ލާރނިން ޑިފިކަލްޓީސް (އުނގެނުމުގައި ދިމާވާ ދަތިތައް)

( ފުރަތަމަ ބައި)

ލާރނިންގ ޑިފިކަލްޓީސް އަކީ އުނގެނުމުގައި ދިމާވެދާނެ ދަތިތަކެކެވެ. މިސާލަކަށް، ކުއްޖެއްގެ އުނގެނުމުގެ ޤާބިލުކަމަށް ދިމާވާ އުނދަގޫ ތަކެކެވެ. ނުވަތަ ކުއްޖާގެ އުނގެނުން ފަސޭހަ ކަމާއެކު ކުރިއަރައިގެން ދިއުމަށް ދިމާވާ ދަތިތަކަކަށް ވެސް ކިއިދާނެއެވެ. ނުވަތަ ކުއްޖާއަށް އެނގެމުންދާ މައުލޫމާތު ހަނދާނުގައި ހިފެހެއްޓުމުގެ ގާބިލުކަމަށް އަސަރު ފޯރުވާފާނެ ތަފާތު ގިނަ ގޮންޖެހުންތަކަށް ވެސް ލާރނިން ޑިފިކަލްޓީސް ކިޔައެވެ.

މި ދަތިތަކުގެ ސަބަބުން ގިނަ ފަހަރަށް އަސަރުކުރަނީ ކިޔުމާއި، ލިޔުމާއި، ހިސާބު އިލްމް ފަދަ ކަންކަމަށެވެ. އޭގެ އިތުރުން ކުއްޖާ ކަންކަމަށް ދޭ ސަމާލުކަމާއި، އޭނާގެ ހަނދާނުގައި މައުލޫމާތު ހަރުލުމުގެ އުނދަގޫތަކާއި، އަދި ދިމާވާ މައްސަލަ ހައްލުކުރަން ނޭގުން ފަދަ ކަންކަން ދިމާވެއެވެ.

މިގޮތުން އުނގެނުމުގައި ދިމާވާވެދާނެ ބައެއް އާންމު ދަތިތަކުގެ ތެރޭގައި މި 3 ބާވަތްވެސް ހިމެނެއެވެ؛

1. ޑިސްލެކްސިއާ:

ކިޔުމާއި އެއާ ގުޅުންހުރި ބަހުގެ ހުނަރުތަކަށް އަސަރުކުރުން: ބަސް/ލަފުޒު ދެނެގަތުމުގެ ދަތިތަކާއި، ސްޕެލިންގ ނޭގުމާއި އާއި ކިޔުމުގެ ފަރިތަކަމުގައި ދިމާވާ ދަތިތަކެވެ.

2. ޑިސްކަލްކިއުލިއާ:

ހިސާބުގެ އިލްމާއި އޭގެ ހުނަރުތައް ކުރިއެރުމަށް ކުރާ އަސަރުތައް: އޭގެ ތެރޭގައި ނަންބަރު/ އަދަދު ދެނެގަތުމުގެ އުނދަގޫތަކާއި، ހިތު ހިސާބު ހަނދާނުގައި ބެހެއްޓުމަށް އުނދަގޫވުން، އަދި ވަގުތު ފަދަ މުހިންމު ކަންކަން އޮޅޭގޮތްވެ، މިންކުރުން ފަދަ ކޮންސެޕްޓްތައް ދެނެގަތުމުގައި ދިމާވާ ދަތިތަކެވެ.

3. ޑިސްގްރެފިއާ:

އަތުލިޔުމާއި ފައިން މޮޓޯ ސްކިލްސް އަށް(ކުދި ގުނަވަންތަކުގެ ހަރަކާތްތައް) އަސަރުކުރުން: ފަންސުރުން/ ގަލަމުން ލިޔަން އުނދަގޫވެ، ގިނަ ފަހަރަށް ފޮތުގައި ހަދަން ހުންނަ މަސައްކަތްތަކާއި، ކަރުދާހުގައި ލިޔުމުން ކުރަންޖެހޭ މަސައްކަތްތައް ކުރަން އުނދަގޫވެއެވެ.

ނޯޓް: މިއީ ދިވެހިބަހުގެ ތަޖުރިބާކާރު މުދައްރިސެއް ކަމުގައިވާ ނިއުމާ މުހައްމަދު {ނިއުމާ މިސް} ގެ ލިޔުއްވުމެކެވެ.