ކަރަބައޯ ކަޕުގައި ރޭގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން 2-1 އިން ބަލިވެ, މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފިއެވެ.
ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ރޭގައި ކުޅުނު މެޗު ޓޮޓެންހަމުން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެ ގޮތުން މެޗު ފެށިގެން އެންމެ 5 މިނެޓު ތެރޭގައި އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓީމޯ ވާނާއެވެ.
މެޗުގެ 25 ވަނަ މިނެޓުގައި ޓޮޓެންހަމުގެ ޕަޕޭ މަޓާ ސަރ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާ, ވަރުގަދަ ސިޓީ ކުރިމަތީގައި އެ ޓީމަށް ދެ ގޯލުގެ ލީޑެއް ނަގާފައެވެ. މިއީ, މި ސީޒަނުގައި ސިޓީއާ ދެކޮޅަށް ޓީމަކުން ދެ ލަނޑުގެ ލީޑެއް ނެގި ފުރަތަމަ ފަހަރެވެ.
ޓޮޓެންހަމުން ދެ ލަނޑުގެ ލީޑެއް ނެގުމާއެކު ސިޓީއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް, މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެތިއުސް ނޫނޭސްއެވެ.
މެޗުގެ ދެވަނަ ހާފުގައި ސިޓީއިން ވަނީ ޓޮޓެންހަމުގެ ވަރުގަދަ ޑިފެންސް ފޫ އަޅުވާލެވޭތޯ އެތައް މަސައްކަތެއް ކޮށްފައެވެ. ނަމަވެސް ޓޮޓެންހަމުން ވަނީ ސިޓީގެ އެޓޭކުތައް ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވިއިރު ވެސް ޓޮޓެންހަމުގެ ޑިފެންސް ދެވަނަ ފަހަރަށް ފޫއަޅުވާނުލެވުމުން ސިޓީއަށް ވަނީ, މި ސީޒަނުގައި ފުރަތަމަ ފަހަރަށް ޓީމެއް އަތުން ބަލި ގަބޫލު ކުރަން ޖެހިފައެވެ.
ސިޓީ އަތުން މި ލިބުނު ބޮޑު މޮޅާއެކު ޓޮޓެންހަމުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ނިކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.