ސްޕެނިޝް ލަލީގާގައި ސެވިޔާ އަތުން 5-1 އިން މޮޅުވެ, ބާސެލޯނާއިން ލީގުގެ އެއްވަނައިގައު ހަމަޖެހިލައިފިއެވެ.
ބާސާގެ ވަގުތީ ސްޓޭޑިއަމްގައި ރޭގައި ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ފަސްތަރީގެ ކުޅުމެކެވެ. އެ ގޮތުން މެޗު ފެށިގެން 24 ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެޗެ. މި ލަނޑަކީ, ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ރޮބާޓް ލެވަންޑޮސްކީ ކާމިޔާބު ކުރި ލަނޑެކެވެ.
ލެވަންޑޮސްކީ, ބާސާއަށް ލީޑު ނަގައިދިންތާ ހަތަރު މިނެޓު ފަހުން ޕެޑްރީ ވަނީ ލަނޑު ޖަހާ އެ ޓީމުގެ ލީޑު ދެ ގޯލަށް އިތުރު ކޮށްދީފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި ލެވަންޑޮސްކީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކުރުމާއެކު ބާސާއިން ފުރަތަމަ ހާފު ނިންމާލީ 3-0 އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި ޕަބްލޯ ޓޯރޭ ވަނީ ލަނޑު ޖަހާ ބާސާގެ ލީޑު ހަތަރު ގޯލަށް އިތުރު ކޮށްފައެވެ. ޓޯރޭ ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ސެވިޔާގެ ސްޓެނިސް އިޑުމްބޯ ވަނީ ލަނޑެއް ކާމިޔާބު ކޮށް އެ ޓީމަށް ސުންކަނޑާލަދީފައެވެ. އޭގެ އެއް މިނެޓު ފަހުން ޓޯރޭ ވަނީ ބާސާގެ ފަސްވަނަ ލަނޑު ޖަހާ, ބާސާއަށް ފަސޭހަ މޮޅެއް ކަށަވަރު ކޮށްދީފައެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބާސާ އޮތީ ކުޅުނު 10 މެޗުން ލިބުނު 27 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މި ސީޒަނުގައި ކުޅުނު 10 މެޗުގެ ތެރެއިން ބާސާއަށް މޮޅުވެވިފައިނުވަނީ އެންމެ މެޗަކުން ކަން ފާހަގަކޮށްލަން ޖެހެއެވެ. ބާސާގެ ފަހަތަށް ދެވަނައިގައި އޮތް ރެއާލްއަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.