނު މީހުން ބިރުވެރިކަން ވެއްދުމުގައި ކާމިޔާބުވެފައިވާ ކަންވެސް އަޒުހަރުން ފާހަގަ ކުރެއެވެ. އަދި ސަހުޔޫނީންނާ ދެކޮޅަށް ހަމަލަ ދެމުންދާ މީހުންނަކީ ޓެރަރިސްޓުންނެއް ނޫން ކަމަށްވެސް ސިފަކޮށްފައި ވެއެވެ. ނަމަވެސް ޓެރަރިސްޓުންނަކީ، އެމީހުންނާ ދެކޮޅަށް ހަމަލަދެމުންދާ ސަހުޔޫނީން ކަމަށް ސިފަކޮށްފައި ވެއެވެ.

"ޒަޔަނިސްޓް މީޑިއާ މެޝިންގެ ދޮގުތަކާއި މަކަރާއި ހީލަތްތައް ވަނީ ބޭޒާރުވެފައެވެ. އަޅުގަނޑުމެންގެ ޒުވާނުންނާއި ކުޑަކުދިންގެ ސިކުނޑީގައި ފަލަސްތީނުގެ ދެކޮޅުވެރިކަމުގެ ރަމްޒުތައް އޮޅުވާލުމަށް ކުރާ މަސައްކަތާއި، އެމީހުން ޓެރަރިސްޓުންގެ ގޮތުގައި ސިފަކުރުމަށް ކުރާ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ." އަލްއަޒްހަރުން ފާހަގަކޮށްފައި ވެއެވެ.

އަމިއްލަ ވަޒަނާއި ބިމާއި، ޙައްޤު ދިފާއުކޮށް، އެކަމަށްޓަކައި ޝަހީދު ވުމަށް ވުރެން މާތް ޝަރަފެއް ނޯންނާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަލްއަޒުހަރުން ފަލަސްޠީނުގެ ވަކި ޖަމާޢަތެއް ނުވަތަ ވަކި ޝަޚުޞިއްޔަތެއްގެ ނަން ފާހަގަ ކޮށްފައެއް ނުވެއެވެ. އެކަމާ ގުޅިގެން އަޒުހަރުގެ މަޖައްލާ "ސައުތުލް އަޒްހަރު" ގެ އެޑިޓަރ އިން ޗީފް އަޙްމަދު އައްސާވީ ވިދާޅުވީ ފަލަސްޠީނުގެ ހަނގުރާމައަކީ ވަކި މީހަކަށް ނުވަތަ ވަކި ޖަމާއަތަކަށް ނިސްބަތްވާ ހަނގުރާމައެއް ނޫން ކަމަށެވެ.