ޗައިނާއާއެކު މިނިވަންކަމާއެކު ވިޔަފާރި ކުރެވޭ ގޮތަށް ޠާލިބާނަށް ފަހިކޮށްދޭން ޗައިނާއިން ނިންމައިފިއެވެ. އަފްޣާނިސްތާނުގައި ހުންނަވާ ބެއިޖިންގެ މަންދޫބު ވަނީ ތާލިބާނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި އެގޮތަށް ޗައިނާއިން ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ކޮންޓްރޯލް ހޯދި ފަހުން ތާލިބާނުންނާ ގުޅުން ތަރައްގީ ކުރުމަށް ބެއިޖިން އިން މަސައްކަތް ކުރަމުން ދެއެވެ. ޗައިނާއިން ބޭނުން ވަނީ އަފްޣާނިސްތާންގެ މުއްސަނދި މައުދަނުގެ ވަސީލަތްތައް ނެގުމާއި ސާފުކުރުމުގެ ވިޔަފާރި ޗައިނާއަށް ދިނުމަށެވެ.

އަފްޣާނިސްތާނަކީ، ލިތިއަމް، ކޮޕާ އަދި ދަގަނޑު ގެ މައުދަނުގެ މުއްސަނދި ގައުމެކެވެ.

ޗައިނާގެ ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަފްޣާނިސްތާނުން ވަނީ ޗައިނާއަށް 64 މިލިއަން ޑޮލަރުގެ މުދާ މިދިޔަ އަހަރު އެކްސްޕޯޓު ކޮށްފައެވެ. އެއިން 90 އިންސައްތައަކީ ޑްރައިޑް ފްރުޓެވެ. ނަމަވެސް ތާލިބާނުން ބޭނުންވަނީ އެކްސްޕޯޓު ސިންދަފާތު ކުރާށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ކާބުލްގައި ހުންނަވާ މަންދޫބުގެ މަގާމަށް ޗައިނާއިން ޒާއޯ އައްޔަން ކުރެއްވި ފަހުން މައިނިން، ޕެޓްރޯލިއަމް، އަދި ވިޔަފާރިއާ ބެހޭ ތާލިބާނުންގެ މަސްއޫލުވެރިންނާ ބައްދަލު ކުރައްވައި އޭނާ ވަނީ މަޝްވަރާތައް ބާއްވަވާފައެވެ.

އަފްޣާނިސްތާނުގައި ޗައިނާގެ ބައެއް ކުންފުނިތައް މިހާރުވެސް އޮޕަރޭޓް ކުރަމުން ދެއެވެ. އޭގެ ތެރޭގައި އަފްޣާނިސްތާނުން ލޮއެ ނެގުމަށް މަސައްކަތް ކުރާ ޗައިނާގެ މެޓަލަޖިކަލް ކޯޕަރޭޝަން އޮފް ޗައިނާ ލިމިޓެޑު ހިމެނެ އެވެ.

އަފްޣާނިސްތާނުން އެކްސްޕޯޓު ކުރާ މުދަލުން ޑިއުޓީ ނުނަގަނީ، ސެޕްޓެމްބަރު މަހު އެފްރިކާ ޗައިނާ ސަމިޓްގައި ރައީސް ޝީ ދެއްވި ލުޔެއްގެ ސަބަބުންނެވެ.

ޝި ވަނީ "ޗައިނާއާ އެކު ޑިޕްލޮމެޓިކް ގުޅުން އޮންނަ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުން" ޗައިނާގެ 19 ޓްރިލިއަން ޑޮލަރުގެ އިގްތިސާދަށް ވަންނަ މުދަލުން އިމްޕޯޓް ޑިއުޓީ ނުނަގާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ.

އަފްޣާނިސްތާނުގެ އެކްޓިން ކޮމާސް މިނިސްޓަރު ރޮއިޓާސް އަށް މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވީ ތާލިބާނުން ބޭނުންވަނީ ޝީގެ ފްލެގްޝިޕް "ބެލްޓް އެންޑް ރޯޑް" އިންފްރާސްޓްރަކްޗާ އިނިޝިއޭޓިވްއާ ރަސްމީކޮށް ގުޅޭށެވެ. އެގެ އިތުރުން ޝިންޖިއާން ސަރަހައްދުން ޕާކިސްތާނުގެ ކަރާޗީއަށް ހައިވޭން ގުޅާލާފައިވާ 62 ބިލިއަން ޑޮލަރުގެ ކަނެކްޓިވިޓީ މަޝްރޫއު ކަމަށްވާ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯގެ ބައެއްގެ ގޮތުގައި ބައިވެރިކޮށް ދިނުމަށް ވެސް ކާބުލް ވަނީ ޗައިނާއަށް އެދިފަ އެވެ.