ލެޓިން އެމެރިކާގައި އެންމެ ގިނައިން ޖަންކް ފުޑް ބޭނުންކުރާ ކުދިންނަކީ މެކްސިކޯގެ ކިޔަވާކުދިންނެވެ. އަދި ގިނަ ކުދިންނަށް ބޭނުންވާ ޖުމްލަ ކެލޮރީގެ 40 އިންސައްތަ ލިބެނީ ޖަންކު ފުޑުން ކަމަށް ކުޑަކުދިންނާ ބެހޭ އދގެ އިދާރާއިން ބުނެއެވެ.
ހޯދުންތަކުން ދައްކާ ގޮތުގައި، މެކްސިކޯގެ ކުދިންގެ ތިންބައިކުޅަ އެއްބައި ކުދިންނަކީ ބަރުދަން އިތުރު ވެފައިވާ ނުވަތަ ފަލަ ކުދިންނެވެ.
ޖަންކް ފުޑާ ދެކޮޅަށް ގާނޫނުތައް ތަންފީޒު ކުރުމަށް މީގެ ކުރިން ކުރެވުނު މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.
ސަރުކާރުން ސްޕޮންސަރ ކުރާ މެކްސިކޯގެ ސްކޫލްތަކަށް ޖަންކް ފުޑް ވެއްދުން މަނާކުރުމުގެ ގަވާއިދު ތަންފީޒު ނުކުރާނަމަ، ބޮޑެތި ޖޫރިމަނާތަކެއް ކުރަން ހަމަޖެހިފައި ވެއެވެ. މި ގަވާއިދުތައް ތަންފީޒު ކުރަން ފަށާނީ ހަ މަސް ދުވަސް ފަހުންނެވެ.
އާ ގަވާއިދުތަކުގައި އަމާޒުކޮށްފައި ވަނީ މެކްސިކޯގެ ސްކޫލް ކުދިންގެ މެދުގައި މަގްބޫލު ހަކުރު އެކުލެވޭ މޭވާގެ ބުއިންތަކާއި ޗިޕްސް އާއި ރެއްބުލްފަދަ މަސްނޫޢީ ބުއިންތަކާއި، ހަވާދުލީ ލޮނުގަދަ ބަދަނެވެ.
އެ ގަވާއިދާ ޚިލާފްވާ ސްކޫލް އެޑްމިނިސްޓްރޭޓަރުން 545 ޑޮލަރާއި 5،450 ޑޮލަރާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރާނެ އެވެ. ދެވަނަ ފަހަރަށް ޚިލާފް ވެއްޖެނަމަ، ދެގުނައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދު ބުނެއެވެ.
އެއީ ބައެއް މީހުންނަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މުސާރައެވެ.
2023 އާއި 2024 އާ ދެމެދު 10،000 އަށް ވުރެ ގިނަ ސްކޫލްތަކުގައި ކުރި ސާވޭއަކުން ދައްކާ ގޮތުގައި ޖަންކް ފުޑާއި ހަކުރު އެކުލެވޭ ބުއިންތަކާއި ރެއްބުލްފަދަ މަސްނުއީ ބުއިންތައް 98 އިންސައްތަ ސްކޫލްތަކުގައި ލިބެން ހުރެއެވެ. 25 އިންސައްތަ ސްކޫލުތަކުގައި ޖަންކް ފުޑްގެ އިޝްތިހާރުތައް ބަހައްޓާފައި ހުރެއެވެ.
އާ ރައީސް ކްލޯޑިއާ ޝެއިންބަމް، ހޯމަ ދުވަހު ވިދާޅުވީ ސްކޫލްތަކުން ކުދިންނަށް ހިލޭ ފެން ދޭން ޖެހޭނެ ކަމަށެވެ.
މެކްސިކޯގެ 255،000 ސްކޫލުގެ ބޮޑު ބައެއްގައި ދަރިވަރުންނަށް ހިލޭ ބޯފެން ނުލިބެ އެވެ.
2020 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން މެކްސިކޯގެ %4 ސްކޫލްގައި ބޯފެން އިސްކުރު ބަހައްޓަން ކުރި މަސައްކަތް ކާމިޔާބުވެފައިވެއެވެ. ގިނަ ސްކޫލްތައް ހުންނަނީ ފަގީރު ނުވަތަ ދުރު އަވަށްތަކުގައި ކަމުން ފާޚާނާތަކާއި އިންޓަނެޓް ކަނެކްޝަން ނުވަތަ ކަރަންޓެއް އެތަންތާކު ނުހުރެއެވެ.