ލިޔުއްވީ: އައްޝައިޚް ޢަބްދުﷲ ޙާމިދު
ނަމާދުގައި ހުންނައިރު ތަފާތު ޚިޔާލުތައް އައިސް ތިބާ ވަށާލާ ހެއްޔެވެ؟ ދުނިޔަވީ ތަފާތު ކަންކަމަށް ވިސްނުން ގޮސް އެކަމުގެ ތެރޭގައި ނަމާދުގައި ހުރެވޭ ގޮތްވޭ ހެއްޔެވެ؟ ގިނަފަހަރަށް މިހެން ދިމާވަނީ ޝައިޠާނާ އައިސް ނަމާދުގައި ތިމާގެ ޚުޝޫޢަތްތެރިކަން ގެއްލުވާލުމަށް އުނދަގޫކުރާތީއެވެ. މިފަދައިން ކަންތައް ދިމާވާނަމަ އެކަން ހައްލުކުރާނެގޮތް މާތް ނަބިއްޔާ ﷺ ވަނީ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައެވެ.
ޢުޘްމާނު ބުނު އަބިލް ޢާޞް ނަބިއްޔާ ﷺ ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. "ހަމަކަށަވަރުން ޝައިޠާނާ ތިމަން ނަމާދަށް ހުންނައިރު ތިމަންނައާއި ތިމަންނަގެ ނަމާދާއި ކިޔެވުމާއި ދެމެދަށްވަދެ ތިމަންނަގެ ނަމާދު އޮޅުވަން މަސައްކަތަކުރަނީއެވެ." އެހެން ވިދާޅުވުމުން ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. "ذَاكَ شَيْطَانٌ يُقَالُ لَهُ خِنْزِبٌ فَإِذَا أَحْسَسْتَهُ فَتَعَوَّذْ بِاللَّهِ مِنْهُ وَاتْفِلْ عَلَى يَسَارِكَ ثَلاَثًا" (رواه مسلم) މާނައީ: "އެއީ ޚިންޒިބު އޭ ކިޔޭ ޝައިޠާނާއެވެ. (އެއީ އެޝައިޠާނާ ކުރާކަމެކެވެ.) ފަހެ ތިބާއަށް އެ ޝައިޠާނާގެ އިޙްސާސްކުރެވިއްޖެނަމަ ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދި އަޢޫޛު ކިޔާށެވެ. އަދި ތިމާގެ ވާއަތްފަރާތަށް ތިންފަހަރު ފުމެލާށެވެ." ޢުޘްމާނު ބުނު އަބިލް ޢާޞް ވިދާޅުވިއެވެ. "ތިމަން އެގޮތަށް ކަންތައް ކުރީމެވެ. ދެން މާތްﷲ ތިމަންނަގެ ކިބައިން އެކަން ދުރުކުރެއްވިއެވެ."
އަދި މީގެ އިތުރުން މިފަދަ ވަސްވާސްތަކުން ދުރުވުމަށްޓަކައި ރަނގަޅަށް ނަމާދަށް ތައްޔާރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ވުޟޫކޮށްގެން މިސްކިތަށް ދިޔުމާއި، ނަމާދުގެ ކުރިން ސުންނަތް ކުރުމާއި، ނަމާދުގައި ކިޔާތަކެތީގެ މާނަ ދަސްކުރުމާއި، ނަމާދުގެ ވާޖިބުތަކާއި ރުކުންތަކާއި ސުންނަތްތަކުގެ އިތުރުން ނަމާދުގެ އެހެނިހެން އަޙްކާމުތައް ދަސްކުރުމަކީ މިފަދަ ވަސްވާސްތަކުން ދުރުވެ ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމެވެ.
މަސްދަރު: އިލްމް.އެމްވީ