ބުނެވޭ ގޮތުގައި ތެދަކީ މުޠުލަޤް(Absolute) އެއްޗެކެވެ. ކޮންމެ މީހެއްގެ ތެދަކީ ވަކި އެއްޗެކެވެ. އެކަކު ތެދެއް ކަމަށް ގަބޫލު ކުރާ އެއްޗެއް އަނެކާއަކަށް ތެދަކަށް ނުވެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ތެދަކީ ރިލޭޓިވް (Relative) އެއްޗެކެވެ. އެއީ ރިއަލް (Real) އެއްޗެއް ނޫނެވެ. ފަލްސަފާވެރިއަކު މިވާހަކަ ބަޔާން ކޮށްފައި ވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.

.There is no full stop in truth, but only comas

މިއީ ބައެއް މީހުން ވިސްނާ ގޮތެވެ. އެކަމަކު މިއީ ކުށްހީއެއްކަން ހަމަ ޔަގީނެވެ. މިފަދަ އެއްވެސް ވާހަކައަކަށް ތާއީދު ލިބޭފަދަ ހެއްކެއް، ނުވަތަ ބުއްދީގެ ދަލީލެއް ނެތެވެ.

ދުނިޔޭގައި އިންސާނާ ގަބޫލު ކުރާ ކޮންމެ ކަމެއްވެސް ގަބޫލު ކުރަނީ މުޠުލަޤް މަފްހޫމުގައެވެ. މިއީ އިންސާނާގެ ފިޠުރަތެވެ. އިންސާނާއަށް އޭނާ ހޯދާ އެއްޗެއްގެ މުޠްލަޤް މަފްހޫމް ނުފެނިއްޖެ ނަމަ އެ އެއްޗެއްގެ މުޠްލަޤް ސޫރަ ފެންނާންދެން އޭނާ ކެނޑިނޭޅި ހޯދުމުގެ މަސައްކަތް ކުރެއެވެ.

މިސާލަކަށް ބޯދާ ޒަމާނުގައި އިންސާނާއަށް އިރާއި، އިރުގެ ނިޒާމާބެހޭ ކަންތައްތައް އެނގެނީ ވަރަށް ކުޑަކޮށެވެ. ވުމާއެކު އެ މަޢުލޫމާތު ހޯދުމުގެ މަސައްކަތް އިންސާނުން އެތައް ހާސް އަހަރެއް ވާންދެން ކުރިއެވެ. މި މަސައްކަތުގެ ނަތީޖާއަކަށްވީ އިރާއި، އިރުގެ ވަށައިގެން އެނބުރޭ އެތައް ތަރިއަކާ ބެހޭ މަޢުލޫމާތު ހޯދުމެވެ. މި ޙަޤީޤަތް އެނގެންދެން އިންސާނުން ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ޢިލްމުގެ އެހެން ގޮފިގޮފީގެ ކަންތައްވެސް ހުރި ގޮތަކީ މިއީއެވެ. ޢިލްމުގެ ތަފާތު މައިދާންތަކުގެ ބަހުސާއި، ތަޙްޤީޤުތަކުގައި އިންސާނުން އަވަދިނެތި އުޅެމުންދާތާ އެތައްހާސް އަހަރެކެވެ. ޙަޤީޤަތް ރަނގަޅަށް ހޯދިއްޖެކަމުގެ ޔަގީންކަން ލިބެންދެން އެމީހުންގެ ބަހުސާއި ތަޙްޤީޤު ކުރިއަށް ގެންދެއެވެ. އިންސާނާގެ ކުރިމަތީގައި ކޮންމެ އެއްޗަކީ މުޠުލަޤް އެއްޗެއް ކަހަލައެވެ. ބޮޑެތި ތަރިތަކުން ފެށިގެން ގޮސް ކުދިކުދި އެޓޮމްތަކާ ހަމައަށް، އެއްވެސް އެއްޗެއް މި އުސޫލުން އިސްތިސްނާ ކުރުމަކީ އަޅުގަނޑުމެން ކުރާ ކަމެއް ނޫނެވެ.

އިންސާނާގެ ވިސްނުމުގައިވާ ގޮތުގައި ކޮންމެ އެއްޗެއްގެވެސް މުޠުލަޤް ސޫރައެއް ނުވަތަ ސިފައެއް އޮންނާނެއެވެ. އެތައް ހާސް އަހަރެއް ވާންދެން އިންސާނުން އެކި އެއްޗެހި ހޯދުމުގެ މަސައްކަތް ކުރަމުން ގޮސްފައި ވަނީ، އަދި މިހާރުވެސް ކުރަނީ، މި ޔަގީންކަމުގެ ސަބަބުންނެވެ. އެއްވެސް އެއްޗެއްގެ މުޠުލަޤް ސިފައެއް ނެތްކަން ޔަގީން ވުމާއެކު ކުއްލިއަކަށް ހުރިހައި ސައިންސީ މަސައްކަތްތަކެއް ހުއްޓިދާނެއެވެ. ޢިލްމުގެ ދަތުރު އަބަދަށްޓަކައި ހުއްޓިދާނެއެވެ.

