ޙިޒުބުﷲ އިން އަންގާރަ ދުވަހު ދިން ޙަމަލަ ކާމިޔާބުކަމަށް ދައްކައިފިއެވެ. ކުރިން އިޒްރޭލުން ބުނީ ގައިސަރިއްޔާގައި ނަތަންޔާހޫގެ ގެއަށް ޙިޒުބުﷲ އިން ދިން ޑްރޯން ހަމަލަ ކާމިޔާބެއް ނުވިކަމަށެވެ. ދެން ބުނީ އެ ޑްރޯނު ވެއްޓުނީ ނަތަންޔާހޫގެ ގެއާ ކައިރި ގެއެއްގެ މައްޗަށް ކަމަށެވެ.

ނަމަވެސް މިހާރު ވާހަކަ ބަދަލުކޮށް، ބުނެފައި ވަނީ ޑްރޯން ހަމަލައެއް އަމާޒު ވިކަމަށެވެ. ނަމަވެސް ޙަމަލަ އަމާޒުވީ ކުޑަ ދޮރެއްގެ ބިއްލޫރި ތަކުގެ ތެރޭން ބިއްލޫރި ގޮޅިއަކަށް ކަމަށެވެ. މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ.

އިޒްރޭލުން މީޑިއާއަށް އަންގާފައި ވަނީ އެ ފޮޓޯ މީޑިއާގައި ނުޖެހުމަށާއި ފޮޓޯ ސެންސަރު ކުރުމަށެވެ.

މި ޑްރޯން ޙަމަލަ އަމާޒު ވެފައި ވަނީ ނަތަންޔާހޫގެ ނިދާ ކޮޓަރިއަށް ކަމަށް މީސްމީޑިއާގައި ބުނަމުން ދެއެވެ.

ގައިސަރިއްޔާގައި ނަތަންޔާހޫ ދިރިއުޅޭ ގެއަކީ ޑރ. ތައުފީގް ކަންޢާން ނަމަކަށް ކިޔާ ފަލަސްޠީނުގެ ކްރިސްޓިއަން ޑޮކްޓަރެއްގެ ގެއެކެވެ. މި ގެ ފޭރިގަތުމަށް އޭނާ ގެއިން ބޭރުކޮށް ރެފިއުޖީއަކަށް ހަދާލިއެވެ. އެމެރިކާއިން ހިޖުރަކުރި ނަތަންޔާހޫގެ ބައްޕައާއި އާއިލާއަށް މިގެ ޒަޔަނިސްޓު ސަރުކާރުން ދިނެވެ. ފަހުން ބަފާ މަރުވުމަށްފަހު ނަތަންޔާހޫ އޭނާގެ ކޮއްކޮއަށް ފައިސާދީފައި އޭނާގެ ހިއްސާގަނެގެން އަމިއްލައަށް މިލްކު ކޮށްލީއެވެ.

ޑރ. ތައުފީގު ކަންއާންގެ އާއިލާއިން އަދިވެސް މި ގެއަށް ދައުވާ ކުރެއެވެ.