އެސްޓޯނިޔާގެ ފޮރިން އިންޓެލިޖެންސް ސަރވިސްއިން ނެރެފައިވާ ރިޕޯޓެއްގައި ޗައިނާއިން ފާޑުކިޔާފަރާތްތައް ހިމޭން ކުރުމަށާއި އެސްޓޯނިޔާއާއި އެހެން ޑިމޮކްރެސީތަކުގައިވެސް މުހިންމު ޓެކްނޮލޮޖީތަކަށް ވެރިވެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފިއެވެ.
އެސްޓޯނިޔާއަކީ އަހަރުތަކެއްވަންދެން ކޮމިއުނިސްޓް ރޫސީވިލާތުގެ މުށުގައި އޮތުމަށްފަހު ހިތި ތަޖުރިބާތަކަކާއެކު މިނިވަންވެފައިވާ ގައުމެކެވެ. އަދި އެސްޓޯނިޔާއިން ބުޏާ ގޮތުގައި ކޮމިއުނިސްޓް ރޫސީންގެ އަމަލާއި ވިސްނުމާއި މިހާރުގެ ޗައިނާގެ ވިސްނުމާއި އަމަލުތައްވެސް ތަފާތެއް ނޫންކަމުގައެވެ.
މި ރިޕޯޓް އައިސްފައިވާ ދަނޑިވަޅަކީ، އެސްޓޯނިޔާއާއި އެހެން ފަސްގައުމަކުން، ޗައިނާއިން އިންތިޒާމުކުރި 17+1 ގެ ސަމިޓަށް ދަށް ދަރަޖައިގެ ފެންވަރުގެ ވަޒީރުން ފޮނުވި ދަނޑިވަޅާއެވެ.
އެސްޓޯނިޔާގެ އިންޓެލިޖެންސް ރިޕޯޓްގައި ބުނަނީ، ޗައިނާގެ ނަޒަރިއްޔާތުތައް ދުނިޔޭފގައި ތަންފީޒުކޮށްފިނަމަ، ދުނިޔެއަށް އޮންނާނީ ހިމޭންކަމެއް ވެރިވެފައެވެ. އަދި ޗައިނާއަށް ހުޅަނގުގެ ގައުމުތަކުން ދެކޮޅުވެރިކަމާ ކުރިމަތިލާން ޖެހިފައި ވުމުން ޗައިނާގެ އަމާޒަކީ، އެމެރިކާއާއި ޔޫރަޕާ ދެމެދު ބައިބައި ވުމެއް އުފެއްދުން ކަމުގައިވެސް ބުނެފައި ވެއެވެ.
ޗައިނާއިން ހުޅަނގުގައި ނުފޫޒު ފެތުރުމަށް މަސައްކަތް ކުރަނީ ޗައިނާގެ އިގްތިސާދީ ބާރުގެ ބޭނުންކޮށްގެންނާއި އެގައުމުތަކުގައި އުޅޭ ޗައިނާ މީހުންނަށް ފާރަލައިގެންނާއި މަސްއޫލުވެރިން ޗައިނާ ކޮޅަށް ލަންބާލައިގެންނެވެ.
ޗައިނާގެ އަމާޒާ ބެހޭގޮތުން ވާހަކަ ދައްކަމުން ރިޕޯޓްގައި ބުނެފައި ވަނީ މީގެ މަގްސަދަކީ، ދުނިޔެއަކީ، ޗައިނާގެ ޓެކްނޮލޖީ ކަމަށްވާ ވާވޭއާއި ބައިޑޫ ނެވިގޭޝަން ސިސްޓަމްގެ ޓެކްނޮލޮޖީފަދަ ޓެކްނޮލޮޖީތަކަށް ބަރޯސާވާ ތަނެއްކަމުގައި ހެދުމަށެވެ.
އެސްޓޯނިޔާއަށް އޮތް އަސްކަރީ ބިރަކީ ރަޝިޔާއެވެ. ޗައިނާއަކީ އެސްޓޯނިޔާއަށް އަސްކަރީ ބިރެއް ނޫނެނެވެ. ނަމަވެސް 2010ން ފެށިގެން ޗައިނާއިން ދަނީ ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށާއި ސައިބަރގެ ރޮނގުން ޖާސޫސް ކުރުމަށް ޗައިނާގެ އިގްތިސާދީ ބާރުވެރިކަން އެގައުމުގައި ބޭނުން ކުރަމުންނެވެ. މި އަހަރު ނެރފައިވާ ފޮރިން އިންޓެލިޖެންސް ރިޕޯޓަކީ، ރަޝިޔާއާ ގާތް ގުޅުމެއް ބަދަހި ކުރާ ޗައިނާއަށް އެންމެ ހަރުކަށި ބަހުން މުޚަތަބު ކޯށް ނެރެފައިވާ ރިޕޯޓެވެ.
އެސްޓޯނިޔާގެ މުހައްލިލުން ބުނާ ގޮތުގައި އެސްޓޯނިޔާގެ ބިރަކީ، އެގައުމަށް މީގެ 30 އަހަރު ކުރިން މިނިވަންކަން ލިބުމަށް ސަބަކަށްވި ދުނިޔޭގެ ނިޒާމު ގެއްލިގެން ދިއުމެވެ.
ޔޫރަޕްގައި ފްރާންސާއި ޖަރުމަންފަދަ ބޮޑެތި ގައުމުތަކަށް ވުރެން އެސްޓޯނިޔާއާއި ޗެކް ރިޕަބްލިކްފަދަ ކުދި ގައުމުތަކުން ޗައިނާއަށް ކިޔާ ފާޑުކިޔުންތައް މާބޮޑެވެ. މި ގައުމުތަކަކީ މިނިވަންކަމަށް ލޯބިކުރާ ރޫސީންގެ ވަކިތަކުން މިހާރު މިނިވަންވެފައިވާ ގައުމުތަކެވެ.