ޒާތީ ކަންތައްތަކުގައިވެސް އޮންނަނީ މި އުސޫލެވެ. އިންސާނާ ދެކެނީ ތިމާއަކީ މުޠުލަޤް މަޚްލޫޤެއް ކަމަށެވެ. މިގޮތަށް ނުދެކޭ ނަމަ އިންސާނާއަކަށް އެންމެ ދުވަހަކުވެސް ދިރިއެއް ނުހުރެވުނީހެވެ. އިންސާނާ ދެކެނީ އޭނާގެ މަންމަޔާއި، އަނބިމީހާޔާއި، ދަރިންނަކީ މުޠުލަޤް ބައެއް ކަމަށެވެ. ޢާއިލާ ދެމިއޮންނަނީ މި ތަޞައްވުރުގެ މަތީގައެވެ. އެހެންނޫންނަމަ އިންސާނާގެ ދިރިއުޅުމުގެ ނިޒާމް މުޅިން ފުނޑުފުނޑުވެގެން ހިނގައްޖައީހެވެ. ހަމައެހެންމެ އިންސާނާ ދެކެނީ އޭނާގެ މުދަލާއި، ކާރާއި، ބޭންކް ބެލަންސަކީވެސް މުޠުލަޤް އެއްޗެހިކަމުގައެވެ. އެހެންނޫންނަމަ އޭނާގެ މަޢާޝީ ދިރިއުޅުންވެސް ކުރިއަރައިގެންނެއް ނުދިޔައީހެވެ.

ކަންތައްތައް މިހެން އޮތް އިރު ތެދަކީ މުޠުލަޤް އެއްޗެއް ނޫން ކަމަށް ގަބޫލު ކުރުމަކީ ތެދަކީ އިސްތިސްނާއެއް ކަމަށް ގަބޫލު ކުރުމެވެ. އާދެ، ތެދު، ވެގެން ދާނީ މުޠުލަޤް ދުނިޔެއެއްގައި އޮންނަ މުޠުލަޤް ނޫން (non-absolute) އެއްޗަކަށެވެ. އެހެންނަމަވެސް މިފަދަ ޢަޤީދާއެއް ސާބިތު ކުރެވޭނޭ ބުއްދީގެ އެއްވެސް ދަލީލެއް ނެތެވެ. ދުނިޔޭގެ ހުރިހައި އެއްޗަކީ މުޠުލަޤް އެއްޗިއްސަށް ވެފައި، ތެދަކީ އިސްތިސްނާއެއް ކަމަށް، ނުވަތަ މުޠުލަޤް ނޫން އެއްޗެއް ކަމަށް ވުމަކީ ގަބޫލު ކުރެވޭ ކަހަލަ ކަމަކަށް ނުވެއެވެ. މިއީ ހަމައެކަނި ޚިޔާލީ ވާހަކައެކެވެ. މިބާވަތުގެ ޚިޔާލީ ވާހަކަތަކަކީ ބުއްދިއާއި، ވިސްނުމުގެ ބޭނުން ކުރާ މީހުން ގަބޫލު ކުރާ ކަހަލަ ވާހަކަތަކަކަށް ނުވާނެއެވެ.

މިއީ އާދައިގެ ވާހަކައެއް ނޫނެވެ. ވިސްނައިވަޑައިގެން ބައްލަވާށެވެ! އިންސާނާއަށް ދެ ވުޖޫދެއް ލިބިފައި ވެއެވެ. އެއީ ހަށިގަނޑާއި ފުރާނައެވެ. ނުވަތަ ރޫޙެވެ. ތެދު ފިޔަވައި ދެން ކޮންމެ އެއްޗެއްމެ ގުޅިފައި ވަނީ އިންސާނާގެ ހަށިގަނޑުގެ ކޮންމެވެސް ބޭނުމަކާއެވެ. އިންސާނާގެ ރޫޙާނީ ބޭނުންތަކާ ގުޅޭ ހަމައެކަނި އެއްޗަކީ ތެދެވެ. ވުމާއެކު އިންސާނާގެ ހަށިގަނޑުގެ ބޭނުންތައް ފުއްދަން ބޭނުންވާހައި އެއްޗަކާއި، ކަމަކީ މުޠުލަޤް ކަންކަމަށް ނުވަތަ އެއްޗިސަށް ވެފައި، ރޫޙާނީ ބޭނުންތައް ފުއްދަން ބޭނުންވާ އެއްޗަކީ މުޠުލަޤް ނޫން އެއްޗެއް ކަމަށް ގަބޫލު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.

