ކޮވިޑް-19: ހަނގުރާމަ އަދިއެއް ނުނިމޭ

0

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނިފައިވާ ކޮވިޑް 19 މިހާރު މިވަނީ މުޅި ދުނިޔެއަށް ފެތުރި ބިރުވެރި ޙާލަތަކަށް ބަދަލުވެފައެވެ.  އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ މިބަލީގައި އެތަކެއް ފުރާނައެއް ވަނީ ދުނިޔެއާ ވަކިވެފައެވެ. ބޮޑެތި ޤައުމުތަކުގައި މި ބަލި ފެތުރޭލެއް ހަލުވިކަމުން ފަރުވާދެވޭނެ ގޮތެއް ނެތިގެން އެތައްބައެއްވަނީ މަރުވާންވެސް ދޫކޮށްލާފައެވެ. ފަރުވާދެވޭނެ ގޮތެއްނެތިގެންނެވެ.

މިކަހަލަ ކަމަކަށް ދުނިޔެ ތައްޔާރުވެފަ ނެތުމާއެކީ އަދި މި ބަލި ފެތުރެން ފެށިލެއް އަވަސްކަމުން މުޅި ދުނިޔެވަނީ ހަދާނެ ގޮތް ހުސްވެފައެވެ. މިބަލި ފެތުރޭލެއް އަވަސްކަމުން ގިނަ ޤައުމުތަކެއް ވަނީ ފުރަބަންދު ކޮށްފައެވެ.

މި ބަލި ފެތުރެން ފެށުމާއެކީ ދުނިޔޭގައި މިވަގުތު ތިބި މޮޅެތި ޑޮކްޓަރުންނާއި ސައިންސްވެރިންނާއި ކަމުގެ މާހިރުން ދަނީ މި ބައްޔަށް ބޭހެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ޤައުމުތަކުންވަނީ މިކަމަށް ފަރުވާއެއް ހޯދިފައި ވާކަމަށް ދައުވާކޮށްފައެވެ. އެހެން ނަމަވެސް އެކަށިގެންވާ ފަދަ ބޭހެއް ހޯދިފައި ވެއެކޭ އަދި ބުނެވޭކަށް ނެތެވެ. ސަބަބަކީ ހޯދިފައިވާ އެއްވެސް ފަރުވާއެއް އަދި މި ބަލީގައި ބޭނުން ކުރެވިފައި ނުވާތީއެވެ. ކޮވިޑް 19 އަށް މިވަގުތަށްއޮތް ހަމަ އެކަނި ފަރުވާއަކީ ގޭގައި މަޑުކޮށްގެން ތިބުމެވެ. ގިނަގިނައިން އަތް ދޮވުމެވެ. ސާފުޠާހިރު ވުމެވެ. މީގެ އިތުރުން ގައިދުރުކޮށްގެން އުޅުމެވެ. މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ހުއްޓާލުމެވެ.

ގިނަ ޤައުމުތަކެއް ފުރަބަންދު ކޮށްފައިވުމާއެކު ޤައުމުތަކުގެ މާލީހާލަތު މިވަނީ ހީނުކުރާވަރަށް ދަށަށްގޮސްފައެވެ. ބޮޑެތި ވިޔަފާރިތަކަށާއި ކުދި ވިޔަފާރިތައް ދަނީ މަޑުމަޑުން ހުއްޓެމުންނެވެ. މި ބޮޑޮ ބަލިމަޑުކަމާ ގުޅިގެން ބޮޑެތި އެއަރލައިންތައް ވަގުތީ ގޮތުން ހުއްޓާލުމާ ގުޅިގެން އެތަކެއް ރައްޔިތުންނެއްވަނީ އެމީހުންގެ ޤައުމުނޫން އެހެނިހެން ޤައުމު ތަކުގައި ތާށިވެ އަމިއްލަ ޤައުމަށް ނުދެވިފައެވެ. މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވައިފައިވާ ޙައްޖުގެ އަޅުކަން ވެސް މިއަހަރު އަދާކުރެވޭނެ ކަމުގެ ޔަޤީންކަމެއްނެތެވެ. އޭގެ އިތުރުން އެއްތައް ގައުމެއްގެ މިސްކިތްތައް ވަނީ ބަންދުކޮށްފައެވެ. ޖަމާޢަތުގައި ނަމާދުކުރުމުން ވަނީ މަހުރޫމްވެފައެވެ.

