ސައޫދީ ނިއުސް ޗެނަލް އަލްޙަދަސް އިން ޒަޔަނިސްޓު ސިފައިން ބާއްވާފައިވާ މީޑިއާ ބައްދަލުވުމެއްގައި ބައިވެރިވުމުން، ފާޑު ކިޔުން އަމާޒު ވެއްޖެއެވެ. އަލްހަދަސްއަކީ އިރާގުގައި ހުޅުޖަހާލި އެމްބީސީ ޓީވީ ކުންފުނީގެ ބައެކެވެ. އަދި އަލްހަދަސްއާއި އެމްބީސީއަކީ އިސްލާމިކް ރެސިސްޓެންސާއި ޙިޒުބުﷲއާ ދެކޮޅަށް ޒަޔަނިސްޓުންނަށް ބާރުދޭ ބަޔެކެކެވެ.

އަލްޙަދަސްއާއި އެހެން މީޑިއާއިން ޒަޔަނިސްޓުނަށްނަށް ވާގިވެރިވުމުން، ހިޒްބުالله އާއި ލުބުނާނުގެ ސަރުކާރުން ވަނީ މި ހަފްތާގެ ކުރީކޮޅު ފާޑުކިޔާފަ އެވެ.

އަލްޙަދަސްއާއި އެހެން ހުޅަނގުގެ މީޑިއާއިން ބައިވެރިވެފައިވާ ދަތުރަކީ، އިޒްރޭލު ޒަޔަނިސްޓު ސިފައިން އިންތިޒާމު ކޮށްދިން ދަތުރެކެވެ. މި ދަތުރު ކޮށްފައި ވަނީ ލުބުނާން ސަރުކާރުގެ ހުއްދައާ ނުލައި އިޒްރޭލު ސިފައިންނާ އެކު ލުބުނާންގެ ދެކުނު ސަރަހައްދަށެވެ.

ލުބުނާން ސަރުކާރުން ބުނީ މިއީ ލުބުނާނުގެ އިސްތިގުލާލާއި އެއްބައިވަންތަކަމަށް ދިން ހަމަލާއެއް ކަމަށެވެ. އަދި މިއީ، ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑުތަކާ ޚިލާފް އަމަލެއް ކަމަށެވެ.

މިނިޓަކަށް ވުރެ ކުޑައިރުކޮޅެއްގެ ނިއުސް ރިޕޯޓުގައި އަލްހަދަސްގެ މުވައްޒަފު ރަފާހް އައްސަޢުދު ފެންނަނީ ލުބުނާންގެ ދެކުނުން ޒަޔަނިސްޓުން އަތުލައިގަތް ކަމަށް ބުނާ ސަރަހައްދުގައި ހިޒްބުالله ގެ ހަތިޔާރު ކަމަށް ބުނާ ތަފާތު ހަތިޔާރުތައް ދައްކަނިކޮށެވެ.

އަލްހަދަސް ނިއުސްގެ ރިޕޯޓުގައި އިޒްރޭލުން ދުނިޔެއަށް ދައްކަން ބޭނުންވި ޕްރޮޕެގެންޑާއަށް ސައޫދީ މީޑިއާއިން ބާރުދީ ވާގިވެރިވެފައިވާ ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

ޒަޔަނިސްޓުންނަށް ވާގިވެރިވުމާ ގުޅިގެން ބަޣުދާދުގައި މިދިޔަ ހަފްތާގައި އަލްޙަދަސް ނިސްބަތްވާ އެމްބީސީގެ ޓީވީ ހުޅުޖަހާލިއެވެ. އެމައްސަލާގައި ސައޫދީ ސަރުކާރަށް ހުތުރު އެރުމުން، ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ ފޯ މީޑިއާ ރެގިއުލޭޝަން (ޖީމީޑިއާ) އިން ވަނީ މައްސަލަ އޮއްބާލުމަށް މަސައްކަތްކޮށްފައެވެ.

ސައޫދީ ޝާހީ އާއިލާއާއި ސަރުކާރުން ކޮންޓްރޯލު ކުރާ މީޑިއާއިން ސައޫދީ ސަރުކާރުގެ މީޑިއާ ގަވާއިދުތަކާއި ސިޔާސަތުތަކާ ޚިލާފް ވެފައިވޭ ތޯ ބެލުމަށް މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ސައޫދީގެ ބައެއް ކޮމެންޓޭޓަރުން ބުނެފައި ވަނީ އެ ދެ ޗެނަލަކީ އިޒްރޭލުގެ ގޮނޑިކޮއްކޮ މީޑިއާ ކަމަށެވެ. އަދި މައުލޫމާތު ހޯދުމަށް ސީދާ ޒަޔަނިސްޓު ސިފައިންނާއި ޖާސޫސީ އިދާރާއާ ކޯޑިނޭޓް ކުރާ ދެ ޗެނަލެއް ކަމަށެވެ.