މި ތަފާތު ގަބޫލު ކުރާނަމަ ދުނިޔޭގައި ވަރަށް ބޮޑު ހަމަހަމަނޫންކަމެއް އެކުލެވިފައިވާ ކަމަށް ގަބޫލު ކުރަން ޖެހެއެވެ. މިތާނގައި މާއްދީ ބޭނުންތައް ފުއްދަން ބޭނުންވާ ހުރިހައި އެއްޗެއް މުޠުލަޤް އެއްޗެހީގެ ގޮތުގައި ލައްވައިފައި ވެއެވެ. އެކަމަކު އިސްތިސްނާއެއްގެ ގޮތުގައި، ރޫޙާނީ ބޭނުންތަކަށް ބޭނުންވާ އެއްޗެހި މުޠުލަޤް އެއްޗެހީގެ ގޮތުގައި މި ދުނިޔޭގައި ލައްވައިފައެއް ނެތެވެ.

ތެދު ގަބޫލު ކުރާ ފަލްސަފާވެރިޔަކު އޭނާ ދެކޭ ޙަޤީޤަތުގެ ދަލީލު ދެއްކުމުގެ ގޮތުން ބުނެފައިވެއެވެ. ތެދަކީ އިންސާނާގެ އެންމެ ބޮޑު ބޭނުމެވެ. ތެދާ ނުލައި އިންސާނާ ވާނީ ފުރިހަމަނޫން މަޚްލޫޤަކަށެވެ. ތެދުގެ ބޭނުންތެރިކަން ބޮޑުކަމުންގޮސް، އިންސާނާއަށް ޖެހިފައިވަނީ ތެދަކީ މުޠުލަޤް އެއްޗެއް ނޫން ނަމަވެސް، ފުލޯކެއްގެ ގޮތުގައި ކަމަށްވިޔަސް އެއީ މުޠުލަޤް އެއްޗެއްކަމަށް ޔަގީން ކުރާށެވެ.

ޙަޤީޤަތުގައި ތެދަކީ މުޠުލަޤް އެއްޗެއް ކަމަށް ގަބޫލު ނުކުރުމަކީ އަމިއްލައަށް ސިކުނޑި މަރައިލުމެވެ. މިކަހަލަ ވާހަކަދައްކާ މީހުން އެމީހުންގެ ވާހަކަތަކަކީ ސީދާ ޙަޤީޤަތެއް ކަމަކަށް ހިތުން ގަބޫލެއް ނުކުރެއެވެ. ގަބޫލު ކުރާ ނަމަ މިހަކަލަ ވާހަކަތަކެއް ނުދެއްކީހެވެ.

ތެދަކީ މުޠުލަޤް އެއްޗެއް ކަމަށް ގަބޫލު ނުކުރުމަކީ ޚުދު ތިމާގެ މަންމަ މުޠުލަޤް ކަމަށް ގަބޫލު ނުކުރުން ކަހަލަ ކަމެކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އޭނާގެ މަންމައަކީ އޭނާގެ މަންމަކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މަންމައަށް ނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ސަލާމަތް ބުއްދިއެއް ހުރި އެއްވެސް އިންސާނަކު މިފަދަ މުޠުލަޤް ޙައިސިއްޔަތެއް ނެތް (non-absolute)ނަޒަރިއްޔާއެއް ގަބޫލު ނުކުރާނެކަން ކަށަވަރެވެ. ހަމައެހެންމެ ތެދަކީވެސް މުޠުލަޤް އެއްޗެއް ނޫނޭ ބުނާ ބުނުމަކީ ބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލު ކުރާނޭ ވާހަކައެއް ނޫނެވެ. އަދި ތެދަކީ ރިލޭޓިވް އެއްޗެކޭ Aވެސް ރަނގަޅު ވެދާނެއޭ، B ވެސް ރަނގަޅު ވެދާނެއޭ ނުވަތަ C އާއި D ވެސް ރަނގަޅު ވެދާނެއޭ، މިހެން ގޮސް Z އާ ހަމައަށްވެސް ކަންތައް އޮތް ގޮތަކީ މިއީއޭ ބުނާ ބުނުމަކީ އެއްވެސް މީހަކު ގަބޫލު ކުރާނޭ ވާހަކައެއް ނޫނެވެ.

އަދި އޭ އިން ފެށިގެން ޒެޑާ ހަމައަށް އެއްވެސް އެއްޗެއް ރަނގަޅު ނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި ތެދަކީ އެނޫން އެހެން އެއްޗަކަށް ވުމަކީ ނުވަތަ ތެދެއް އަމުދުން ނެތުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިއީ ފުރިހަމަ ސިކުނޑިއެއް އޮތް އެއްވެސް މީހަކު ތަޙައްމަލު ކުރަން ބޭނުން ނުވާނޭ ފިކުރީ އަރާމެއް (intellectual luxury) ކަން ކަށަވަރެވެ.