ފުރަބަންދު ކޮށްފައިވާ ޤައުމުތަކުން މަޑުމަޑުން ލުއިތަކެއް ދެމުން އައިނަމަވެސް މި ބަލި އެއްވެސް ޤައުމަކުން މައިތިރިވާތަނެއް އަދި ފެނިފައެއްނުވެއެވެ. އަދި މަރުވާ މީހުންގެ ޢަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ނަމަވެސް ބައެއް ޤައުމުތައް މިހާރުދަނީ ފުރަބަންދުން ވީއްލަމުންނެވެ. ސިއްޙީ މާހިރުންގެ ލަފާޔާއެކީ ބައެއް ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން މިހާރު ދަނީ ހުޅުވަމުންނެވެ. ރާއްޖެއިން ވެސް ވަނީ ފުރަބަންދަށް ލުއިތަކެއް ދީފައެވެ. ލުއި ދިނަސް ކޮވިޑް-19 ގެ ބަލި މީހުން އަދިވެސް ދަނީ ރާއްޖެއިން ފެންނަމުންނެވެ. އާބާދީގެ ނިސްބަތުން ބަލިޖެހޭ މީހުން މަދެއްވެސް ނޫނެނެވެ.

ރާއްޖެއިން މިބަލި ފުރަތަމަ ފެނިފައިވަނީ 7 މާރިޗުގައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ފަތުރުވެރިއެއްގެ ގައިންނެވެ. އެއަށްފަހު މި ބަލި އިތުރުވަމުން އައިސް މިހާރު ރާޖޭގައި މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިވަނީ 1313 އަށް އަރާފައެވެ. ފަރުވާދެމުންދާ މީހުންގެ ޢަދަދަކީ 1198 އެވެ. ހޮސްޕިޓަލް ތަކުގައި ފަރުވާދެމުން އަންނަނީ 12 މީހަކަށެވެ. ރަނގަޅުވެފައިވަނީ 128 މީހުންނެވެ. މި ބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 4 މީހެކެވެ. އެޗް. ޕީ. އޭ ގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ބައްޔަށް އެންމެ ގިނައިން ފައްސިވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެ ޤައުމުގެ 675 މީހަކު ރާއްޖެއިން ކޮވިޑް 19 އަށް ފައްސިވެފައި ވެއެވެ. 469 ދިވެހިން ވަނީ މި ބައްޔަށް ފައްސިވެފައެވެ. އިންޑިއާގެ 126 މީހުންނާއި، ނޭޕާލުގެ 16 މީހުންނާއި އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 9 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންގެ އިތުރުން އެހެނިހެން ޤައުމުތަކުގެ 4 މީހަކުވަނީ ކޮވިޑް 19 އަށް ރާއްޖެއިން ފައްސިވެފައެވެ. މި ބައްޔަށް އެންމެ ގިނައިން ރާއްޖެއިން ފައްސިވެފައިވަނީ ފިރިހެނުންނެވެ.  އެއީ 1116 އެވެ. ބަލި ޖެހިފައިވާ އަންހެނުންގެ ޢަދަދަކީ 197 އެވެ.

ފުރަބަންދަށް ރާއްޖެއިން ލުއިތަކެއް ދިންކަމުގައިވިޔަސް މި ބައްޔާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައަށް ނިމުމެއް ނާދެއެވެ. އެކަން ނިމުނީ ކަމަށް ބަލައި ކުރިން އުޅެމުންއައި އާންމު ދިރިއުޅުން އުޅެވޭނެ ކަމަށް އުންމީދު ވެސް ކޮށްގެން ނުވާނެއެވެ. ޑޮކްޓަރުން ވިދާޅުވެފައިވަނީ މި ބައްޔަށް ވެކްސިނެއް ލިބެންދެން މުޖުތަމައުގައި މިބަލި އޮންނާނެ ކަމަށެވެ. އެހެން ކަމުން އަދިވެސް އޮތީ ބަލިން ރައްކާތެރިވެވެން އޮތް ހުރިހާ އަސާސްތަކެއްގައި ހިފައިގެން އުޅުމެވެ.

އޮފީސްތައް ވެސް ގަޑިތަކަށް ބަހައިލައިގެން މަސައްކަތް ކުރުމަށް ވެސް ވަނީ ނަސޭހަތް ދެއްވާފައެވެ. އަދި މިސްކިތްތަކަށް ދާއިރު ގެންގުޅެން ޖެހޭ އުސޫލު ތަކެއްވެސްވަނީ ސަރުކާރުން ކަނޑައަޅުއްވާފައެވެ. ފުރަބަންދުން ކަންކަން ފަސޭހަކުރާނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށާއި ނަމަވެސް ބަލި އިތުރުވަމުން ދާނަމަ އަނެއްކާވެސް މި ބަލީގެ ހަނގުރާމައާ ކުރިމަތިލާންޖެހި ފުރަބަންދު ކުރަން ޖެހިދާނެކަމަށްވެސް ވަނީ އަންގާފައެވެ. އެހެންކަމުން އަޅުގަނޑުމެން ކުރަމުން މިއަންނަ ހަނގުރާމަ ނިމުނީކަމަށް ދެކިގެން ނުވާނެއެވެ. ވިސްނަންވީ އަނެއްކާ ވެސް މި ހަނގުރާމައިގެ ހުޅު ކޮންމެ ވަގުތެއްގައި ވެސް ފަޅައިގެން ހިންގައިދާނެއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here