އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގައި ބޯންމައުތު އަތުން 2-1 އިން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ, ބޯންމައުތަށް ތައުރީފު ކޮށްފިއެވެ.
ލީގުގައި ސިޓީ 32 މެޗު ބަލިނުވެ އޮތް ކަމުގެ ރެކޯޑު ރޭ މުގުރާލި ބޯންމައުތާ ބެހޭ ގޮތުން ވާހަކަދައްކަމުން ގާޑިއޯލާ ވަނީ, އެ ޓީމުން ސިޓީ މަތަކޮށް, މެޗުން މޮޅުވާން ދެއްކި ހިތްވަރު ފާހަގަކޮށްފައެވެ.
"ބޯނުމައުތު އަހަރެމެން ހޯދި މޮޅަށް އެ ޓީމަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. އެ ޓީމުން ދަނޑު މަތީ ދެއްކި ޖޯޝާއި ފޯރިން އަހަރެމެންނަށް މި މެޗު ގެއްލުނީ. މަތިމަތިން އެ ޓީމުން ކުޅުނު ރީތި ބޯޅަތައް އަހަރެމެންނަށް މަތަކުރެވޭ ގޮތެއް ނުވި" ރޭ ލިބުނު ނާކާމިޔާބީއާ ބެހޭ ގޮތުން ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.
ބޯނުމައުތު އަތުން ބަލިވުމާއެކު ސިޓީއަށް ވަނީ ތާވަލުގެ އެއްވަނަ ދިފާއުކުރެވޭ ގޮތްނުވެ, ދެވަނައަށް ވެއްޓިފައެވެ. ފޯމުގައި އޮތް ލިވަޕޫލަށް އަނެއްކާ ވެސް ތާވަލުގެ އެއްވަނަ ލިބުމަކީ, ޖެހިޖެހިގެން ފަސް ފަހަރަށް ޕްރިމިއާ ލީގު ހާސިލުކުރުމަށް މަސައްކަތް ކުރަމުންދާ ސިޓީއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެވެ.
ރޭގެ މެޗުން ލިބުނު ނާކާމިޔާބީއާއެކު ސިޓީ މި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ މެޗުން ބަލިވެފައެވެ. މި ނަސީބު ބަދަލުކުރުމުގެ އުއްމީދުގައި ސިޓީއިން ދެން ނިކުންނާނީ ޗެމްޕިއަންސް ލީގުގައި ސްޕޯޓިން ލިސްބަންއާ ދެކޮޅަށެވެ.