ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދަކީ ތަފާތު ބޭފުޅެކެވެ. ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ އޯގާތެރި ވެރިއެކެވެ.

ތ. އަތޮޅު ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް 6 ގަޑިއިރު ނުވަނީސް އޭނާ ހުންނެވީ ވޭމަންޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ އެކުގައެވެ. ރައްޔިތުންގެ ގާތުގައެވެ. އިންޖީނުގޭތެރޭގައެވެ. އެތަނުގެ މުވައްޒަފުންނާ އެކުގައެވެ.

ވޭމަންޑޫއިން ކަރަންޓު ކެނޑި އެމީހުން ހޫނުގައި އުޅެންޖެހުނު ވަގުތު ސަޢީދު ބޭނުންވީ އެމީހުންނާއެކު ވުމަށެވެ. މާލޭގެ ފިނިކޮޓަރިކޮޅުގައި އިންނަވާކަށް ނުވަތަ އޮންނަވާކަށް ބޭނުންފުޅެއް ނުވިއެވެ. ސަޢީދު ބޭނުންފުޅުވީ ވީހާލެއްގައި ރައްޔިތުންނާއެކު ވުމަށެވެ.

މިއީ ސަޢީދުގެ ހިތްތިރިކަމާއި އޯގާތެރިކަމާއި ރައްޔިތުންނާ މެދު ވިސްނަވާ މިންވަރު ދައްކުވުވައިދިން ޙަޤީޤަތެކެވެ. ވޭމަންޑުއަށް އިންޖީނާއި އިންޖިނިއަރުންނާއި ޓެކްނީޝަނުން ފޮނުއްވާފައި ސަޢީދަށް ފިނިކޮޓަރިކޮޅުގައި އަރާމުގައި މަޑުކޮށްލެވެން ވެސް އޮތެވެ. އެހެންނަމަވެސް މިޙާލަތުގައި އޭނާގެ ޒިންމާ އަދާކުރައްވަމުން އެގެންދަވަނީ ސީދާ ވޭމަންޑޫ ރައްޔިތުންގެ ތެރޭގައި ހުންނަވައިގެންނެވެ. ރައްޔިތުން ކަނުއަނދީރީގައި ތިއްބާ މާލޭގެ ފިނިކޮޓަރީގައި އިންނަވާކަމަށް ހަމަ ހިލާ ސަޢީދު ބޭނުންފުޅެއް ނުވިއެވެ.

ވޭމަންޑުއަށް ވަޑައިގެން ސަޢީދު ގެންދަވަނީ ރަށުގެ ރައްޔިތުންނަށް ހިތްވަރު ދެއްވަމުންނެވެ. ކެތްތެރިވުމަށް ނަސޭހަތް ދެއްވަމުންނެވެ. ވޭމަންޑޫ ރައްޔިތުންގެ ތެރޭގައި މިވަގުތު ސަޢީދު ހުންނެވުމަކީ އެރަށުގެ މީހުންނަށް ލިބިގެންދާ ވަރަށްބޮޑު ހިތްހަމަޖެހުމަކާއި ހިތްވަރެކެވެ.

އެރަށަށް ބޭނުންވާ ކަރަންޓު ދިނުމަށް ވަގުތީ ޖަނަރޭޓަރުތައް ބެހެއްޓުމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޖަނަރޭޓަރު ބަހައްޓާނެ ބެޑުތައް ދަނީ ތައްޔާރު ކުރަމުންނެވެ.

ވޭމަންޑުއަށް ކަރަންޓު ދިނުމަށް މާލެއިން ގެންނަ ޖަނަރޭޓަރުތައް ހިފައިގެން މިރޭ އުޅަނދެއް ފުރާނެއެވެ. މި ޖަނަރޭޓަރުތައް ގެނެސް އިންސްޓޯލްކޮށް ނިމި ކަރަންޓު ދެވެންދެން އެރަށަށް ކަރަންޓު ދިނުމަށްޓަކައި ތ. ގުރައިދޫން 360 ކޭވީ ގެ ޖެނެރޭޓަރެއް ވޭމަންޑުއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ފަތިހު އެ ޖެނެރޭޓަރު ވޭމަންޑުއަށް ގެނެވޭނެއެވެ. އެ ޖަނަރޭޓަރު ގެނެސް އިންސްޓޯލްކޮށް ސަރަހައްދުތަކަށް ބަހާލައިގެން ކަރަންޓު ދެމުން ގެންދާނެއެވެ.