ބްރިކްސް ސަމިޓުގެ ހަވާސާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ފަސް އަހަރު ތެރޭގައި ދެ ލީޑަރުންގެ މެދުގައި ރަސްމީކޮށް ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.

ޝީ ޖިންޕިންއާ ، މޯދީ އެންމެ ފަހުން ރަސްމީކޮށް ބައްދަލުކުރެއްވީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޓެމިލްނާޑުގައެވެ. އެއަށްފަހު ގަލްވާންގައި ހިނގި ހަމަނުޖެހުންތަކާ ހެދި، އިންޑިއާއިން ޗައިނާއާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅިއެވެ.

މި ދެ ބޭފުޅުން އެއަށްފަހު، 2022 ވަނަ އަހަރު އިންޑޮނޭޝިއާގެ ބާލީގައި ބޭއްވި ޖީ20ގެ ބައްދަލުވުމުގައި ސަލާން ކުރެއްވިއެވެ. އަދި އޭގެ ފަހުން، ދެކުނު އެފްރިކާގެ ޖޮހަންސަބާގުގައި 2023 ގައި ބައްދަލުވެ ވަޑައިގަތެވެ.

ކާޒާންގައި ބާއްވާފައިވާ ބްރިކްސްގެ ސަމިޓްގެ ކުރިން، އިންޑިއާ އާއި ޗައިނާގެ ބޯޑަރުގެ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ގައި ޕެޓްރޯލް ކުރުމުގެ އިންތިޒާމްތަކަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން އޮކްޓޯބަރު 21 ވަނަ ދުވަހު އިއުލާން ކުރި އެވެ.

މޯދީ އާއި ރައީސް ޝީގެ ބައްދަލުވުމަކީ އިންޑިއާ އާއި ޗައިނާގެ ގުޅުމަށް ވަރަށް މުހިންމު ވަގުތެއްގައި ދިމާވާ ބައްދަލުވުމެކެވެ.