އަދި ތިމަންނާއަށް ތެދެއް ނުފެނެއޭ ނުވަތަ ނުހޯދެއޭ އަދި މިދަނީ ހޯދަމުންނޭ ކޮންމެ މީހަކަށްވެސް ބުނެވިދާނެއެވެ. އެކަމަކު ތެދަކީ މުޠުލަޤް އެއްޗެއް ނޫނޭ އެއްވެސް މީހަކަށް ނުބުނެވޭނެއެވެ.

އިންސާނާ ދިރިއުޅޭ ކާއިނާތުގެ ކޮންމެ އެއްޗަކީވެސް މުޠުލަޤް އެއްޗެކެވެ. ތަރިއެއް ވާނީ ހަމަ ތަރިއަކަށެވެ. ނީލަގެރިއެތަކަށް ނުވާނެއެވެ. ހަމައެހެންމެ އެތެއް ވާނީ އެތަކަށެވެ. ތަރިއަކަށް ނުވާނެއެވެ. ކޮންމެ އެއްޗަކީވެސް މުޠުލަޤް ހައިސިއްޔަތެއް ލިބިފައިވާ އެއްޗެކެވެ. މުޠަލްޤް އެއްޗެއްކަން ކަށަވަރު ނުވާ އެއްޗެހި، މުޠުލަޤް އެއްޗެއްކަން ސާބިތުވާންދެން އިންސާނާ ދަނީ ކެނޑިނޭޅި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އިންސާނާގެ ޝަޚްޞިއްޔަތުގެ ކަންތައްވެސް އޮތީ މިހެންނެވެ. އިންސާނާއަކީ ޠަބީޢީގޮތުންވެސް މުޠުލަޤްވާން ބޭނުން މަޚްލޫޤެކެވެ. އޭނާ ބޭނުންވަނީ ކަށަވަރުކަމަކާއެކު ދިރިއުޅޭށެވެ. އަންހެނަކު އޭނާގެ މަންމަގެ ސިފައިގައި ފެނުނީމާ އިންސާނާ ބޭނުންވަނީ އެއީ މުޠުލަޤްކޮށް އޭނާގެ މަންމަގެ ގޮތުގައި އަބަދު ހުންނާނޭ މީހެއްކަމުގެ ޔަގީންކަން ހޯދާށެވެ. މުދަލެއް އޭނާގެ އެއްޗަކަށް ވުމާއެކު އެޔަށް މުޠްލަޤް ހައިސިއްޔަތެއް ލިބި، އެއީ އޭނާގެ މުދަލެއްކަމުގެ ޔަގީންކަން އަބަދުވެސް ހިތުގައި ބާއްވަން އިންސާނާ ބޭނުންވެއެވެ. މިހެން ނުވެއްޖެ ނަމަ އިންސާނާ ކޮންމެ ކަމަކާމެދުވެސް އަދި ކޮންމެ އެއްޗަކާމެދުވެސް ޝައްކު ކުރާނެއެވެ. ދިރިއުޅޭނީ ޔަގީންކަމެއްނެތް (uncertainty) ހާލަތެއްގައެވެ. ޔަގީންކަމެއް ނެތް ހާލަތެއްގައި އިންސާނަކަށް ދިރިނޫޅެވޭނެކަމީ ދެކޮޅު ހެދެން ނެތް ޙަޤީޤަތެކެވެ.

މި ޙަޤީޤަތްތަކުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެނގެނީ މުޠުލަޤް ގެ ތަޞައްވުރަކީ އިންސާނާގެ ފިޠުރަތާ ގުޅިފައިވާ ތަޞައްވުރެއްކަމެވެ. މި ދުނިޔޭގައި

.އެއްވެސް އެއްޗަކީ މުޠުލަޤް އެއްޗެއް ނޫނަކްމަށް ގަބޫލު ކުރުމަކީ އިންސާނާގެ ފިޠުރަތާ ޚިލާފު ކަމެކެވެ.

ތެދަކީ މުޠުލަޤް އެއްޗެއް ނޫންކަމަށް ގަބޫލު ކުރުމަކީ ޙައްޤު އެއްޗެއް ނެތް ކަމަށް ގަބޫލު ކުރުމެވެ. މިފަދަ ތަޞައްވުރެއް ގާއިމުކޮށްފި ނަމަ އިންސާނާ އުޅޭނީ ޝައްކުގެ (sceptic)ތެރޭގައެވެ. ޝައްކުގެ ތެރޭގައި ދިރިއުޅުމަކީ އެއްވެސް އިންސާނަކަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ.