އިނގިރޭސި ކަރަބައޯ ކަޕުގައި ރޭގައި ބްރައިޓަން އަތުން 3-2 އިން މޮޅުވެ ލިވަޕޫލުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.

ބްރައިޓަންގެ ފާމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހުރިހާ ލަނޑެއް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. އެ ގޮތުން މެޗުގެ 46 ވަނަ މިނެޓުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ލިވަޕޫލެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކޯޑީ ގަކްޕޯއެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ގަކްޕޯ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ލިވަޕޫލަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

ބްރައިޓަންއަށް މެޗުގައި ސުންކަނޑާލެވުނީ 81 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް ސައިމަން އަޑިންގްރާއެވެ. އޭގެ ހަތަރު މިނެޓު ފަހުން ލުއިސް ޑިއާޒް ވަނީ ލިވަޕޫލުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށް އަނެއްކާ ވެސް ދެ ގޯލަށް ލީޑު ބޮޑު ކޮށްފައެވެ.

މެޗުގެ ފަހު ވަގުތުކޮޅުގައި ރަނގަޅަށް ކުޅެމުން ދިޔަ ބްރައިޓަން ވަނީ މެޗުގެ 90 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި ލަނޑަކީ އެ ޓީމުގެ ޑިފެންޑަރު ތޯމަސް ޕާޓޭ ކާމިޔާބު ކުރި ލަނޑެކެވެ.

ލިވަޕޫލުން ވަނީ ބްރައިޓަންްއަށް އިތުރު ލަނޑެއް ކާމިޔާބުކުރިޔަނުދީ 3-2 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްފައެވެ. މި ލިބުނު މޮޅާއެކު ކުއާޓާ ފައިނަލުގައި ލިވަޕޫލުން ނިކުންނާނީ ސައުތޭމްޕްޓަންއާ ދެކޮޅަށެވެ.